ޚަބަރު

ރަތް ކަނޑުގެ ޙަމަލާތަކުގެ ނުރައްކަލާއި ގެއްލުން ބޮޑުވަނީ: މެޔަސްކް


ރަތް ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރަށް އޮތް ނުރައްކަލާއި, ކަނޑުމަގުން މުދާ އުފުލުގެ ވިޔަފާރިއާއި ސަޕްލައި ޗެއިނަށް އެ ކަމުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާ ކަމުގައި ޑެންމާކުގެ އޭޕީ މުލަރ-މެޔަސްކް ކުންފުނިން ބުނެފިއެވެ. މެޔަސްކަކީ ކަނޑުމަގުން މުދާ އުފުލުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ.

ރަތް ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރަށް ނުރައްކާވެފައި ވަނީ ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަކާ ގުޅިގެންނެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. އެ ޙަރަކާތުގެ ދަށުން ޙޫޘީން ދަނީ ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރާއި, ޒަޔަނިސްޓު ދަޢުލަތަށް މުދާ އުފުލާ އުޅަނދުފަހަރަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.

ޙަމަލާތަކުގައި ޙޫޘީން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންތަކާއި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. އެ ޖަމާޢަތުން ވަނީ ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑަށް ވެސް އޮޕަރޭޝަން ފުޅާ ކޮށްފައެވެ. 30އަށްވުރެ ގިނަ އުޅަނދަށް ޙޫޘީންގެ ޙަމަލާތައް އަމާޒުކޮށްފައިވާއިރު, އޭގެ ތެރެއިން ދެ އުޅަނދު ވަނީ ފައްތައިލާފައެވެ.

ޙޫޘީން ޙަމަލާތަކާ ގުޅިގެން ގިނަ ކުންފުނިތަކުން ވަނީ ރަތް ކަނޑު ހުރަސް ކުރުން މެދުކަނޑައިލާފައެެވެ. އޭގެ ތެރޭގައި މެޔަސްކުން އޮޕަރޭޓު ކުރާ އުޅަނދުފަހަރު ހިމެނެއެވެ. އޭގެ ބަދަލުގައި, އޭޝިޔާއާއި ވިލާތުގެ ބަނދަރުތަކުގެ ދެމެދުގައި ދަތުރު ކުރާ އުޅަނދުފަހަރު މިހާރު ދަނީ އެފްރިކާ ބައްރުގެ ދެކުނު ތަނޑި ވަށައިލުމަށް ފަހުއެވެ. އެއާ އެކު, ކަނޑުމަގުން މުދާ އުފުލުގެ ޚަރަދުތައް ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ. އަދި, ވިލާތާއި އޭޝިޔާގެ ބަނދަރުތަކުގައި އުޅަނދުފަހަރު ވަނީ ތޮއްޖެހިފައެވެ.

މެޔަސްކުން ބުނީ, ޙޫޘީން ޙަމަލާތަކާ ގުޅިގެން ރަތް ކަނޑުން މިޞްރުގެ ސުވައިސް ޗެނަލް ހުރަސް ކުރާ އުޅަނދުފަހަރުގެ ޢަދަދު 66 އިންސައްތަ ދަށްވެފައިވާ ކަމުގައެވެ. "އެ ހުއްޓުންތަކާ ގުޅިގެން ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހި, މުދާ އުފުލާ މިންވަރަށް ބަދަލު އައިސް, ވަސީލަތްތަކަށް ބާރު ބޮޑުވެ, ބަނދަރުތަކުގައި ތޮންޖެހުން އިތުރުވެ, ބޮޑެތި ލަސްވުންތަކެއް ވަނީ ކުރިމަތިވެފައި،" މެޔަސްކުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މެޔަސްކުން ޖުލައި މަހު ބުނީ, ރަތް ކަނޑުގައި ކުރިމަތިވަމުންދާ ނުރައްކާތަކުގެ ސަބަބުން އިރުމައްޗާއި ވިލާތުގެ ބަނދަރުތަކުގެ އިތުރުން އެ ކުންފުނީގެ ހުރިހާ އޮޕަރޭޝަންތަކާއި ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމުގައެވެ. އަދި, އެއާ އެކު އިޤުތިޞާދީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދިނެވެ. "މި ހުރަސްތައް ހައްލުކޮށް ޢާންމު ހާލަތަކަށް ބަދަލުވާނެ ދުވަހެއް ސާފެއް ނޫން،" އެ ކުންފުނިން ބުންޏެވެ. މުދާ އުފުލުގައި ބޭނުން ކުރާ ކޮންޓެއިނަރގެ ޑިމާންޑު އުފުލެމުންދާ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.