މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ތުރުކީވިލާތުގެ ވެރިރަށް އަންކަރާއަށް ވަޑައިގަންނަވައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާ ބައްދަލު ކުރައްވައިފިއެވެ. 12 އަހަރަށް ފަހު އަންކަރާއަށް ކުރެއްވި ދަތުރުފުޅުގައި އުރްދުޣާނާ އެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ބޭފުޅުން އެންމެ ބޮޑަށް އަލިއަޅުވައިލައްވާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމަށެވެ.
ސީސީ އަންކަރާއަށް ވަޑައިގަންނަވާފައި މި ވަނީ, ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އަންކަރާއާއި ޤާހިރާއާ ދެމެދު އޮތް ގުޅުން ގޯސްވީ, މިޞްރުގެ އިންތިޚާބީ ރައީސް މުޙައްމަދު މުރްސީގެ ސަރުކާރު ސީސީ އަޑީގައި ހުންނަވައި ވައްޓައިލެއްވުމާ ގުޅިގެންނެވެ. މުސްލިމް ބްރަދަރހުޑްގެ ސަރުކާރާއި ތުރުކީވިލާތާ ދެމެދު ގާތް ގުޅުންތަކެއް ބާއްވަމުން ދިޔައެވެ. އެއިރު, ސީސީ ހުންނެވީ މިޞްރުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުގެ މަޤާމުގައެވެ.
ތުރުކީވިލާތުން މިޞްރާ އަލުން ގުޅުން ބަދަހި ކުރަން ފަށާފައި ވަނީ, 2020ވަނަ އަހަރުގެ ތެރޭގައެވެ. އެއިރު, ތުރުކީވިލާތުން ދިޔައީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުންތައް ވެސް އިތުރަށް ބަދަހި ކުރަން މަސައްކަތް ކުރަމުންނެވެ. ތުރުކީވިލާތާއި މިޞްރުގައި ދެ ޤައުމުގެ ޚާރިޖީ މިޝަންތައް އަލުން ހުޅުވައި, ސަފީރުން ފޮނުވާފައި ވަނީ ހުސްވި އަހަރުއެވެ. އަދި, މި އަހަރުގެ ފެބުރުވަރީ މަހު އުރުދުޣާން ވަނީ ޤާހިރާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
އަންކަރާއަށް ސީސީ ވަޑައިގެންނެވުމުން އޭނާއަށް މަރުޙަބާ ދަންނަވާފައި ވަނީ އުރުދުޣާނެއެވެ. އަދި, ރިޔާސީ ގަނޑުވަރަށް އެކުގައި ވަޑައިގަންނަވައި, ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވިއެވެ. "އަޅުގަނޑުމެން ގެންގުޅެނީ ދެ ފަރާތަށް ވެސް ފައިދާ ކުރަނިވި ވިސްނުމެއް, ދެ ޤައުމުގެ ދެމެދުގައި އޮތް ފުޅާ ގުޅުންތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އުރްދުޣާން ވިދާޅުވިއެވެ.
އުރްދުޣާނާއި ސީސީއާ ދެމެދު ބޭއްވި މަޝްވަރާތަކަށް ފަހު ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް 18 އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. ދެ ޤައުމުން ގުޅުންތައް ހަރުދަނާ ކުރަން އެއްބަސްވެފައިވާ ދާއިރާތަކުގެ ތެރޭގައި ހަކަތައާއި, ދިފާޢާއި, ފަތުރުވެރިކަމާއި, ޞިއްޙަތާއި, ދަނޑުވެރިކަމާއި, މާލިއްޔަތުގެ އިތުރުން ތަޢުލީމާއި ދަތުރުފަތުރުގެ ދާއިރާ ހިމެނެއެވެ.
އުރްދުޣާން ވިދާޅުވީ, ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރި 5 ބިލިޔަން އެމެރިކާ ޑޮލަރުން 15 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރު ކުރަން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމުގައެވެ. ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ހާލަތާ މެދު އޭނާ ވިދާޅުވީ, ފަލަސްޠީނުގެ މިނިވަން ކަމާ މެދު ދެ ޤައުމުން ވެސް ގެންގުޅެނީ އެއް ވިސްނުމެއް ކަމުގައެވެ. އަދި, ހުޅަނގު އައްސޭރިއާއި ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވަން ދެ ޤައުމުން ވެސް ގޮވައިލާ ކަމުގައެެވެ.
ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން 10ވަނަ މަހަކަށް ދިގުދަންމައިލާފައިވާއިރު, ތުރުކީވިލާތުން ވަނީ އެ ޢުދުވާން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި, ޣައްޒާގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރުމުގައި މިޞްރުން ދަނީ ޤަޠަރާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޣައްޒާގައި ހާލުގައި ޖައްސައި ނިކަމެތި ކޮށްލާފައިވާ މުސްލިމުންނަށް ފޯރު ކޮށްދިނުމަށް އަންކަރާއިން ދަނީ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ޤާހިރާއަށް ފޮނުވަމުންނެވެ.
އަންކަރާއަށް ކުރެއްވި ދަތުރުފުޅުގައި މީޑިޔާއާ ވާހަކަފުޅު ދައްކަވަމުން ސީސީ ވަނީ ލީބިޔާގެ ދާޚިލީ މަސްރަޙަށް ވެސް އިޝާރާތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ, ލީބިޔާއަށް ސުލްޙައާއި ހަމަޖެހުން ގެނެވޭނީ ވީ އެންމެ އަވަހަކަށް ރިޔާސީ އަދި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބާއްވައި, ރައްޔިތުން ބޭނުންވާ ވެރިކަމެއް ގާއިމު ކޮށްގެން ކަމުގައެވެ. އަދި, އެ ޤައުމުގައި ހަރަކާތްތެރިވާ ބޭރު ޤައުމުތަކުގެ ސިފައިންނާއި ކުލީ ސިފައިން ފޭބުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.