ޚަބަރު

ޙަސީނާގެ ސަރުކާރު ވެއްޓުމަށް އެއް މަސް ފުރުން ފާހަގަ ކޮށްފި


ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރު ވެއްޓުމަށް އެއް މަސް ފުރުން ފާހަގަ ކުރުމަށް ގިނަ ޢަދަދެއްގެ ދަރިވަރުން މަގުތަކަށް ނިކުމެ, ހިނގައިލުންތަކެއް ބާއްވައިފިއެވެ. އިސްތިޢުފާ ދެއްވައި ޙަސީނާ ޤައުމު ދޫކޮށް ވަޑައިގަންނަވާފައި ވަނީ އޮގަސްޓު މަހުގެ 5ވަނަ ދުވަހުއެވެ. އޭނާގެ ސަރުކާރުގެ ނިމުމުގައި އެންމެ އިސް ދައުރެއް އަދާ ކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ބިޔަ މުޒާހަރާތަކެއް ކުރި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނެވެ.

ޙަސީނާގެ ސަރުކާރާ ދެކޮޅަށް ދަރިވަރުން މުޒާހަރާ ކުރަން ފަށާފައި ވަނީ ޖުލައި މަހުގެ މެދުތެރޭގައެވެ. އެ މީހުން ގޮވައިލާފައި ވަނީ, ސަރުކާރު ވަޒީފާތަކަށް މީހުން ޣައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމު އުވައިލުމަށެވެ. ނަމަވެސް, ސަރުކާރުން ވަނީ އެ ގޮވައިލުންތަކަށް ބީރު ކަންފަތެއް ދީފައެވެ. އަދި, ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ރޫޅައިލަން މަސައްކަތް ފަށާފައެވެ. އެ ކަމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި 1,000އެއްހާ މީހުން މަރުވިއެވެ. އަދި, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ.

ޙަސީނާގެ ސަރުކާރު ވެއްޓުމަށް އެއް މަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ހިނގައިލުން ބާއްވާފައި ވަނީ, މުޒާހަރާތަކުގެ ތެރެއިން މަރުވި މީހުންގެ ހަނދާންތައް އައު ކުރުމާ އެކުގައެވެ. އެ ހިނގައިލުންތަކުގައި މަރުވި މީހުންގެ ޢާއިލާގެ މެންބަރުންނާއި, ކޮލެޖާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުންގެ އިތުރުން އެ ތަންތަނުގެ މުދައްރިސުން ވެސް ބައިވެރިވިއެވެ.

ޙަސީނާގެ ސަރުކާރު ވެއްޓުމުން ބަންގްލަދޭޝްގައި ވަނީ ވަގުތީ ސަރުކާރެއް އެކުލަވައިލާފައެވެ. އަދި, އެ ސަރުކާރުގެ އިސް މުޝީރުގެ ގޮތުގައި ޢައްޔަން ކޮށްފައި ވަނީ ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ. ވަގުތީ ސަރުކާރުގެ މައި މަސްއޫލިއްޔަތަކީ ބަންގްލަދޭޝްގައި އަލުން ސުލްޙައާއި ހަމަޖެހުން ގާއިމުކޮށް, ވީ އެންމެ އަވަސް ފުރުޞަތެއްގައި ޢާންމު އިންތިޚާބެއް ބޭއްވުމެވެ. ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަކީ, 1971ވަނަ އަހަރު އެ ޤައުމަށް މިނިވަން ކަން ލިބުނު ފަހުން ހިނގާފައިވާ އެ ފަދަ އެންމެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެވެ.

ޙަސީނާގެ ސަރުކާރު ވެއްޓުމަށް އެއް މަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައި ޔޫނުސް ވަނީ ތަޢުލީމަށް އެނބުރި ދިޔުމަށް ދަރިވަރުންނަށް ގޮވައިލައްވާފައެވެ. "މަދަރުސާތަކާއި, ކޮލެޖުތަކާއި ޔުނިވަރސިޓީތައް މިހާރު އެ ވަނީ އަލުން ހުޅުވާފައި. އަޅުގަނޑު އެދެނީ ތިޔަ ދަރިވަރުން ކުލާސްރޫމްތަކަށް އެނބުރި ދިޔުން. އިންޤިލާބުގެ ސަބަބުން ލިބުނު ކާމިޔާބީ އިތުރަށް ދަމަހައްޓަން ތަޢުލީމީ އަދި ޤާބިލު ޖީލެއް ބޭނުންވާނެ. ތާރީޚީ އިންޤިލާބުގައި އެތަކެއް ސަތޭކަ ދަރިވަރުން ފުރާނައިން ޤުރުބާންވެފައިވާ ކަން ފާހަގަ ކުރަން،" ޔޫނުސް ވިދާޅުވިއެވެ.

ޙަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް އިންތިޒާމު ކުރި ހަރަކާތުގެ އިސް ބައިވެރިއެއް ކަމުގައިވާ ނާހިދު އިސްލާމް ބުނީ މިއަދު އަލިވިލިފައި މި ވަނީ އައު ބަންގްލަދޭޝަކަށް ކަމުގައެވެ. "އެތަކެއް ބަޔެއްގެ ލެއިން ޤުރުބާންވެގެން އުފެދިފައި މި ވަނީ އައު ބަންގްލަދޭޝެއް. އަޅުގަނޑުމެން ދިރި މިތިބީ އެ މީހުންނާ ހެދި. ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން އަލުން މި ވަނީ ހޯދިފައި،" ޔޫނުސްގެ ސަރުކާރުގައި މޫޝީރެއްގެ މަޤާމު އަރުވާފައިވާ 26 އަހަރުގެ އިސްލާމް ބުންޏެވެ.

މުޒާހަރާގެ ބައިވެރިންގެ އެދުމުގެ މަތިން ޙަސީނާގެ ސަރުކާރުގައި އިސް މަޤާމުތަކެއްގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އިސްތިޢުފާ ދީފައެވެ. އަދި, ވަގުތީ ސަރުކާރުން ވަނީ ގިނަ ޢަދަދެއްގެ ބަޔަކު މަޤާމުން ވަކި ކޮށްފައެވެ. އެންމެ ފަހުން އިސްތިޢުފާ ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި އިންތިޚާބާ ބެހޭ ކޮމިޝަނުގެ ވެރިޔާ ކާޖީ ޙަބީބް އަލް-އައްވަލް ހިމެނެއެވެ. އަދި, އުއްތަމަފަނޑިޔާރާއި, މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ފުލުހުންގެ ކޮނިޝަނަރު ވެސް ވަނީ މަޤާމުން ވަކި ކޮށްފައެވެ.

ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅައިލުމަށް ބާރުގެ ބޭނުންކޮށް, ޢާންމު ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަޙުޤީޤު ކުރަން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި, ޔޫނުސްގެ ސަރުކާރުގެ އެދުމުގެ މަތިން އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާއިން ވަނީ އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަން ހާމަ ކޮށްފައެވެ. މައްސަލަތައް ދިރާސާ ކުރުމަށް އެ އޮފީހުގެ ވަފުދެއް ދާދި އަވަހަށް ދާކާއަށް ދަތުރު ކުރާނެއެވެ.