ޚަބަރު

ކޮންމެ ދުވަހަކު ވެސް ޔޫކްރެއިންގެ ބިމުން ބައެއް ރަޝިޔާގެ ބާރުގެ ދަށަށް


ޔޫކްރެއިންގައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ފައުޖުން ކޮންމެ ދުވަހަކު ވެސް އެތަކެއް އަކަ ކިލޯމީޓަރެއްގެ ބިމަށް އަތްގަދަ ކުރަމުންދާ ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހާމަ ކުރައްވައިފިއެވެ. އޭނާ އެ ކަން ހާމަ ކުރައްވާފައި އެ ވަނީ, ޔޫކްރެއިންގެ އިރުމަތީގައި އެ ޤައުމުގެ ސިފައިން ގާއިމު ކޮށްފައިވާ ދިފާޢީ ރޮޮނގުތައް ފޫއަޅުވައިލަން ރަޝިޔާގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި, ރަޝިޔާގެ ބިންތަކަށް ވެރިވެގަނެފައިވާ ޔޫކްރެއިންގެ ފައުޖުތައް ފަހަތަށް ޖައްސަން ރަޝިޔާގެ ސިފައިން މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.

ޔޫކްރެއިންގެ ސިފައިން އޮގަަސްޓު 6ގައި ރަޝިޔާގެ ހުޅަނގު ކޫރްސްކް ސަރަޙައްދަށް އަރައިގަނެފައިވާއިރު ރަޝިޔާގެ ފައުޖުތަކުން މި ވަގުތު މަސައްކަތް ކުރަމުން ދަނީ ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ޕޯކްރޮވްސްކަށް އަތްގަދަ ކުރާށެވެ. އަދި, ޔޫކްރެއިންގެ ފައުޖުތަކުން ދަނީ, ހަނގުރާމައިގައި ރަޝިޔާއަށް މުހިންމުވާނެ ކަމަށް ބެލެވޭ ޕޯކްރޮވްސްކު ދިފާޢު ކުރަން މަސައްކަތް ކުރަމުންނެވެ.

"އޮޕަރޭޝަނުގައި މީގެ ކުރިން ދޮންބާސްގައި [ސަރަޙައްދުގައި] ހޯދިފައިނުވާ ފަދަ ބޮޑެތި ކާމިޔާބީތަކެއް އަޅުގަނޑުމެން މި ދަނީ ހޯދަމުން. މި ދެންނެވީ, ކޮންމެ ދުވަހަކު ވެސް 600އާއި 1,000 ފޫޓުގެ ސަރަޙައްދަކަށް އަތްގަދަ ކުރަމުންދާ ވާހަކަ. ރަޝިޔާގެ ފައުޖުތަކުން ދަނީ ކޮންމެ ދުވަހަކު ވެސް އެތަކެއް އަކަ ކިލޯމީޓެއްގެ ބިމުގެ ކޮންޓްރޯލް ހޯދަމުން،" ރަޝިޔާގެ މަދަރުސާއެއްގެ ދަރިވަރުންނަށް ފިލާވަޅެއް ނަންގަވައި ދެއްވަމުން ޕުޓިން ވިދާޅުވިއެވެ.

ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ ރަޝިޔާގެ ބްލޮގަރުން ބުނީ, ޕޯކްރޮވްސްކުގެ އިތުރުން ޔޫކްރެއިންގެ ދެ ރަށެއް ކަމުގައިވާ ސެލީދޮވޭ އަދި އުކްރައިންސްކުގައި ވެސް ރަޝިޔާގެ ސިފައިން ޔޫކްރެއިންގެ ފައުޖުތަކާ ކުރިމަތިލަމުންދާ ކަމުގައެވެ. އެއީ ވެސް ދޮންބާސްގައި އޮންނަ ދެ ރަށެކެވެ.

ޔޫކްރެއިނަށް އުފަން ރަޝިޔާއަށް ތާޢީދު ކުރާ ބްލޮގަރު ޔޫރީ ޕޮދޮލްޔަކާ ބުނީ, ޕޯކްރޮވްސްކުގެ ދެކުނުން 20 ކިލޯމީޓަރު ދުރުގައި އޮތް ސެލީދޮވޭ އަދި އެ ރަށުގެ ދެކުނުން 14 ކިލޯމީޓަރު ދުރުގައި އޮތް އުކްރައިންސްކުގެ ރަށް ބޭރަށް ރަޝިޔާގެ ފައުޖުތައް މިހާރު ޖަމާ ކޮށްފައިވާ ކަމުގައެވެ. ރަޝިޔާގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, ސެލީދޮވޭގައި ތިބި ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖައްސާފައިވާ ކަމުގައެވެ. ނަމަވެސް, ޔޫކްރެއިނުން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.

ރަޝިޔާގެ ފައުޖުގެ މި ވަގުތުގެ މައިގަނޑު އެއް އަމާޒަކީ ދޮންބާސްގެ ދެކުނުގައި އޮތް ކޫރާހިވްކާ ކޮންޓްރޯލް ކުރުން ކަމަށް ބެލެވެއެވެ. އަދި, ޕޯކްރޮވްސްކާއި ދޮންޏެސްކު ގުޅޭ މައި މަގުގެ ކޮންޓްރޯލް ރަޝިޔާގެ ސިފައިން ހޯދައިފި ނަމަ, އެ ސަރަޙައްދުގެ ބޮޑު ބިމަކަށް ވެރިވެގަތުމުގެ ފުރުޞަތު ބޮޑެވެގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ބައެއް ބްލޮގަރުން ބުންޏެވެ.

މީގެ އިތުރުން, ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ފައުޖުތަކާ ރަޝިޔާގެ ސިފައިން ދަނީ ކުރިމަތިލަމުންނެވެ. އަދި, އެ ސަރަޙައްދަށް އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ސިފައިންގެ އަމާޒުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ކޫރްސްކުގެ 100އެއްހާ އަވަށް ހިމެނޭ ގޮތުން 1,200އެއްހާ އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާނެ ކަމަށް ޔޫކްރެއިނުން ބުނެއެވެ.

ޔޫކްރެއިންގެ 18 އިންސައްތަ ސަރަޙައްދެއް މިހާރު ވެސް އޮތީ ރަޝިޔާގެ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ. އޭގެ ތެރޭގައި ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.