ޚަބަރު

ބައެއް ހަތިޔާރު ވިއްކުން އިނގިރޭސިވިލާތުން މެދުކަނޑައިލުމުން ޔަހުދީން ރަތަށް


އިނގިރޭސިވިލާތުން ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް ސޮއި ކޮށްފައިވާ 350 އެއްބަސްވުމުގެ ތެރެއިން 30 އެއްބަސްވުމަކަށް އަމަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލައިފިއެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލާމީ ވިދާޅުވީ, ޔަހޫދީންނާ އެކު ހަދާފައިވާ 30 އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ލައިސެންސުތަކަށް އަމަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލާފައި ވަނީ, އެ އެއްބަސްވުންތަކުގެ ދަށުން ޔަހޫދީންނަށް ފޯރު ކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކުށްތައް ކުރުމުގެ ފުރުޞަތު އޮތުމުން ކަމުގައެވެ.

ޔަހޫދީންނަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ފޯރުކޮށްދިނުން އިނގިރޭސިވިލާތުން މެދުކަނޑައިލާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އެ ޢުދުވާނުގައި ޔަހޫދީން ދަނީ އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ ހަތިޔާރު ވެސް ބޭނުން ކުރަމުންނެވެ. ނަމަވެސް, ޔަހޫދީންނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދެނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިންނެވެ.

ލާމީ ވިދާޅުވީ, ޔަހޫދީންނަށް ފޯރުކޮށްދިނުން މެދުކަނޑައިލާފައި ވަނީ ޣައްޒާ ޢުދުވާނުގައި ފަލަސްޠީނުގެ މުސްލިމުންނަށް ޙަމަލާ ދޭން ބޭނުން ކުރެވޭނެ ހަތިޔާރުތައް ކަމުގައެވެ. "އަމިއްލަ ދިފާޢުގައި ފިޔަވަޅުތައް އެޅުމުގެ ޙައްޤު ޔަހޫދީންނަށް އޮތް ކަން އަޅުގަނޑުމެން ޤަބޫލު ކުރަން. ނަމަވެސް, އެ ކަން ހާސިލު ކުރަން އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތަކާ މެދު އަޅުގަނޑުމެން ކަންބޮޑުވޭ. ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވަމުންދާ [ޝަހީދުވަމުންދާ] ކަމާއި, ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ރިޕޯޓުތަކާ މެދު ކަންބޮޑުވޭ،" އިނގިރޭސިިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ލާމީ ވިދާޅުވިއެވެ.

ލޭބަރ ޕާޓީން އިނގިރޭސިވިލާތުގެ ވެރިކަމާ ޖުލައި މަހު ހަވާލުވުމާ އެކު ލާމީ ވަނީ ޔަހޫދީންނަށް ހަތިޔާރު ކޮށްދިނުމަށް ހަދާފައިވާ އެއްބަސްވުންތައް މުރާޖާ ކުރާނެ ކަން ހާމަ އިޢުލާނު ކުރައްވާފައެވެ. ބޭނުމަކީ, ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ޔަހޫދީ ފައުޖުން އިޙުތިރާމު ކުރާ ކަން ކަށަވަރު ކުރުން ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑަށް ލިބިފައިވާ ރިޕޯޓުތަކަށް ބަލާއިރު, އިނގިރޭސިވިލާތުން އިސްރާއީލަށް ފޯރު ކޮށްދެމުންދާ ހަތިޔާރު ބޭނުން ކޮށްގެން އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރުމުގެ ފުރުޞަތު ވަރަށް ބޮޑު. އެ ނޫން ގޮތަކަށް އެ ރިޕޯޓުތައް މާނަ ކުރެވޭކަށް ނެތް،" އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ހައުސް އޮފް ކޮމަންސްގައި ލާމީ ވިދާޅުވިއެވެ.

ބޭރު ޤައުމުތަކުން ޔަހޫދީންނަށް ފޯރުކޮށްދެމުންދާ ހަތިޔާރުގެ ތެރެއިން އިނގިރޭސިވިލާތުން ފޯރުކޮށްދެމުން ދަނީ އެންމެ 1 އިންސައްތަ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޔަހޫދީންނަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ފޯރުކޮށްދިނުން އިނގިރޭސިވިލާތުން މެދުކަނޑައިލި ނަމަވެސް, ޒަޔަނިސްޓު ދަޢުލަތުގެ ދިފާޢީ ކަންކަމަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމުގައި ވެސް ލާމީ ވިދާޅުވިއެވެ. އަދި, ޔަހޫދީންގެ ދަޢުލަތުގެ ޙިމާޔަތަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި އިނގިރޭސިވިލާތުން ދެމި އޮންނާނެ ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ.

ނަމަވެސް, ޔަހޫދީން ވަނީ އިނގިރޭސިވިލާތުގެ ނިންމުމަށް ފާޑު ކިޔާފައެވެ. ޒަޔަނިސްޓު ދަޢުލަތުގެ ހައްދުފަހަނަ އެޅި ޚާރިޖީ ވަޒީރު އިސްރައެލް ކަޓްޒު ބުނީ, އިނގިރޭސި ސަރުކާރުގެ ނިންމުމާ އެކު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިތުރުން އީރާނަށް ވަރަށް މައްސަލަ ބޮޑު މެސެޖެއް ދީފައިވާ ކަމުގައެވެ.

ޒަޔަނިސްޓު ދަޢުލަތުން އެއްވެސް ބައިނަލްއަޤުވާމީ ޤާނޫނެއް މުގުރައިލާފައިވާ ކަމަށް އިނގިރޭސި ސަރުކާރުން ޤަބޫލު ނުކުރާ ކަމުގައި ވެސް ލާމީ ވިދާޅުވިއެވެ. "މިއީ ކުރިމަގަށް ވިސްނާފައި އަޅާފައިވާ ފިޔަވަޅެއް. މިއީ އެއްވެސް ހާލެއްގައި, [އިސްރާއީލުން] ކުށްވެރިވާ ކަން ނުވަތަ ނޫން ކަން ކަނޑައަޅާ ނިންމުމެއް ނޫން،" ލާމީ ވިދާޅުވިއެވެ.

ލޭބަރގެ ބޮޑުވަޒީރު ކީރް ސްޓާމަރއަށް ޖުލައި އިންތިޚާބުގައި ބޮޑު ކާމީޔާބީއެއް ލިބިފައިވީ ނަމަވެސް, އިނގިރޭސިވިލާތުގެ މުސްލިމުންގެ އާބާދީގެ ތާޢީދު އޭނާއަށް ކުޑަ ކަން ފާހަގަ ކުރެވެއެވެ. އަދި, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ޤައުމުގެ މުސްލިމުން ދަނީ ސްޓާމަރގެ ސަރުކާރަށް ގޮވައިލަމުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކުށްތައް ހިންގަމުންދާ ކަން ހެއްކާ އެކު ހާމަވެފައިވާ ދަނޑިވަޅެއްގައި, ޔަހޫދީންނަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ފޯރު ކޮށްދިނުން އިނގިރޭސިވިލާތުން މެދުކަނޑައިލުމުން ގިނަ ބަޔަކު ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް, އޭގެ ތެރޭގައި އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ނުހިމެނޭތީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވެސް ވަނީ އިނގިރޭސިވިލާތުގެ ސަރުކާރަށް އަމާޒުވެފައެވެ.

"އިނގިރޭސިވިލާތުގެ ނިންމުމުން ދޭހަވަނީ, ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަން. ނަމަވެސް, އޭގެ ތެރޭގައި އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ވިއްކުމާ ބެހޭ އެއްބަސްވުން ނުހިމެނުމަކީ ބަލައިގަނެވޭ ކަމެއް ނޫން. އެއީ, ނުޙައްޤު ނިންމުމެއް،" މަސްރަޙު ދިރާސާ ކުރާ ކެމްޕޭން އަޖެއިންސްޓް އާމްސް ޓްރޭޑްގެ ސޭމް ޕިރްލޯ-ފްރީމަން ވިދާޅުވިއެވެ.

އެމެރިކާއިން އަމަލު ކުރަމުންދާ ގޮތާ ޚިލާފަށް, ޔަހޫދީންނަށް އިނގިރޭސިވިލާތުން ހަތިޔާރު ފޯރު ކޮށްދެނީ ހަތިޔާރު އުފައްދާ ކުންފުނިތައް މެދުވެރިކޮށެވެ. އަދި, ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ޔަހޫދީން އިޙުތިރާމު ކުރާ ކަން ކަށަވަރު ކުރުމަށް ޤާނޫނީ ވަކީލުންގެ ޓީމުތައް ބޭނުން ކުރެއެވެ. ނަމަވެސް, އެމެރިކާއިން ދާދި ފަހުން ވެސް ވަނީ 20 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ޔަހޫދީންނަށް ފޯރު ކޮށްދޭން ނިންމާފައެވެ. އޭގެ ތެރޭގައި އަސްކަރީ މަތިންދާބޯޓުތަކާއި ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ހިމެނެއެވެ.