ޚަބަރު

ރަތް ކަނޑުގައި ސަޢޫދީ ތެޔޮ ޓޭންކަރަކަށް ވެސް ޙަމަލާ ދީފި


ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ޓޭންކަރަކާއި ޕެނަމާގެ ދިދަ ޖަހައިގެން ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ދަޢުލަތުގެ ތެޔޮ ކުންފުނިން އޮޕަރޭޓް ކުރާ އަމްޖަދުގެ ނަން ދީފައިވާ އުޅަނދާއި, ޕެނަމާގެ ބްލޫ ލެގޫން އެކެއްގެ ނަން ދީފައިވާ ތެޔޮ ޓޭންކަރަށް ޙަމަލާ ދީފައި ވަނީ ޔަމަންގެ އައްސޭރިފަށުން ދަތުރު ކުރަމުން ދަނިކޮށެވެ. އެ ޙަމަލާތަކުގެ ފަހަތުގައި އޮތީ ޔަމަންގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ކަން ކަށަވަރެއް ނޫނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދަޢުލަތުގެ ޝިޕިންގ ކުންފުނި, ބަޙްރީނުން މި ހާދިސާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނެތެވެ. އަމްޖަދަކީ 2 މިލިޔަން ފީފާގެ ތެޔޮ ބަރު ކުރެވޭ ބޮޑު އުޅަނދެކެވެ. ޙަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ ހަތިޔާރުތައް އަމްޖަދަށް އަމާޒުވެފައި ނުވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި, ޙަމަލާތަކުގައި ދެ އުޅަނދަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި, އެއްވެސް ފަޅުވެރިއެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް, ހާދިސާގެ މަޢުލޫމާތު އިނގޭ މަސްދަރުތަކުން ބުންޏެވެ. ބްލޫ ލެގޫން އެކަކީ 1 މިލިޔަން ފީފާގެ ތެޔޮ ބަރު ކުރެވޭ އުޅަނދެކެވެ.

ރަތް ކަނޑުގައި ޙޫޘީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން މޮނީޓަރު ކުރަމުންދާ ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރ (ޖޭއެމްއައިސީ)ން ބުނީ, ބްލޫ ލެގޫން އެކަކަށް ޙޫޘީންގެ ތިން ބެލިސްޓިކް މިސައިލް އަރާފައިވާ ކަމުގައެވެ. އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ޔަމަންގެ އުތުރު ބަނދަރުމަތީ ރަށް ޞުލަޔިފުގެ ހުޅަނގުއުތުރުން 70 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށް ކަމުގައި ވެސް އެ އިދާރާއިން ހާމަ ކުރިއެވެ. "އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ, އެ އުޅަނދު އޮޕަރޭޓު ކުރާ ކުންފުނީގެ އެހެން އުޅަނދުތަކުން އިސްރާއީލަށް މުދާ ގެންދާތީ ކަމަށް ބެލެވޭ،" ޖޭއެމްއައިސީން ބުންޏެވެ.

ޔަމަންގެ އައްސޭރިފަށުން ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާ ދިނުމަށް ޙޫޘީން ދަނީ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް ހިންގަމުންދާ ޙަރަކާތެކެވެ. އެ ޙަރަކާތުގެ ދަށުން ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރާއި, ޒަޔަނިސްޓު ދަޢުލަތަށް މުދާ އުފުލާ އުޅަނދުފަހަރަށެވެ. ޙޫޘީންގެ ޙަމަލާތަކުގައި މިހާތަނަށް ދެ އުޅަނދު ފައްތައިލާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ އެހެން އާގުބޯޓަކަށް ވެސް ޙޫޘީންގެ ޙަމަލާތަކެއް އަމާޒު ކޮށްފައިވާ ކަމުގައި, އާގުބޯޓުފަހަރަށް ރައްކާތެރި ކަން ފޯރުކޮށްދޭ ކުންފުނި, އެމްބްރީން ބުންޏެވެ. އެ އުޅަނދުގެ ނަން ހާމަ ކޮށްފައި ނެތް ނަމަވެސް, އެމްބްރީން ބުނީ އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ޔަމަންގެ ބަނދަރުމަތީ ރަށް, ޙުދަޔިދާގެ ރަށް ބޭރުން 50 ނޯޓިކަލް މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ.

އޭގެ އިތުރުން ޢަދަން ކަނޑުން ދަތުރު ކުރަމުން ދިޔަ ލައިބީރިޔާގެ ދިދަ ޖެހި އުޅަނދަކަށް ވެސް ޙޫޘީން ވަނީ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެއީ, އެމްވީ ގްރޮޓޯންގެ ނަން ދީފައިވާ އުޅަނދަށް ޙަމަލާ ދީފައިވާ ދެވަނަ ފަހަރު ކަމުގައި ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ޤާސިމް ސަރީޢު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ކަނޑު ދަތުރުފަތުރުގެ ވިޔަފާރިއާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާ (ޔޫކޭއެމްޓީއޯ)ން ބުނީ, އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ޔަމަންގެ ޢަދަންގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ.

"އެ އުޅަނދަށް ޙަމަލާ ދިނުމުގައި އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންނާއި, ޑްރޯން އަދި މިސައިލް ލަޝްކަރުން ބައިވެރިވި. މީގެ ކުރިން ވެސް, އޮގަސްޓު 3ގައި އެ އުޅަނދަށް ވާނީ ޙަމަލާތަކެއް އަމާޒު ކޮށްފައި،" ސަރީޢު ވިދާޅުވިއެވެ. ދާދި ފަހުން ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ ގްރީސްގެ ތެޔޮ އުފުލާ ޓޭންކަރު, ސޫނިިޔަނަށް ވެސް ޙޫޘީންގެ ވަރުގަދަ ޙަމަލާތަކެއްދީ, ބޮޑެތި ގެއްލުންތަކެއް ދިނެވެ. ނަމަވެސް އެެއަށްފަހު ޙޫޘީން ވަނީ އެ އުޅަނދާއި, އޭގައި ތިބި ފަޅުވެރިން ސަލާމަތް ކުރުމުގެ ފުރުޞަތު ދީފައެވެ.