ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އެ ފައުޖުގެ ގިނަ ޢަދަދެއްގެ އިސް އޮފިސަރުންތަކެއް އިސްތިޢުފާ ދީފިއެވެ. ޔަހޫދީ ފައުޖުގެ އިސް އޮފިސަރުންތަކެއް އިސްތިޢުފާ ދީފައި ވަނީ, މީގެ 10 މަސް ކުރިން ޒަޔަނިސްޓު ދަޢުލަތުގެ ނަރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ފެށި ލާއިންސާނީ ޢުދުވާންތައް ހުއްޓައިލަން އޭނާ ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ. އަދި, ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ޣައްޒާއަށް ފޮނުވާފައިވާ ގިނަ ޢަދަދެއްގެ ޔަހޫދީ ސިފައިން މަރުވެފައިވާ ވަގުތެއްގައެވެ.
ބައެއް އޮފިސަރުން އިސްތިޢުފާ ދީފައި ވަނީ, 2023 އޮކްޓޫބަރު 7ގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންގެ ރަށްތަކަށް ދީފައިވާ ޙަމަލާތަކުގެ މަޢުލޫމާތު ކުރިން އެނގިފައި ނުވަނީ, ޔަހޫދީ ޖާސޫސީ އިދާރާގެ ބޮޑު ފޭލުވުމެއް ކަން ފާހަގަކޮށެވެ. ޙަމާސްގެ މުޖާހިދުން ޔަހޫދީންގެ ރަށްތަކަށް ކުއްލި ޙަމަލާއެއް ދީފައި ވަނީ ޔަހޫދީންގެ އަޅުތެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެންނެވެ.
ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި އިސްތިޢުފާ ދީފައިވާ ޔަހޫދީ ފައުޖުގެ އިސް އޮފިސަރުންގެ ތެރޭގައި ޔަހޫދީ ފައުޖުގެ މިލިޓަރީ އިންޓެލިޖެންސް ޑިރެކްޓަރޭޓުގެ ރީސަރޗު ޑިވިޜަނުގެ އިސް އޮފިސަރެއް ކަމުގައިވާ އަމިތު ސާރު ހިމެނެއެވެ. މިލިޓަރީ އިންޓެލިޖެންސް ޑިރެކްޓަރޭޓުގެ ވެރިޔާ އަޚަވޮން ޚަލިވާ ވެސް ވަނީ އިސްތިޢުފާ ދީފައެވެ. އޭނާ އިސްތިޢުފާ ދީފައި ވަނީ, ޙަމާސްގެ ޙަމަލާ ކުރިން ދެނެގަތުމުގައި ފޭލުވެފައިވާ ކަން ހާމަކޮށެވެ.
އޭގެ އިތުރުން, އިސްތިޢުފާ ދީފައިވާ އިސް އޮފިސަރުންގެ ތެރޭގައި ޔަހޫދީ ފައުޖުގެ ޣައްޒާ ޑިވިޜަނުގެ ކޮމާންޑަރު އަވީ ރޮސެންފެލްޑާއި, އެ ޑިވިޜަނުގެ ޖާސޫސީ އިދާރާގެ އޮފިޝަލުންތަކަކާއި, ސަލާމަތީ އިދާރާ ޝަބާކުގެ އިސް އޮފިސަރެއް ވެސް ހިމެނެއެވެ. ރޮސެންފެލްޑު ބުނީ, ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ޔަހުދީންނާއި, ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރަން އެ މީހުން ނުކުޅެދިފައިވާ ކަމުގައެވެ.
އެންމެ ފަހުން އިސްތިޢުފާ ދީފައި ވަނީ ޔަހޫދީ ފައުޖުގެ ގްރައުންޑް ފޯސަަސްގެ ވެރިޔާ ތަމީރު ޔަދާއީއެވެ. އޭގެ އިތުރުން, ކުރިއަށް އޮތް ދުވަސްތަކުގައި އިސްތިޢުފާ ދޭނެ ކަން ޔަހޫދީ ފައުޖުގެ އިތުރު އިސް އޮފިސަރުންތަކެއް ވަނީ އިޢުލާނު ކޮށްފައެވެ. އޭގެ ތެރޭގައި ޔަހޫދީ ފައުޖުގެ ޔުނިޓް 8200ގެ ކޮމާންޑަރު ޔޮސީ ޝަރިޔާލް ހިމެނެއެވެ.
ނިރުބަވެރި ނަތަންޔާހޫގެ އަމަލުތަކާ މެދު ހިތްހަމަ ނުޖެހި, އޭނާގެ ސަރުކާރުގެ ހަނގުރާމައިގެ ކެބިނެޓުގެ އިސް މެންބަރުންތަކެއް ވެސް ދާދި ފަހުން ވަނީ އިސްތިޢުފާ ދީފައެވެ. އޭގެ ތެރެއިން ހަނގުރާމައިގެ ކެބިނެޓުގެ ވަޒީރެއް ކަމުގައިވާ ބެނީ ގަންޓްޒާއި ކެބިނެޓުގެ އޮބްޒަރވަރު ގާދީ އައިޒެންކޯޓް އިސްތިޢުފާ ދީފައި ވަނީ ޖޫން 6ވަނަ ދުވަހުއެވެ. އެއީ, ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ގުޅިފައިވާ ސަރުކާރުގެ ބައިވެރިއެއް ކަމުގައިވާ ނޭޝަނަލް ޔުނިޓީ ޕާޓީގެ އިސް ދެ މެންބަރުންނެވެ.
ޔަހޫދީ ފައުޖުގެ އިސް އޮފިސަރުންތަކެއް އިސްތިޢުފާ ދެމުން ދިޔުމަކީ އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރުގެ އިތުރުން އަސްކަރިއްޔާއަށް ވެސް ލިބިފައިވާ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މިއިން ދޭހަ ވަނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ހިންގަމުންދާ އަމަލުތަކާ މެދު ޔަހޫދީ ފައުޖުގެ އިސް އޮފިސަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ނުޤަބޫލު ކަމެވެ.
ގިނަ ޢަަދަދެއްގެ އޮފިސަރުން ޔަހޫދީ ފައުޖުން ވަކިވަމުން މި ދަނީ, ޣައްޒާ ޢުދުވާން ހުއްޓައިލަން ދެކޮޅު ހަދަމުންދާ ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އިސްތިޢުފާއަށް ގޮވައިލައި, އެތަކެއް ސަތޭކަ ހާސް ބަޔަކު އިސްރާއީލުގެ ބޮޑެތި ރަށްތަކުގެ މަގުތައް ފުރައިލާފައިވާ ދަނޑިވަޅެއްގައެވެ. ނަތަންޔާހޫއާ ދެކޮޅަށް ވެރިރަށް ތެލް އަވީވާއި ޤުދުސްގައި މުޒާހަރާ ކުރަމުންދާ މީހުން ބާރު އަޅަމުން ދަނީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނެސް, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުވުމަށް ޙަމާސާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށެވެ.
މީގެ 10 މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,819އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,291އަށް އުފުލިފައެވެ.