ފަލަސްޠީނުގެ ޣައްޒާގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމަށް ހިންގަމުންދާ ކެމްޕޭނާ މެދު ހިތްހަމަޖެހޭ ކަމަށާއި, ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ކެމްޕޭން ހިންގޭނީ ޣައްޒާ ޢުދުވާން ހުއްޓައިލައިގެން ކަމުގައި އދން ބުނެފިއެވެ. ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޕޯލިޔޯ ޖައްސާ ވައިރަސް ޣައްޒާގައި ހަލުވިކަމާ އެކު ފެތުރެން ފަށާފައި ވަނީ, މީގެ 10 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ.
މި ނުރައްކާތެރި ބަލިން ޣައްޒާގެ ކުޑަކުދިން ރައްކާތެރި ކުރުމަށް ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް މީގެ ތިން ދުވަސް ކުރިން ފަށާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ންނެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދގެ އިދާރާ (އުންރްވާ)ން ބުނީ, ކެމްޕޭނުގެ ފުރަތަމަ މަރުޙަލާގެ ދަށުން ތިން ދުވަހުގެ ތެރޭގައި 187,000 ކުޑަކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދެވިފައިވާ ކަމުގައެވެ. އަދި, ދެވަނަ މަރުޙަލާގެ ދަށުން, ޣައްޒާގެ އެހެން ހިސާބުތަކަށް ކެމްޕޭން ފުޅާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.
ޣައްޒާގެ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް ކެމްޕޭނެއް ފަށާފައި މި ވަނީ, ޕޯލިޔޯ ޖެހިފައިވާ ތުއްތު ކުއްޖަކު ޣައްޒާއިން ފެނުމުންނެވެ. ޣައްޒާގައި 11 މަހުގެ ތުއްތު ކުއްޖަކަށް ޕޯލިޔޯ ޖެހިފައިވާ ކަން ޑަބްލިޔުއެޗްއޯން ހާމަ ކޮށްފައި ވަނީ އޮގަސްޓު 25ވަނަ ދުވަހުއެވެ. މިއީ, 25 އަހަރަށް ފަހު ޕޯލިޔޯގެ ކޭހެއް ޣައްޒާއިން ފެނުނު ފުރަތަމަ ފަހަރެވެ. އެ ކަމާ ގުޅިގެން ފެށި ވެކްސިން ކެމްޕޭން ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ވެކްސިން ޖަހައިދޭ ސަރަޙައްދުތަކަށް ޙަމަލާ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. އުންރްވާން ބުނީ, ޔަހޫދީ ފައުޖުން އެއްބަސްވުމަށް އަމަލު ކުރަމުންދާ ކަމުގައެވެ.
"[ކެމްޕޭން] ކުރިއަށް ދަނީ ވަރަށް ރަނގަޅަށް! ކޮންމެ ދުވަހަކު ވެސް ޣައްޒާގެ މެދުތެރޭގައިވާ ރަށްތަކުގައި ދިރިއުޅޭ އިތުރު ކުދިންނަށް ދަނީ ޕޯލިޔޯ ވެކްސިން ޖަހައިދެމުން. ކެމްޕޭނަށް ފުރުޞަތު ދިނުމުގެ ގޮތުން [ޔަހޫދީންގެ] ޙަމަލާތައް މެދުކަނޑައިލުމުން ޣައްޒާގެ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ވަނީ ލިބިފައި. އެ މީހުން މި ވަގުތު ބޭނުން ޖެހިފައި ވަނީ ޢުދުވާންތައް އެއްކޮށް ހުއްޓައިލުމަށް. އަދި, ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީއާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް،" އުންރްވާގެ ވެރިޔާ ފިލިއްޕޯ ލަޓްޒަރީނީ ވިދާޅުވިއެވެ.
ފަލަސްޠީނުން ބުނީ, ޣައްޒާގައި ޕޯލިޔޯ ވެކްސިން ހަލުވި ކަމާ އެކު ފެތުރި, ކުޑަކުދިންގެ ޞިއްޙަތަށް ނުރައްކާވެފައި ވަނީ, ޔަހޫދީ ފައުޖުން ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުއަރުވައިލުމުން ކަމުގައެވެ. ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޮން އަޅައި, އެ ތަންތަން ސުންނާފަތި ކޮށްލާފައެވެ. އަދި, ޣައްޒާއަށް ތެޔޮ އެތެރެ ކުރުމަށް ހުރަސް އަޅައި, ހަސްފަތާލުތަކަށް ކަރަންޓުގެ ޚިދުމަތް ދެވޭނެ ހުރިހާ ދޮރެއް ބަންދު ކޮށްފައެވެ.
ޣައްޒާ ޢުދުވާން ހުއްޓައިލަން އދން އަނެއްކާ ވެސް ގޮވައިލާފައިވީ ނަމަވެސް, ޒަޔަނިސްޓު ދަޢުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސްގެ މުޖާހިދުންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އަޅަމުންނެވެ. އޭނާ ބުނީ, ޣައްޒާ ޢުދުވާން ހުއްޓައިލި ނަމަވެސް, ފިލަޑެލްފީ ކޮރިޑޯގައި ތިބި ޔަހޫދީ ސިފައިން ނުފައިބާނެ ކަމުގައެވެ. އެއީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގެވެ.
މި ކަމާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ޔަހޫދީންގެ މަދަދުގާރުންނާއި އދގެ ސަލާމަތީ މަޖިލިހީގެ މެންބަރުން ވެސް ހިމެނެއެވެ. ސެޕްޓެންބަރު މަހު އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދާ ސްލޮވީނިޔާން ވަނީ, ޣުދުވާން ހުއްޓައިލަން ހައްދުފަހަނަ އެޅި ނަތަންޔާހޫ ދެކޮޅު ހަދާތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި, ދެ ފަރާތުގެ މެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިނުލައި ޢުދުވާން ކުރިއަށް ގެންދާނަމަ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބުނެ, ސްލޮވީނިޔާން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ އިންޒާރު ކުރައްވާފައެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,861އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,398އަށް އުފުލިފައެވެ.