ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓައިލަން ގޮވައިލުމުން ގްރިއެތަ ތުންބަރީ ހައްޔަރުކޮށްފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް އަޑު އުފުލައި ފަލަސްޠީނުގެ މިނިވަން ކަމަށް ގޮވައިލުމަށް ބޭއްވި އެއްވުމެއްގެ ތެރެއިން ތިމާވެށި ޙިމާޔަތް ކުރަން އަޑުއުފުލާ އެކްޓިވިސްޓު ގްރިއެތަ ތުންބަރީ ހައްޔަރު ކޮށްފިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޑެންމާކުގެ ވެރިރަށް ކޫބެންހައުންގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ.

ޑެންމާކުގެ ފުލުހުން ބުނީ, މުޒާހަރާގެ ތެރެއިން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ ކޫބެންހައުން ޔުނިވަރސިޓީގެ އިމާރާތެއްގެ މައި ދޮރާށި ބަންދުކޮށް, އޭގެ ތެރެއިން ބައެއް މީހުން އިމާރާތުގެ ތެރެއަށް ވަނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް, ހައްޔަރު ކުރި މީހުންގެ ތެރޭގައި ތުންބަރީ ހިމެނޭ ކަން ހާމަ ކޮށްފައެއް ނުވެއެވެ.

ކޫބެންހައުން ޔުނިވަރސިޓީ ކައިރީގައި ފަލަސްޠީނުގެ ޙައްޤުގައި އަޑު އުފުލުމަށް ބޭއްވި އެއްވުން އިންތިޒާމު ކޮށްފައި ވަނީ ސްޓޫޑެންޓްސް އެގެއިންސްޓް ދި އޮކިޔުޕޭޝަންގެ ނަން ދީފައިވާ ހަރަކާތަކުންނެވެ. އެ އެއްވުމުގެ ތެރެއިން ތުންބަރީ ހައްޔަރު ކޮށްގެން ގެންގޮސް, ފުލުހުންގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ވީޑިޔޯއެއް އެ ހަރަކާތުން ވަނީ ސޯޝަލް މީޑިޔާގައި ޢާންމު ކޮށްފައެވެ. ނަމަވެސް, މިހާރު ތުންބަރީ މިނިވަން ކޮށްފައިވާ ކަމުގައި ޑެންމާކުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.

ތުންބަރީ މަޝްހޫރުވެފައި ވަނީ, އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް އަޑު އުފުލައި, އެ ކަންކަމާ މެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއްގެ ގޮތުގައެވެ. ނަމަވެސް, ފަހަކަށް އައިސް އޭނާ ވަނީ ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތުކޮށް އަޑު އުފުލަން ފަށާފައެވެ. އަދި, ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަމުން ފަލަސްޠީނުގެ މުސްލިމުން މިނިވަން ކުރުމަށް ބާރު އެޅުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތަކާއި އެއްވުންތައް ބޭއްވުމަށް އޭނާ ދަނީ ގޮވައިލަމުންނެވެ.

ކޫބެންހައުން ޔުނިވަރސިޓީ ކައިރީގައި ބޭއްވި އެއްވުމުގައި އެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ގިނަ ޢަދަދެއްގެ ދަރިވަރުން ވެސް ބައިވެރިވިއެވެ. އެ ޔުނިވަރސިޓީގެ އިސް އޮފިޝަލެއް ކަމުގައިވާ ކްރިސްތިޔަން ސިޔަވެ ލައުޓަރ ވިދާޅުވީ, މުޒާހަރާގައި ބައިވެރިވި ދަރިވަރުންނަށް އަދަބު ދިނުމާ މެދު ޔުނިވަރސިޓީން ވިސްނަމުންދާ ކަމުގައެވެ. ނަމަވެސް, އެ ދަރިވަރުންނާ މެދު އަޅާނެ ފިޔަވަޅަކީ ކޮބައިކަން ސާފުކޮށްދީފައެއް ނެތެވެ. ތުންބަރީއަކީ އެ ޔުނިވަރސިޓީގެ ދަރިވަރެއް ނޫނެވެ.

ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފަދަ މުޒާހަރާތައި އެއްވުންތައް ބާއްވަމުން މި ދަނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ޒަޔަނިސްޓު ދަޢުލަތުގެ ހައްދުފަހަނަ އެޅި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ. ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާ އެކު ކުރަމުންދާ މަޝްވަރާތަކަށް ވެސް އޭނާ ދަނީ ހުރަސް އަޅަމުންނެވެ.

2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,878އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,454އަށް އުފުލިފައެވެ.