އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ކާރު ބޮމެއް ގޮއްވައިލައި ހަ މީހުން މަރައިލައިފިއެވެ. އެ ޤައުމުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް, އައިއެސްގެ މެންބަރުން ވަނީ އެ ޙަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައެވެ. ކާބުލަށް އަމާޒުކޮށް ބޮމުގެ ޙަމަލާއެއް ދީފައި ވަނީ, ބާޣުރާމް ވައިގެ ބަނދަރުގައި ހުންނަ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ބާޣުރާމު ޖަލު އަލުން ހުޅުވައި, ބޭނުން ކުރަން ފެށުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައި އައިއެސުން ބުންޏެވެ.
ކާބުލްގެ ފުލުހުން ބުނީ, ބޮމުގެ ޙަމަލާގައި މަރުވެފައި ވަނީ ޢާންމުން ކަމުގައެވެ. ބޮމުގެ ޙަމަލާ އަމާޒު ކޮށްފައި ވަނީ ކޮން ފަރާތަކަށް ކަން ސާފު ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް, އެ ޙަމަލާގައި 45 މީހުން މަރުވި ކަމަށާއި, އޭގެ ތެރޭގައި އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން ޖަމާޢަތުގެ މެންބަރުން ހިމެނޭ ކަމުގައި އައިއެސުން ބުންޏެވެ. މިއީ, އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮފިން ޠާލިބާނުންނާ ދެކޮޅަށް ބޮޑު ޙަމަލާއެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.
ބާޣުރާމްގަައި އަސްކަރީ ވައިގެ ބަނދަރެއް ބިނާ ކޮށްފައި ވަނީ ކުރީގެ ރޫސީވިލާތުންނެވެ. އެއަށްފަހު, އެމެރިކާގެ އިސްތިޢުމާރީ ސިފައިން އަފްޣާނިސްތާނަށް އަރައި ކުރި ހަނގުރާމައިގައި އެ ވައިގެ ބަނދަރު ބޭނުން ކޮށްފައިވެއެވެ. 2021ވަނަ އަހަރު އެމެރިކާގެ އިސްތިޢުމާރީ ސިފައިން އަފްޣާނިސްތާނުން ފޭބުމާ ޖެހެން ދެން އެ މަރުކަޒު އޮތީ އެމެރިކާގެ ބާރުގެ ދަށުގައެވެ.
އައިއެސުން ނެރުނު ބަޔާނެއްގައި ބުނީ, އަފްޣާނިސްތާނުގެ ޖަލުތަކުގައި ތިބި ގިނަ ޢަދަދެއްގެ މުސްލިމުން ބާޣުރާމުގައި ހުންނަ ޖަލަށް ބަދަލު ކޮށްފައިވާ ކަމުގައެވެ. އަދި, ކާބުލަށް އަމާޒުކޮށް ވަރުގަދަ ޙަމަލާއެއް ދީފައި ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އަމަލު ކޮށްފައިވާ ގޮތަށް, ބާޣުރާމުގައި ތިބި ގައިދީންނަށް ލާއިންސާނީ އަނިޔާތައް ދިނުމަށް ޠާލިބާނުން މަސައްކަތް ފަށާފައިވާ ކަމުގައި ވެސް އައިއެސުން ތުހުމަތު ކުރިއެވެ.
އެމެރިކާގެ އިސްތިޢުމާރީ ސިފައިން ބާޣުރާމު ޖަލު ބޭނުން ކޮށްފައި ވަނީ, ނިރުބަވެރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މުސްލިމުންނަށް ލާއިންސާނީ އަނިޔާތައްދޭ މަރުކަޒެއްގެ ގޮތުގައެވެ. އެ ތަނުގައި މުސްލިމުންނަށް ލާއިންސާނީ އަނިޔާތައް ދިނުމުގެ މުގުލުގައި ހުންނެވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް, އަދި އެމެރިކާގެ ޖާސޫސީ އިދާރާ, ސީއައިއޭންނެވެ. ބަޣުރާމުގައި ގިނަ ޢަދަދެއްގެ މުސްލިމުންނަށް އެމެރިކާގެ ސިފައިންނާއި ސީއައިއޭން ލާއިންސާނީ އަނިޔާތައް ދީފައިވާ ކަން އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އަހަރުތަކަކަށް ފަހު ބާޣުރާމު ޖަލު އަލުން ހުޅުވައި ބޭނުން ކުރަން ފަށާފައިވާ ކަން ޠާލިބާނުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި, ޠާލިބާނުންގެ ޖަލުތަކާ ބެހޭ އިދާރާގެ ވެރިޔާ މުޙައްމަދު ޔޫސުފް މިސްތާރީ ވަނީ އެ ތަނަށް ގިނަ ޢަދަދެއްގެ ކުށްވެރިން ބަދަލު ކޮށްފައިވާ ކަން ވެސް ކަށަވަރު ކޮށްދީފައެވެ.