ޚަބަރު

ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ޔޫއޭއީގައި މުޒާހަރާ ކުރި މީހުންނަށް މަޢާފު ދީފި


ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގައި ދިރިއުޅޭ ބަންގްލަދޭޝްގެ ބިދޭސީން ކުރި ޣައިރު ޤާނޫނީ މުޒާހަރާތަކުގައި ބައިވެރިވުމުގެ ކުށުގައި ޖަލަށް ލާފައިވާ 57 މީހުންނަށް ޔޫއޭއީގެ ރައީސް މަޢާފު ދެއްވައިފިއެވެ. ރައީސް އަލް-ޝައިޚް މުޙައްމަދު އިބްނު ޛައްޔިދު އަލް-ނަހްޔާން އެ މީހުންނަށް މަޢާފު ދެއްވަން ނިންމަވާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ އެ ޤައުމުގެ ދަޢުލަތުގެ މީޑިޔާ, ޑަބްލިޔުއޭއެމުންނެވެ.

ޙަސީނާގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީގައި ކުރި މުޒާހަރާތަކާ ގުޅިގެން އަބޫ ދާބީ ފެޑެރަލް ކޯޓް އޮފް އެޕީލުން ވަނީ ބަންގްލަދޭޝްގެ 53 ރައްޔިތަކު 10 އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމް ކޮށްފައެވެ. އަދި, އިތުރު މީހަކު 11 އަހަރަަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާއިރު, ތިން މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އެ ކޯޓުން ވަނީ އިއްވާފައެވެ. 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ, ޤަވާޢިދާ ޚިލާފަށް ޔޫއޭއީއަށް އެތެރެވެފައިވާ މީހަކަށެވެ.

އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޢާންމު ތަނަކަށް އެއްވެ, އެ މީހުންގެ އަމިއްލަ ޤައުމާ ދެކޮޅަށް މުޒާހަރާކޮށް, ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމުގެ ދަޢުވާއެވެ. އޭގެ ތެެރެއިން 57 މީހަކަށް މަޢާފު ދެއްވަން ޔޫއޭއީގެ ރައީސް ނަންމަވާފައިވީ ނަމަވެސް, އެ މީހުން އަނބުރާ ބަންގްލަދޭޝަށް ޑީޕޯޓު ކޮށްލެވޭނެ ކަމުގައި ޑަބްލިޔުއޭއެމުން ރިޕޯޓު ކުރިއެވެ. ޔޫއޭއީއަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ވަރަށް ބޮޑަށް ހަނިކޮށްފައި އޮންނަ ޤައުމެކެވެ.

މުޒާހަރާތަކާ ގުޅިގެން ޖަލަށް ލާފައިވާ ބަންގްލަދޭޝްގެ 57 މީހުންނަށް މަޢާފު ދެއްވަން ޔޫއޭއީގެ ރައީސް ނިންމަވާފައިވާ ކަން އިޢުލާނު ކޮށްފައި މި ވަނީ, ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު މުޙައްމަދު ޔޫނުސަށް ޔޫއޭއީގެ ރައީސް އަލް-ޝައިޚް މުޙައްމަދު މަރުޙަބާ ދަންނަވާފައިވާ ކަން އެ ޤައުމުގެ ސަރުކާރުން ހާމަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޙަސީނާ ސަރުކާރާ ދެކޮޅަށް ޖުލައި މަހުގެ މެދެއްހާ ހިސާބުގައި އެ ޤައުމުގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ނިކުމެ ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ އިސްތިޢުފާ ދެއްވުމަށް ފަހު ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވާފައެވެ. އަދި, ޙަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން އެ ޤައުމުގައި ވަގުތީ ސަރުކާރެއް ވަނީ އެކުލަވައިލާފައެވެ.

ޔޫއޭއީގައި ވަޒީފާ އަދާކުރާ ބޭރު މީހުންގެ އާބާދީގައި ތިންވަނައަށް އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ބަންގްލަދޭޝްގެ ބިދޭސީންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެންމެ ދަށް ފަންތީގެ ވަޒީފާތައް އަދާ ކުރާ މީހުންނެވެ. ޔޫއޭއީގެ 10 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 90 އިންސައްތައަކީ ބިދޭސީންނެވެ.