ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތައް ކާމިޔާބު ކުރަން ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް ވިދާޅުވެ, އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާއަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވައިފިއެވެ. އޭނާ ނިރުބަވެރި ނަތަންޔާހޫއަށް ފާޑު ވިދާޅުވެފައި ވަނީ, ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބައިޑަން ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން މަރުވެފައިވާ ހަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ދަނޑިވަޅެއްގައެވެ. އެ ހަ މީހުންގެ ހަށިގަނޑު ފެނުނީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގެ ބިންގަރާހެއްގެ ތެރެއިންނެވެ. އެ ހަ މީހުންގެ ތެރޭގައި އެމެރިކާގެ ރައްޔިތަކު ވެސް ހިމެނެއެވެ.
ޢުދުވާންތައް ހުއްޓުމަކަށް ގެނެސް, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން އެ ޖަމާޢަތާ އެކު އެއްބަސްވުމެއް އެކުލަަވައިލަން ނަތަންޔާހޫ އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދޭތޯ ނޫސްވެރިއަކު ބައިޑަނާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ, ނަތަންޔާހޫ އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމުގައެވެ. ނަތަންޔާހޫއާ ދެކޮޅަށް ބައިޑަން މި މޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް, އެ ކަމުގެ ތަފުސީލެއް ނުދެއްވައެވެ.
ހައްދުފަހަނަ އެޅި ނަތަންޔާހޫއަށް ބައިޑަން ފާޑު ވިދާޅުވުމުން ޔަހޫދީން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. ޔަހޫދީންގެ އޮފިޝަލުންތަކެއް ބުނީ, ޢުދުވާން ހުއްޓުވައި އަސީރުން މިނިވަން ކުރުމަށް ޙަމާސްގެ ވެރިޔާ ޔަޙްހާ ސަންވާރަށް ބާރު އެޅުމުގެ ބަދަލުގައި ބައިޑަން ނަތަންޔާހޫއަށް ބާރު އެޅުއްވުމަކީ ވަރަށް ބޮޑަށް "ފާހަގަ ކުރެވޭ" އަދި ހައިރާން ކުރުވަނިވި އަމަލެއް ކަމުގައެވެ.
ބައިޑަންގެ ބަހުގެ ޙަމަލާތަކެއް ނަތަންޔާހޫއަށް އަމާޒު ކުރުމުން ދޭހަވަނީ, ޙަމާސާ އެކު އެއްބަސްވުމެއް އެކުލަވައިލަން ހުރަސް އަޅަމުން ދަނީ ޖައްބާރު ނަތަންޔާހޫ ކަން ބައިޑަން ވެސް ޤަބޫލު ކުރައްވާ ކަން ކަމުގައި ޙަމާސުން ދެކެއެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަހްރީ ވިދާޅުވީ, ސުލްޙައަށް ހުރަސް އަޅަމުން ދަނީ ނަތަންޔާހޫ ކަން އެމެރިކާއިން ވެސް ޤަބޫލުކުރާ ކަން ބައިޑަންގެ ބަސްފުޅު ތަކުން ސާފުވެ, ހާމަވެގެން ގޮސްފައިވާ ކަމުގައެވެ.
ނޫސްވެރިންނާ ބައްދަލު ކުރެއްވުމުގެ ކުރިން ބައިޑަނާއި އޭނާގެ ނައިބު ރައީސާ ކަމަލާ ހެރިސް ވަނީ, ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރާ ނެގޯޝިއޭޓަރުންނާ ބައްދަލު ކުރައްވާފައެވެ. ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރަމުން ދަނީ ޤަޠަރާއި މިޞްރުން ގުޅިގެން އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ. މަޝްވަރާތަކުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުން ބައިޑަން ވިދާޅުވީ, ކުރިއަށް އޮތް ބައްދަލުވުންތަކަށް ފައިނަލް ނުވަތަ އެންމެ ފަހުގެ ހުށަހެޅުންތަކެއް ހުށަހަޅަން އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގައެވެ.
ޢުދުވާންތައް ހުއްޓުމަކަށް ގެންނަން ކުރަމުންދާ މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވި ނަމަވެސް, ޔަހޫދީ ފައުޖުގެ ޢުދުވާނާއި ގަތުލުއާންމު މެދުކެނޑުނަ ނުދިނުމަށް ވެސް އެންމެ ބޮޑު މަސައްކަތެއް ކުރަމުން ދަނީ އެމެރިކާއިންނެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, އެތަކެއް ހާސް ބަޔަކު ޒަޚަމު ކުރަން ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ހުއްޓުނަ ނުދޭން, ބައިޑަން ގެންދަވަނީ މެދުކެނޑުމެއް ނެތި ޔަހޫދީންނަށް ނުރައްކާތެރި ހަތިޔާރުތައް ފޯރު ކޮށްދެއްވަމުންނެވެ.
އެއީ, ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެންބަރުން ރުހޭ ކަމެއް ނޫނެވެ. އަދި, ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު, ހެރިސަށް މި ކަމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިވަމުންދާ ޕްރެޝަރު ދަނީ އިތުރުވަމުންނެވެ. ޕްރޮގްރެސިވް ވިސްނުން ގެންގުޅޭ އެ ޕާޓީގެ މެންބަރުން ދަނީ, ޔަހޫދީންނަށް ހަތިޔާރު ފޯރު ކޮށްދިނުން ހުއްޓައިލަން, ނުވަތަ ވަގުތީ ގޮތުން މެދުކަނޑައިލަން ބައިޑަނާއި ހެރިސަށް ބާރު އަޅަމުންނެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,786އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,224އަށް އުފުލިފައެވެ.