ފަަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން މުސްލިމުންގެ އާބާދީ ބޮޑެތި ޤައުމުތަކުގައި ކޯކަ-ކޯލާ (ކޯކް) އަދި ޕެޕްސީގެ އުފެއްދުންތަކާ ދެކޮޅަށް ބޮއިކޮޓު ހަރަކާތެއް ފެށުމާ ގުޅިގެން, އެ ޤައުމުތަކުގެ އަމިއްލަ ބުއިންތަކަށް އޮތް މާކެޓު ފުޅާވެ, ފައިދާ އިތުރުވެއްޖެއެވެ. ކޯކާއި ޕެޕްސީއަކީ އެމެރިކާގެ އުފެއްދުންތަކެކެވެ. އެ ދެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓު ކުރަން ފަށާފައި ވަނީ ޣައްޒާ ޢުދުވާނަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭތީ އެ ކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އަދި, ޔަހޫދީންގެ ޢުދުވާނަށް އެހީތެރިވުން ހުއްޓައިލަން ބާރު އެޅުމުގެ ގޮތުންނެވެ.
ކޯކާއި ޕެޕްސީގެ އުފެއްދުންތަކުގެ މާކެޓު އެންމެ ބޮޑަށް ގެއްލިފައިވާ ޤައުމުތަކުގެ ތެރޭގައި މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން މިޞްރާއި އޭޝިޔާއިން ޕާކިސްތާން ހިމެނެއެވެ. ކޯކުގެ އުފެއްދުންތަކުގެ ވިޔަފާރި ހަނިވެ, މިޞްރުގެ ކުންފުންޏަކުން އުފައްދާ ވީ7 ބްރޭންޑުގެ ބުއިންތަކަށް އޮތް މާކެޓު ވަނީ ބޮޑެވެފައެވެ. ވީ7 ކުންފުނީގެ އުފެއްދުންތައް މެދުއިރުމަތީގެ އެހެން ޤައުމުތަކަށް ވެސް އެކްސްޕޯޓު ކުރާއިރު, ޣައްޒާ ޢުދުވާނާ ދެކޮޅު ބޮއިކޮޓާ ގުޅިގެން އެ ކުންފުނީގެ އުފެއްދުންތައް އެކްސްޕޯޓު ކުރާ މިންވަރު ތިން ގުނައަށް އިތުރުވިއެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި ޕެޕްސީގެ އުފެއްދުންތަކަށް އޮތް ޑިމާންޑު ވެސް ވަނީ ވެއްޓިފައެވެ.
ވިޔަފާރީގެ ބާޒާރުތައް ދިރާސާ ކުރާ ކުންފުނި, ނީލްސެންއައިކިޔުން ބުނީ ހުޅަނގުގެ ޤައުމުތަކުގެ ބުއިންތަކަށް މެދުއިރުމަތީގައި އޮތް މާކެޓު މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި 7 އިންސައްތަ ދަށްވެފައިވާ ކަމުގައެވެ. ނަަމަވެސް, ކޯކާއި ޕެޕްސީ ކުންފުންޏަށް ލިބެމުންދާ ގެއްލުމުގެ މަޢުލޫމާތު ޢާންމު ކޮށްފައި ނެތުމުން, އެ ކުންފުނިތަކަށް ލިބިފައިވާ ގެއްލުމުގެ އަގު އަންދާޒާ ކުރަން ނޭނގޭ ކަމަށް ވެސް ނީލްސެންއައިކިޔުން ބުންޏެވެ.
މިޞްރުގެ އިތުރުން ކޯކާއި ޕެޕްސީގެ އުފެއްދުންތަކުގެ މާކެޓު އެންމެ ބޮޑަށް ދަށްވެފައިވާ އަނެއް ޤައުމަކީ ޕާކިސްތާނެވެ. ކާބޯތަކެތީގެ ޑެލިވެރީ ޚިދުމަތް ފޯރުކޮށްދޭ އެ ޤައުމުގެ ކުންފުނި, ކްރޭވް މާކެޓުން ބުނީ, ކޯކާއި ޕެޕްސީގެ އުފެއްދުންތަކުގެ ބަދަލުގައި ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާ ކޯލާ ނެކްސްޓަށް އޮތް ޑިމާންޑު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ. އެ ކުންފުނީގެ ބާނީ ޤާއިމް ޝަރާފު ބުނީ, ކޯލާ ނެކްސްޓަށް އޯޑަރު ލިބެމުންދާ މިންވަރު 2.5 އިންސައްތައިން 12 އިންސައްތައަށް އިތުރުވެފައިވާ ކަމުގައެވެ.
"ސިޔާސީ ތަސައްވުރަށް ބަލައި ބައެއް ކޮންސިޔުމަރުން ދަނީ އެހެން ބުއިންތައް އިޚުތިޔާރު ކުރަމުން. ނަމަވެސް, ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް އެ ކަން ފޫބެއްދޭނެ. މި ވަގުތު އަޅުގަނޑުމެންގެ އާމްދަނީއަށް ވެސް ފައިދާއަށް ވެސް އަސަރެއް ނުކުރޭ،" ޕެޕްސީ ކުންފުނީގެ ސީއީއޯ ރަމޯން ލަގުއަރްތާ ބުންޏެވެ. ބޮއިކޮޓުގެ ސަބަބުން ޕެޕްސީގެ އުފެއްދުންތަކަށް އެންމެ ބޮޑަށް މާކެޓު ގެއްލިފައި ވަނީ ލުބުނާނާއި ޕާކިސްތާންގެ އިތުރުން މިޞްރުގައެވެ.
2023 ވަނަ އަހަރު އެފްރިކާއާއި މެދުއިރުމަތީގެ އިތުރުން ދެކުނު އޭޝިޔާގެ ވިޔަފާރިން ޕެޕްސީ ކުންފުންޏަށް 6 ބިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އެ އަހަރު, ވިލާތާއި މެދުއިރުމަތީގެ އިތުރުން އެފްރިކާގެ ވިޔަފާރިން ކޯކަ-ކޯލާ ކުންފުންޏަށް ލިބުނު އާމްދަނީ 8 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. ނަމަވެސް, މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި މިޞްރުގެ މާކެޓުގައި ކޯކަށް އޮތް ޑިމާންޑު ވަނީ ބޮޑުތަނުން ދަށްވެފައެވެ.
ޣައްޒާގައި ވެސް ކޯކަ-ކޯލާގެ އުފެއްދުންތައް ބަންދު ކުރާ ކާރުޚާނާއެއް ހުރެއެވެ. ނަމަވެސް, 2016ވަނަ އަހަރު ބިނާ ކޮށްފައިވާ 25 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާރުޚާނާއަށް ޔަހޫދީ ފައުޖުން ވަނީ ބޮންއަޅައި, އެ ތަން ސުންނާފަތި ކޮށްލާފައެވެ. އެ ކާރުޚާނާގެ ވެރިޔާ, ޛާހީ ޚޫރީ ބުނީ, ކޯކަ-ކޯލާގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ލިބޭ އަމަލެއް ނޫން ކަމުގައެވެ. "[ފަލަސްޠީނުގެ މުސްލިމުންނަށް] ފައިދާވާނެ ހަމައެކަނި ގޮތަކީ [ޔަހޫދީންގެ] އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނައުން،" އޭނާ ބުންޏެވެ.
ޕެޕްސީ ކުންފުނިން ބުނީ, އެ ކުންފުންޏާއި އެއްވެސް ޤައުމެއްގެ ސަރުކާރަކާއި ގުޅުން ނޯންނާނެ ކަމަށާއި, އެއްވެސް ޤައުމެއްގައި ހިނގަމުންދާ ހަނގުރާމައަކަށް އެ ކުންފުނިން ޚަރަދު ކޮށްފައި ނުވާނެ ކަމުގައެވެ. އަދި, ކޯކަ-ކޯލާއިން ބުނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ޚަރަދު ނުކުރާ ކަމުގައެވެ.
ޣައްޒާ ޢުދުވާނާ ގުޅިގެން ކޯކާއި ޕެޕްސީގެ އުފެއްދުންތަކާ ދެކޮޅަށް ބޮއިކޮޓު ހަރަކާތެއް ފަށާފައިވީ ނަމަވެސް, އެއީ އެ ކުންފުނިތަކަށް ކުރިމަތިލާން ޖެހުނު މި ފަދަ ފުރަތަމަ ހަރަކާތެއް ނޫނެވެ. 1960ގެ އަހަރުތަކުގެ ތެރޭގައި ކޯކުން ޒަޔަނިސްޓު ދަޢުލަތުގައި ކާރުޚާނާއެއް ހުޅުވުމުން ޢަރަބި ލީގުގެ ޤައުމުތަކުން އެ ކުންފުންޏާ ދެކޮޅަށް އެ ފަދަ ހަރަކާތެއް ހިންގިއެވެ. އެ ހަރަކާތުގެ ފައިދާ ލިބުނީ ޕެޕްސީ ކުންފުންޏަށެވެ.
އޭގެ އިތުރުން, 2018ވަނަ އަހަރު ޕެޕްސީ ކުންފުނިން އިސްރާއީލުގެ ކުންފުންޏެއް ކަމުގައިވާ ސޯޑާސްޓްރީމް ގަތުމުން ޕެޕްސީއަށް ވެސް ބޮއިކޮޓު ހަރަކާތަކާ ކުރިމަތިވިއެވެ. ޕެޕްސީން ޔަހޫދީ ދައުލަތުގައި ކާރުޚާނާއެއް ބިނާ ކޮށްފައި ވަނީ 1990ގެ އަހަރުތަކުގެ ތެރޭގައެވެ. ނަމަވެސް, މުސްލިމުންގެ އާބާދީ ބޮޑު ޤައުމުތަކުގައި އެ ދެ ކުންފުނީގެ އުފެއްދުންތަކަށް އޮތް މާކެޓު ފަހަކަށް އައިސް އިތުރުވަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ޤައުމުތަކުގައި ކޯކާއި ޕެޕްސީގެ އުފެއްދުންތައް އެންމެ ގިނައިން ބޭނުން ކުރަނީ ޒުވާން އުމުރު ފުރައިގެ ކުދިންނެވެ.