ޚަބަރު

އަސީރުން ބަލަހައްޓާ ގާޑުން އަމަލު ކުރަނީ އައު އިރުޝާދުތަކަށް: ޙަމާސް


ޔަހޫދީންގެ އަޅުވެތި ކަމަށް ކެތް ނުކުރެވިގެން, ދެކޮޅު ހެދުމުގެ ގޮތުން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޒަޔަނިސްޓު ދަޢުލަތަށް ދިން ކުއްލި ޙަމަލާގެ ތެރެއިން ރަހީނު ކޮށްފައިވާ އަސީރުން ބެލެހެއްޓުމުގެ ޒިންމާ މަތި ކޮށްފައިވާ ގާޑުން މި ވަގުތު އަމަލު ކުރަމުން ދަނީ އައު އިރުޝާދުތަކެއްގެ ދަށުން ކަމުގައި އެ ޖަމާޢަތުން ބުނެފިއެވެ. އެ ޖަމާޢަތުން އެ ކަން ހާމަ ކޮށްފައި ވަނީ, ޣައްޒާގެ ދެކުނުގައި އޮންނަ ރަފަޙުގެ ބިންގަރާހެއްގެ ތެރެއިން މަރުވެފައިވާ ހަ އަސީރުންގެ ހަށިގަނޑު ފެނިފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ތުހުމަތު ކުރި ގޮތުގައި, އެ ހަ އަސީރުން މަރައިލާފައި ވަނީ ޙަމާސްގެ މުޖާހިދުންނެވެ.

ޙަމާސްގެ ހަތިޔާރުއެޅި ގޮފި, ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ޢުބަަޔިދާ ވިދާޅުވީ, އަސީރުން ބަހައްޓާފައިވާ ތަނަކަށް ޔަހޫދީ ފައުޖުގެ ސިފައިން ކައިރިވެއްޖެ ނަމަ, އަމަލު ކުރަން ޖެހޭނެ ވަކި ގޮތްތަކެއްގެ އިރުޝާދު ޙަމާސްގެ ގާޑުންނަށް ދީފައިވާނެ ކަމުގައެވެ. އެ ގޮތުން, ޖޫން މަހުން ފެށިގެން އައު އިރުޝާދުތަކަށް ޙަމާސްގެ ގާޑުން އަމަލު ކުރަން ފަށާފައިވާ ކަން ޢުބަޔިދާ ހާމަ ކުރެއްވި ނަމަވެސް, އެ އިރުޝާދުތަކަކީ ކޮބައިކަން ސާފުކޮށް ދެއްވާފައެއް ނެތެވެ. ޙަމާސްގެ ގާޑުންނަށް އައު އިރުޝާދުތަކެއް ދީފައި ވަނީ, ޣައްޒާގެ ނިސައިރަތަށް ދިން ރަޙުމު ކުޑަ ޙަމަލާއެއްގައި ފަލަސްޠީނުގެ އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދިން ޝަހީދު ކޮށްލުމަށް ފަހު ޔަހޫދީ ފައުޖުން އަސީރުންގެ ތެރެއިން ހަތަރު މީހުން ސަލާމަތް ކުރުމާ ގުޅިގެންނެވެ.

މަރުވެފައިވާ އަސީރުންގެ ޒިންމާ އުފުލަން ޖެހޭނީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމުގައި ޢުބަޔިދާ ވިދާޅުވިއެވެ. "ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެއްބަސްވުމެއް އެކުލަވައިލުމުގެ ބަދަލުގައި އަސްކަރީ ބާރުވެރިކަން ބޭނުން ކޮށްގެން އަސީރުން މިނިވަން ކުރުމަށް ނަތަންޔާހޫ މަސައްކަތް ކުރާ ނަމަ, އަސީރުންގެ ހަށިތައް އެ މީހުންގެ ޢާއިލާތަކަށް އަނބުރާ ލިބޭނީ ކަފުން ކުރުމަށް ފަހު. އަސީރުން އަނބުރާ ބޭނުމީ ދިރިތިއްބާތޯ, ނުވަތަ އެ މީހުންގެ ފުރާނަ ނެތް މަސްގަނޑުތޯ ނިންމާނީ އެ މީހުންގެ ޢާއިލާތަކުން،" ހައްދުފަހަނަ އެޅި ނަތަންޔާހޫއަށް އިންޒާރު ދެއްވަމުން ޢުބަޔިދާ ވިދާޅުވިއެވެ.

ޙަމާސުން އެ ހަ އަސީރުން މަރައިލާފައިވާ ކަމަށް އަނިޔާވެރި ނަތަންޔާހޫ ކުރާ ތުހުމަތުތަކަށް އެ ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ ސާމީ އަބޫ ޛަހްރީ ވެސް ވަނީ ރައްދު ދެއްވާފައެވެ. އެއީ, އަސީރުންގެ މަރުން ރެކެން ނިރުބަވެރި ނަތަންޔާހޫ ދައްކަމުންދާ ބަހަނާތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. "އެ ހަ އަސީރުން މަރައިލީ ނަތަންޔާހޫ. އޭނާގެ ބޭނުމަކީ ބާކީ ތިބި އަސީރުން ވެސް މަރައިލުން. މިއީ, ނަތަންޔާހޫ ނުވަތަ ސުލްޙައިގެ އެއްބަސްވުމަކާ މެދު އިސްރާއީލުގެ ރައްޔިތުން ވަކި ގޮތެއް ނިންމަންވީ ވަގުތު،" ޛަހްރީ ވިދާޅުވިއެވެ.

ޙަމާސްގެ އިސްވެރިއެއް ކަމުގައިވާ ޢިއްޒަތު އަލް-ރަޝަޤު ވެސް ވަނީ, އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރަން ތައްޔާރަށް އޮތް ކަން ހާމަ ކޮށްފައެވެ. "އަސީރުންނަށް ވަގުތުން އެނބުރި އެ މީހުންގެ ޢާއިލާތަކުގެ ކައިރިއަށް ދެވެން އެބައޮތް, ނަމަވެސް އެ މީހުންގެ ފުރާނައަށް ޒިންމާ ވާން ޖެހޭ މީހަކީ ނަތަންޔާހޫ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާ ޢުދުވާން ހުއްޓައިލުމަށް ފަހު ޙަމާސް ޖަމާޢަތާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ގޮވައިލައި އިސްރާއީލުގެ ބޮޑެތި ރަށްތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި, ޤުދުސްގެ އިތުރުން ވެރިރަށް ތެލް އަވީވުގައި ބޮޑެތި އިހުތިޖާޖުތަކެއް ވެސް ވަނީ ފަށާފައެވެ. މުޒާހަރާތަކުގެ ބައިވެރިންގެ ޢަދަދު 500,000އަށްވުރެ އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ބުނީ, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މަރުވަމުން ދަނީ އަނިޔާވެރި ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން ކަމުގައެވެ. އަދި, ޢުދުވާން ހުއްޓުމަކަށް ގެނެސް, އަސީރުން މިނިވަން ކުރަން ކުރަމުންދާ މަޝްވަރާތައް ފޭލު ކޮށްލަން އޭނާ މަސައްކަތް ކުރާތީ ކަމުގައެވެ. ވެރިރަށް ތެލް އަވީވުގެ މަގުތައް ފުރައިލާފައިވާ މުޒާހަރާގެ ބައިވެރިން ވެސް ގޮވަމުން ދަނީ އަނިޔާވެރި ނަތަންޔާހޫގެ އިސްތިޢުފާއަށެވެ.

ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނެސް, ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުވަން ނަތަންޔާހޫ ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެ ކަމާ ގުޅުވައި ބައިޑަން ވަނީ ހައްދުފަހަނަ އެޅި ނަތަންޔާހޫއަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ.

ޙަމާސްގެ މުޖާހިދުން ޔަހޫދީންގެ ބައިގަނޑެއް ރަހީނު ކޮށްފައި ވަނީ, އަޅުވެތިކަމަށް ކެތް ނުކުރެވިގެން ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ތެދުވެ މީގެ 10 މަސް ކުރިން ދިން ނުރައްކާތެރި ޙަމަލާއެއްގައެވެ. އޭގެ ތެރެއިން ބައެއް މީހުން މިނިވަން ކުރި ނަމަވެސް ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 101 އަސީރުން ތިބި ކަމަށް ބެލެވެއެވެ. ޙަމާސްގެ ޙަމަލާއާ ގުޅިގެން ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ދީފައިވާ ޙަމަލާތަކުގައި އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި އަސީރުން މަރުވެފައިވާ ކަމަށް ބެލެވެއެވެ.

2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,786އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,224އަށް އުފުލިފައެވެ.