މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ހިންގަމުންދާ ގަތުލުއާންމުން ސަލާމަތްވާން އެތަކެއް ހާސް ބަޔަކު ބަންގްލަދޭޝަށް ހިޖުރަ ކޮށްފިއެވެ. މި ކަން ހާމަ ކުރައްވަމުން ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ރެފިއުޖީންގެ ކަންކަން ބަލަހައްޓަވާ ވެރިޔާ މުޙައްމަދު ޝަމްސުއްދީން ދޫޛާ ވިދާޅުވީ, ފާއިތުވި މަސް ތަކުގެ ތެރޭގައި ރޮހިންޔާ ދަރިކޮޅުގެ އިތުރު 8,000އެއްހާ މީހުން އެ ޤައުމަށް ހިޖުރަ ކޮށްފައިވާ ކަމުގައެވެ.
ރޮހިންޔާ ދަރިކޮޅުގެ އެތަކެއް ސަތޭކަ ހާސް ބަޔަކު ބަންގްލަދޭޝަށް ހިޖުރަ ކޮށްފައި ވަނީ, މިޔަންމާގެ އަސްކަރިއްޔާއިން އެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުން ސަލާމަތްވުމަށެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ބަންގްލަދޭޝްގެ ދެކުނުގެ ސަރަޙައްދުތަކުގައި ގާއިމު ކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ. މި ވަގުތު ބަންގްލަދޭޝުން ޙިމާޔަތް ފޯރު ކޮށްދެމުންދާ ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ޢަަދަދު މިލިޔަނަކަށް އަރައެވެ.
ބަންގްލަދޭޝަށް ހިޖުރަ ކުރަމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ޢަދަދު އިތުރުވެފައި މި ވަނީ, މިޔަންމާގެ އަސްކަރިއްޔާއާއި އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާޢަތް, އަރާކަން އާމީއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރުވުމާ ގުޅިގެންނެވެ. ބުދުދީނަށް އަޅުކަން ކުރާ މީހުންގެ މައްޗަށް އެކުލެވިގެންވާ އަރާކަން އާމީން ވެސް ދަނީ ރޮހިންޔާ މުސްލިމުންނަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.
"ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި 8,000އެއްހާ ރެފިއުޖީން ބަންގްލަދޭޝަށް ހިޖުރަ ކޮށްފައިވާ ކަން ލިބިފައިވާ މަޢުލޫމާތުން ސާފުވޭ. ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންގެ ޢަދަދު އިތުރުވަމުންދާތީ އެ މީހުންނަށް ރައްކާތެރިކަމާއި ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭން ބަންގްލަދޭޝް ސަރުކާރު މި ވަގުތު އޮތީ ނުކުޅެދިފައި،" ދޫޛާ ވިދާޅުވިއެވެ. މިއީ, ފާއިތުވި މަސްތަކުގެ ތެރޭގައި އެ ޤައުމަށް ހިޖުރަ ކޮށްފައިވާ ރޮހިންޔާ ރެފިއުޖީންގެ ޢަދަދު އަންދާޒާކޮށް, ބަންގްލަދޭޝް ސަރުކާރުން ޢާންމު ކޮށްފައިވާ ފުރަތަމަ ފަހަރެވެ.
މި ކަމާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ތަވްޙީދު ޙުސައިން ވިދާޅުވީ, އިތުރުވަމުންދާ ރެފިއުޖީންގެ މައްސަލައާ މެދު އެ ޤައުމުގެ ވަގުތީ ކެބިނެޓުން ކުރިއަށް އޮތް ދުވަސްތަކުގައި މުހިންމު މަޝްވަރާތަކެއް ބާއްވާނެ ކަމުގައެވެ. އަދި, ރެފިއުޖީންނަށް ބޭނުންވާ ރައްކާތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދެވޭނެ މިންވަރު ބަންގްލަދޭޝްގެ ކިބައިގައި ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "ސަރަޙައްދީ ރޮނގު އެއްކޮށް ބަންދުކޮށް ބެލެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނަށް ހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭން ޙުސައިން ދާދި ފަހުން ވަނީ އަވައްޓެރި އިންޑިޔާއާއި އެހެން ޤައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި, އަރާކަން އާމީން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރުން ރާހައިން ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓައިލަން ގޮވައިލައި, ބަންގްލަދޭޝްގައި ދިރިއުޅޭ ރެފިއުޖީން އޮގަސްޓު 25ވަނަ ދުވަހު ކޮކްސް ބާޒާރު ސަރަޙައްދުގައި ބޮޑު އެއްވުމެއް ބޭއްވިއެވެ. އެއީ, މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ގަތުލުއާންމަށް ހަތް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އެއްވުމެކެވެ.
ރާހައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން 2017ވަނަ އަހަރު ފެށި އަސްކަރީ އޮޕަރޭޝަނަކީ ގަތުލުއާންމެއްގެ ގޮތުގައި އދން ވެސް ވަނީ ސިފަ ކޮށްފައެވެ. އެ ޢުދުވާނާ ގުޅިގެން 73,000އަށްވުރެ ގިނަ ރޮހިންޔާއިން އަމިއްލަ ވަޒަން ދޫކޮށް ހިޖުރަ ކުރަން މަޖުބޫރުވެފައިވާ ކަން ވެސް އދން ހާމަކުރިއެވެ. ނަމަވެސް, މިޔަންމާގެ އަސްކަރިއްޔާއިން މިހާރު ވެސް ދަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު އިތުރަށް އަނިޔާވެރި ކުރަމުންނެވެ.
ރެފިއުޖީންގެ މައްސަލައަށް އޮތް ހަމައެކަނި ޙައްލަކީ, ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން އަނބުރާ ވަޒަނަށް ފޮނުވައިލުން ކަމަށް ބަންގްލަދޭޝުން ގަބޫލު ކުރެއެވެ. ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީތެރިކަން ފޮރުކޮށްދޭން ބޭރުގެ އެހީދޭ ޖަމާޢަތްތަކުން ދީފައިވާ މާލީ އެހީތެރިކަން ހުސްވާން ފެށުމާ އެކު, ބަންގްލަދޭޝްގެ ރައްޔިތުންނާއި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނާ ދެމެދު ވެސް ވަނީ މަސްރަޙު ހޫނުވެފައެވެ.