އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ފޮނުވައިފިއެވެ. އެފްރިކާގެ ބައްރުގެ ޤައުމުތަކުގެ ތެރެއިން މި ވަގުތު އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ކޮންގޯގައެވެ.
އެފްރިކާގެ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޕްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. 2023 ޖަނަވަރީން ފެށިގެން ކޮންގޯގައި ބަލި ފެތުރެމުންދާއިރު, އެ ޤައުމާ އިންވެގެން އޮތް ބައެއް ޤައުމުތަކަށް ވެސް މިހާރު މި ބަލީ ފެތުރެން ފަށާފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރިމަވެފައި އޮތް އެންމެ ބޮޑު ހުރަހަކީ, އެ ކަމަށް ބޭނުންވާ ވެކްސިން ކޮންގޯގެ އިތުރުން އެފްރިކާ ބައްރުގެ ގިނަ ޤައުމުތަކެއްގައި ނެތުމެވެ. ނަމަވެސް, ވިލާތުގެ އިއްތިހާދު (އީޔޫ)ން މި ވަނީ ވެކްސިންގެ ޑޯޒްތަކެއް ކޮންގޯއަށް ހަދިޔާ ކޮށްފައެވެ. އީޔޫން ފޮނުވަން ފަށާފައި ވަނީ ބެވޭރިޔަން ނޯޑިކް ކުންފުނިން އުފައްދާފައިވާ ވެކްސިންގެ ޑޯޒްތަކެކެވެ.
ކޮންގޯގެ ޞިއްޙަތާ ބެހޭ ވަޒީރު ސެމަޔަލް ރޮޖަރ ކަމްބާ މުލަމްބާ ވިދާޅުވީ, އެ ވެކްސިނަކީ އެމެރިކާގައި ބަލި ޖެހުނު މީހުންނަށް ފަރުވާ ކުރުމަށް ކާމިޔާބު ކަމާ އެކު ބޭނުން ކޮށްފައިވާ ވެކްސިނެއް ކަމަށާއި, ކޮންގޯގެ ބޮޑެތި މީހުންނަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. "އެންމެ ހަލުވިކޮށް ބަލި ފެތުރެމުންދާ ސަރަޙައްދުތައް ވަނީ ދެނެގަނެވިފައި. އިކުއެތަރ އަދި ދެކުނު ކީވޫ ފާހަގަ ކޮށްލެވޭ. ވިސްނުމަކީ, އެ ސަރަޙައްދުތަކުގައި ބަލި ފެތުރުން ވީ އެންމެ އަވަހަކަށް ހުއްޓުވުން،" އޭނާ ވިދާޅުވިއެވެ.
އީޔޫން އެންމެ ފުރަތަމަ ފޮނުވާފައި ވަނީ ވެކްސިންގެ 99,000 ޑޯޒެވެ. އަދި, ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު 200,000 ޑޯޒް ކޮންގޯއަށް ފޮނުވާނެ ކަމުގައި އީޔޫގެ ކުއްލި ޞިއްޙީ ހާލަތްތަކާ ބެހޭ އިދާރާ (އެޗްއީއާރްއޭ)ގެ ވެރިޔާ ލޮޜޯންޓް މުޝޭ ވިދާޅުވިއެވެ.
އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ޤައުމުތަކަށް އީޔޫން އެމްޕޮކްސް ވެކްސިންގެ 566,000 ޑޯޒް ފޯރުކޮށްދޭން އަމާޒު ހިފާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "ބަލީގެ ކޭސްތަކުގެ ޢަދަދަށް ބަލާއިރު, ދެން އެންމެ އަވަހަށް [ވެކްސިން] ފޮނުވާނީ ބުރުންޑީއަށް. ނަމަވެސް, އެ ކަމަށް އެ ޤައުމުގެ ޞިއްޙަތާ ބެހޭ އިދާރާތަކުގެ ހުއްދަ ބޭނުން ވާނެ،" އޭނާ ވިދާޅުވިއެވެ.
2022ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމްޕޮކްސް ބަލި ފެތުރެން ފެށުމާ އެކު, އެންމެ ގިނަ ޢަދަދަކަށް ވެކްސިން ތައްޔާރުކޮށް ގުދަން ކޮށްފައި ވަނީ އީޔޫގެ މެންބަރު ޤައުމުތަކާއި އެމެރިކާގައެވެ. ނަމަވެސް, އެމްޕޮކްސް ބައްޔަށް ފަރުވާ ކުރަން ބޭނުންވާ މިންވަރާ ގާތަށް ވެސް އެފްރިކާ ބައްރުގެ ޤައުމުތަކުގެ ވެކްސިނެއް ނެތެވެ.
އީޔޫން ކޮންގޯއަށް ވެކްސިން ޑޯޒް ހަދިޔާ ކުރަން ފެށުމުން, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފަށާފައިވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެން ދާނެއެވެ. ކޮންގޯން ބުނީ, ވެކްސިން ޖަހައިދިނުމުގެ ކެމްޕޭން ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 8ގައި ކަމުގައެވެ. އަދި, އޭގެ ކުރިން ޢާންމުންގެ މެދުގައި ބައްޔާ މެދު ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ.
މި އަހަރުގެ މިހާތަނަށް ކޮންގޯއިން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު މީހުންގެ ޢަދަދު 19,710އަށް އަރައެވެ. އަދި, 5,041 މީހަކަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު, އޭގެ ތެރެއިން 655 މީހުން ވަނީ މަރުވެފައެވެ. ޢާންމު ގޮތެއްގައި އެމްޕޮކްސަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ޖެހޭ ނުރައްކާތެރި ބައްޔަކަށްވީ ނަމަވެސް, ކޮންގޯގައި ފެތުރެމުންދާ ބަލީގެ އައު ވޭދަނައެއްގެ ސަބަބުން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ދަނީ ބަލި ޖެހެމުންނެވެ. މި ވަގުތު ކޮންގޯގައި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.
އީޔޫން ކޮންގޯއަށް ވެކްސިން ޑޯޒްތައް ފޮނުވަން ފަށާފައި މި ވަނީ ވެކްސިން ގަތުމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ދާދި ފަހުން ބޮޑު އޯޑަރެއް ޖަހާފައިވާ ދަނޑިވަޅެއްގައެވެ. ވެކްސިން ޑޯޒުތައް ހަދިޔާ ކުރުމަށް ވެސް, ޔުނިސެފުން ވަނީ ވެކްސިން ސްޓޮކު ކޮށްފައިވާ ޤައުމުތަކަށް ގޮވައިލާފައެވެ. އެފްރިކާ ބައްރުގެ އިތުރުން މި ވަގުތު ބަލި ޖެހިފައިވާ މީހުން ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި އުރުދުނާއި, ތައިލެންޑާއި, ބަންގްލަދޭޝްގެ އިތުރުން ސްވިޑެން ހިމެނެއެވެ.