ޚަބަރު

ފިލަޑެލްފީ ކޮރިޑޯގެ ބާރުތައް ދޫކޮށްލަން ނިރުބަވެރި ނަތަންޔާހޫ ދެކޮޅު ހަދަނީ


ފަލަސްޠީނުގެ ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު, ފިލަޑެލްފީ ކޮރިޑޯގެ ބާރުތައް ދޫކޮށްލަން ޒަޔަނިސްޓު ދަޢުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާ ވެސް ދެކޮޅު ހަދައިފިއެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު މި ވަގުތު އޮތީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ އަތް ދަށުގައެވެ. ފިލަޑެލްފީ ކޮރިޑޯގެ މައްސަލައަކީ, މި ވަގުތު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު އެންމެ ބޮޑު ދެބަސްވުމެއް އުފެދިފައިވާ މައްސަލައެވެ.

ފިލަޑެލްފީ ކޮރިޑޯ މިނިވަން ކުރަން ޙަމާސުން ވަނީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި ޝަރުޠު ކޮށްފައެވެ. އަދި, ނަތަންޔާހޫ އެ ކަމަށް އެއްބަސްނުވާ ނަމަ, ޔަހޫދީންނާ އެކު ސުލްޙަވާން ޙަމާސުން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ. ޙަމާސުން އެދޭ ގޮތަށް, ފިލަޑެލްފީ ކޮރިޑޯގެ ބާރުތައް ދޫކޮށްލަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ދަނީ ނިރުބަވެރި ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ.

ނަމަވެސް, އަނިޔާވެރި ނަތަންޔާހޫ ދަނީ އެ ގޮވައިލުންތަކަށް އިންކާރު ކުރަމުންނެވެ. އޭނާ ބުނީ, ޢުދުވާން ހުއްޓައިލި ނަމަވެސް, ފިލަޑެލްފީ ކޮރިޑޯގައި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ގާއިމު ކޮށްފައި ބައިތިއްބާނެ ކަމުގައެވެ. އަދި, އެ ތަނުގެ ބާރު ފަލަސްޠީނުގެ ރައްޔިތުންގެ އަތްމައްޗަށް ދޫކޮށް ނުލާނެ ކަމުގައެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި, ފިލަޑެލްފީ ކޮރިޑޯއަކީ ޙަމާސުން ޣައްޒާއަށް ހަތިޔާރު އެތެރެ ކުރަން ބޭނުން ކުރާ މައި މަގެކެވެ.

ނިރުބަވެރި ނަތަންޔާހޫގެ މި ފަދަ އަމަލުތަކާ ގުޅިގެން ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވެސް ވަނީ މި ކަމާ ގުޅިގެން އަނިޔާވެރި ނަތަންޔާހޫއަށް ފާޑު ކިޔުންތައް އަމާޒު ކޮށްފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދި ފަހުން ވިދާޅުވީ, ޢުދުވާންތައް ހުއްޓައިލައި ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުވަން ނަތަންޔާހޫ އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމުގައެވެ.

ބައިޑަން އެ މޭރުމުން ވިދާޅުވުމުން ނަތަންޔާހޫ ވަނީ އޭނާއަށް ފާޑު ކިިޔާފައެވެ. ނަތަންޔާހޫ ބުނީ, ސުުލްޙަ ވާން އިސްރާއީލަށް ބާރު އެޅުމުގެ ބަދަލުގައި ބައިޑަން ކުރަންވީ ކަމަކީ, ޙަމާސަށް ފިއްތުންތައް ކުރިމަތި ކުރުން ކަމުގައެވެ. ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ބާއްވަމުންދާ މަޝްވަރާތަކަށް އަނިޔާވެރި ނަތަންޔާހޫ ހުރަސް އަޅަމުންދާތީ, އިސްރާއީލުގެ އެތަކެއް ހާސް ރައްޔިތުން ވެސް ދަނީ އޭނާއާ ދެކޮޅަށް ނިކުމެ, މުޒާހަރާ ކުރަމުންނެވެ.

މި ގޮތުން, ޣައްޒާ ޢުދުވާން ހުއްޓައިލުމަށް ގޮވައިލައި, އެތަކެއް ހާސް ބަޔަކު ވަނީ އިސްރާއީލުގެ ބޮޑެތި ރަށްތަކުގެ މަގުތައް ފުރައިލާފައެވެ. ޤުދުސްގެ އިތުރުން އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގައި ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އިސްތިޢުފާއަށް ގޮވައިލައި މުޒާހަރާ ކުރަމުންދާ މީހުންގެ ޢަދަދު ވަނީ 500,000އަށްވުރެ އިތުރުވެފައެވެ.

މުޒާހަރާގެ ބައިވެރިން ބުނީ, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މަރުވަމުން ދަނީ އަނިޔާވެރި ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން ކަމުގައެވެ. އަދި, ޢުދުވާން ހުއްޓުމަކަށް ގެނެސް, އަސީރުން މިނިވަން ކުރަން ކުރަމުންދާ މަޝްވަރާތައް ފޭލު ކޮށްލަން އޭނާ މަސައްކަތް ކުރާތީ ކަމުގައެވެ.
ނިރުބަވެރި ނަތަންޔާހޫގެ މި ފަދަ އަމަލުތަކާ ގުޅިގެން އޭނާގެ ސަރުކާރުގެ ތެރޭގައި ވެސް ވަނީ ދެބަސްވުން އުފެދި, އަރައިރުންތައް އުފެދިފައެވެ. ނަތަންޔާހޫގެ އަމަލުތަކާ ދެކޮޅަށް ވާހަކަ ދައްކަމުންދާ އެކަކަކީ ޒަޔަނިސްޓު ދަޢުލަތުގެ އަނިޔާވެރި ދިފާޢީ ވަޒީރު ޔޮއާވް ގަލާންތެވެ. އޭނާ ވެސް ދަނީ, ފިލަޑެލްފީ ކޮރިޑޯގެ ބާރުތައް ދޫކޮށްލަން ހައްދުފަހަނަ އެޅި ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ.

އިސްރާއީލުގެ އިދިކޮޅު ވެރިޔާ ޔައިރް ލަޕީދު ވެސް ވަނީ ނިރުބަވެރި ނަތަންޔާހޫއަށް ހޫނު ބަހުގެ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. ފިލަޑެލްފީ ކޮރިޑޯއާ ގުޅޭ ގޮތުން ނަތަންޔާހޫ މިހާރު ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

އަދި, އެއީ ވެރިކަން ކުރާ އިއްތިޙާދުގައި ހިމެނޭ ހައްދުފަހަނަ އެޅި ދެ ކެބިނެޓު މިނިސްޓަރުން ކަމުގައިވާ ބިޓްޒަލްއެލް ސްމުޓްރިޗާއި އިތަމާރު ބެން-ގުވީރު ރުއްސަން ދައްކަމުންދާ ވާހަކަތަކެއް ކަމުގައި ވެސް ލަޕީދު ބުންޏެވެ. އިސްރާއީލަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ބެން ގުވީރު-ސްމުޓްރިޗުގެ ގުޅުން ކަމުގައި ވެސް އޭނާ ބުންޏެވެ.