ޚަބަރު

ވެނެޒުއެލާގެ މަދޫރޯގެ ރިޔާސީ މަތިންދާބޯޓު އެމެރިކާއިން އަތުލައިގަނެފި


ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ރިޔާސީ މަތިންދާބޯޓު އެމެރިކާއިން އަތުލައިގަނެފިއެވެ. އެމެރިކާގެ އޮފިޝަލުން މަދޫރޯގެ ރިޔާސީ މަތިންދާބޯޓު ހިފަހައްޓައި, އަތުލައިގަނެފައި ވަނީ ޑޮމިނިކަން ރިޕަބްލިކުންނެވެ. އެއަށް ފަހު, އެމެރިކާގެ އޮފިޝަލުން ވަނީ އެ މަތިންދާބޯޓު ފްލޮރިޑާއަށް ގެންގޮސްފައެވެ. އެ ބޯޓު އަތުލައިގެނެފައި ވަނީ, އެއީ މަދޫރޯގެ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ގަނެފައިވާ އުޅަނދެއް ކަމަށް ތުހުމަތު ކޮށެވެ.

ޖުލައި 28ވަނަ ދުވަހު ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް އެ ޤައުމުގެ އިދިކޮޅު އިއްތިޙާދުން ތުހުމަތު ކުރަމުންދާއިރު, ވެރިކަން ދޫކޮށްލައްވަން މަދޫރޯ ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ މަދޫރޯ ކަމުގައި އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ނިންމާފައިވީ ނަމަވެސް, އެމެރިކާއިން ދަނީ އެ ނަތީޖާ ޤަބޫލު ކުރަން އިންކާރު ކުރަމުންނެވެ.

އެ ނަތީޖާއާ ގުޅޭ ގޮތުން ދާދި ފަހުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެފައި ވަނީ, އިންތިޚާބުގައި ކުރި ހޯއްދަވާފައި ވަނީ އިދިކޮޅު އިއްތިޙާދުގެ ކެނޑިޑޭޓު އެދްމުންދޯ ގޮންޒާލޭޒް ކަމަށް އެމެރިކާއިން ޤަބޫލު ކުރާ ކަމުގައެވެ. އަދި, އިންތިޚާބުގެ ނަތީޖާ މަދޫރޯ އޮޅުވައިލައްވާފައިވާ ކަމަށް ތުހުމަތު ކުރައްވައި, މަދޫރޯގެ ސަރުކާރު އެ ކަމަށް ޖަވާބުދާރީ ކުރުވާނެ ކަމުގައި ވެސް ބްލިންކަން ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ޝަރުޢީ އިދާރާއިން ބުނީ, މަދޫރޯ ބޭނުން ކުރައްވާ ޑެސޯ ފެލްކަން 900އީއެކްސް މަރުކާގެ ރިޔާސީ މަތިންދާބޯޓު ހިފަހައްޓާފައި ވަނީ އެމެރިކާއިން މަދޫރާގެ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވުމުން ކަމުގައެވެ. އެމެރިކާގެ ބަންޑާރަނައިބު މެރިކް ގާލެންޑް ވިދާޅުވީ, 13 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އެ މަތިންދާބޯޓު ވެނެޒުއެލާއިން ގަނެފައި ވަނީ ފޭކު ކުންފުނިތަކެއްގެ ނަމުގައި ކަމުގައެވެ. އަދި, އެމެރިކާއިން އެ އުޅަނދު ބޭރު ކޮށްފައި ވަނީ ވެސް ޤަވާޢިދާ ޚިލާފަށް ކަމުގައި އޭނާ ތުހުމަތު ކުރެއްވިއެވެ.

"މި އަމަލުން އެ މީހުންނަށް ސާފު މެސެޖެއް ދެމާ: ޤަވާޢިދާ ޚިލާފަށް އެމެރިކާގެ ކުންފުންޏަކުން މަތިންދާބޯޓެއް ގަނެގެން, އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ވެނެޒުއެލާގެ އޮފިޝަލުންތަކަކަށް އޮއްސެމުންދާ އިރާ ދިމާލަށް އެ އުޅަނދުގައި ދަތުރެއް ނުކުރެވޭނެ،" އެމެރިކާގެ ކޮމަރސް ޑިޕާޓްމަންޓުގެ އިސް އޮފިޝަލެއް ކަމުގައިވާ މެތިޔު އެކްސެލްރޮޑް ވިދާޅުވިއެވެ.

އެމެރިކާއިިން ބުނީ, މަދޫރޯގެ ރިޔާސީ މަތިންދާބޯޓު އަތުލައިގަނެފައި ވަނީ ޑޮމިނިކަަން ރިޕަބްލިކްގެ ސަރުކާރުގެ އެހީތެރިކަމާ އެކުގައި ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން މަދޫރޯގެ ސަރުކާރުން އަދި ވަކި އެއްޗެއް ހާމަ ކޮށްފައެއް ނެތެވެ. "މިއީ [މަތިންދާބޯޓު އަތުލައިގަތުމަކީ] ވެނެޒުއެލާގެ ސަރުކާރު ހިންގުމުގައި މަދޫރޯ އަޅުއްވަމުން ގެންދަވާ ކަސިޔާރު ފިޔަވަޅުތަކުގެ ނަތީޖާ ކަން އެ މީހުންނަށް ކަށަވަރު ކޮށްދެވޭނެ ފިޔަވަޅެއް،" ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އޮފިޝަލަކު ބުންޏެވެ.

ޖުލައި 28ވަނަ ދުވަހު ވެނެޒުއެލާގައި ބޭއްވި އިންތިޚާބުގެ ނަތީޖާ މަދޫރޯގެ ސަރުކާރުން އޮޅުވައިލާފައިވާ ކަމުގެ ގިނަ ހެކިތަކެއް, އެ ކަން ތަޙުޤީޤު ކުރަމުންދާ މިނިވަން އިދާރާތަކުން ހޯދާފައިވާ ކަމުގައި ވެސް ނަން ހާމަ ކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލު ބުންޏެވެ. އަދި, މަދޫރޯ މި ވަގުތު ވެރިކަމުގައި ދެމިހުންނެވީ އިދިކޮޅުގެ އަޑު ކަނޑުވައިލުމަށް ފަހު, ގަދަ ބާރުން ކަމުގައި ވެސް އެ އޮފިޝަލު ތުހުމަތު ކުރިއެވެ. އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ތުހުމަތުކޮށް, އެތަކެއް ސަތޭކަ ހާސް ބަޔަކު މަގުތަކަށް ނިކުމެ, މަދޫރޯގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.