ޚަބަރު

އޮސްޓްރޭލިޔާގެ ދެކުނަށް މޫސުން ގޯސްވެ ބޮޑު ސަރަޙައްދަކުން ކަރަންޓު ކެނޑިއްޖެ


އޮސްޓްރޭލިޔާގެ ދެކުނުގައި އޮންނަ ސަރަޙައްދުތަކުގެ މޫސުން ކުއްލި ގޮތަކަށް ގޯސްވެ, ވިކްޓޯރިޔާ އަދި ޓެސްމޭނިޔާގައި ހިނގި ހާދިސާތަކުގައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ. އެ ސަރަޙައްދުތަކުގައި ވައި ބާރުވެ ބޯކޮށް ވާރޭވެހުމާ ގުޅިގެން ބޮޑު ސަރަޙައްދެއްގައި ވަނީ ވަނީ ފެންބޮޑުވެފައެވެ. އަދި, 120,000އެއްހާ ގޭބީސީން ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވެފައި ވަނީ 63 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ, އާދަޔާ ޚިލާފަށް ވައިބާރުވެ ވިކްޓޯރިޔާ އަދި ނިއު ސައުތް ވެލްސާ ދެމެދުގެ ސަރަޙައްދެއްގައި ހުންނަ ގެއެއްގެ މައްޗަށް ބިޔަ ގަހެއް ވެއްޓުމާ ގުޅިގެންނެވެ. "މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް, މަރުވި އަންހެން މީހާގެ ޢާއިލާއަށް ތަޢުޒިޔާ ކިޔަން،" ވިކްޓޯރިޔާގެ ޕްރިމިޔަރ ޖެސިންތާ އެލެން ވިދާޅުވިއެވެ.

ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ބިޔަ ގަސްގަހާގެހި ވެއްޓުމާއި މީހުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުންވުމުގެ 2,400އެއްހާ ހާދިސާ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމުގައި އެލެން ވިދާޅުވިއެވެ. އަދި, 180,000އެއްހާ ގޭބީސީން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަަށާއި, އޭގެ ތެރެއިން 40,000 ގޭބީސީއަށް މިހާރު ޚިދުމަތް އަލުން ގުޅައިދީފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އޮސްޓްރޭލިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވިކްޓޯރިޔާ ސްޓޭޓްގެ އިރުދެކުނު އައްސޭރިފަށުގެ ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. އެ ސަރަޙައްދަށް ގަޑިއަކު 150 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމުގައި ވެސް އެ އިދާރާއިން ހާމަ ކުރިއެވެ.

މި ކަމާ ގުޅިގެން, ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައި, ކަނޑުމައްޗަށް ނުނިކުތުމަށް އެ ސްޓޭޓްގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ އިރުޝާދު ދީފައެވެ. އަދި, ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރު ވެސް ވަނީ ކޮށްފައެވެ. މޫސުން ގޯސްވުމާ އެކު އޮސްޓްރޭލިޔާގެ ދެކުނުގައި އޮތް ޓެސްމޭނިޔާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި, ގިނަ ޢަދަދެއްގެ ގޭބީސީން ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ.

އޮސްޓްރޭލިޔާގެ ދެކުނުގެ ސަރަޙައްދުތަކުގައި ކުއްލި ގޮތަކަށް މޫސުން ގޯސްވެފައި މި ވަނީ, ފިނި މޫސުމުގައި ފިނިހޫނުމިން ޢާންމުކޮށް ނުއުފުލޭ މިންވަރަކަށް އުފުލިފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. ނިއު ސައުތް ވޭލްސްގެ ވެރިރަށް ސިޑްނީގެ ސަރަޙައްދުތަކުގެ ފިނިހޫނުމިން 30 ޑިގްރީ ސެލްސިއެސްއަށް އުފުލުނު ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަ ކުރިއެވެ. މިއީ, ފިނި މޫސުމުގައި އާދަޔާ ޚިލާފު ކަމެކެވެ.