ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ޔޫކްރެއިންގެ ސިފައިން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން, އެމެރިކާއިން ފޮނުވަމުންދާ ދުރު-ރާާސްތާގެ ހަތިޔާރު އެ ޙަމަލާތަކުގައި ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެމެރިކާގެ ކިބައިން އާދޭސް ދަންނަވަން ފަށައިފިއެވެ.
ރަޝިޔާއަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާއާއި ނޭޓޯގެ މެންބަރު ޤައުމުތަކުން ފޯރު ކޮށްދެމުންދާ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދައަށް ޒެލެންސްކީ އެދިވަޑައިގަންނަވަމުން ގެންދަވާތާ މިހާރު އެތަކެއް މަހެއް ފާއިތު ވެއްޖެއެވެ. އެ ހުއްދައަށް އެދި އޭނާ އެމެރިކާގެ ކިބައިން އަނެއްކާ ވެސް އެދިވަޑައިގަންނަވާފައި މި ވަނީ, ޔޫކްރެއިނަށް 250 މިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޮނުވަން އެމެރިކާއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ޖަރުމަނުވިލާތުގައި ހުންނަ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ރަމްޝްޓައިން އަސްކަރީ ވައިގެ ބަނދަރުގައި ބޭއްވި ބައްދަލުވުމެއްގައި ޒެލެންސްކީ ވިދާޅުވީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނެވޭނީ, ދުރު-ރާސްތާގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދީގެން ކަމުގައެވެ. އެމެރިކާއިން އިންތިޒާމު ކޮށްގެން ބާއްވާފައިވާ ބައްދަލުވުމުގައި ޒެލެންސްކީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައި ހަނގުރާމަ ފުޅާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގައި ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ 50 ޤައުމަކުން ބައިވެރިވިއެވެ.
"ރަޝިޔާއިން ސުލްޙަވާން ބޭނުން ވާނީ, ޔޫކްރެއިންގެ އިތުރުން ރަޝިޔާގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް ދުރު-ރާސްތާގެ ހަތިޔާރު ބޭނުން ކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންނަށް ލިބިގެން،" ޒެލެންސްކީ ވިދާޅުވިއެވެ. އޭނާގެ މި ވާހަކަފުޅަށް ލިތުއޭނިޔާއާއި އެސްޓޯނިޔާއިން ވަނީ ތާޢީދު ކޮށްފައެވެ.
އެމެރިކާއާއި ނޭޓޯގެ އެހެން މެންބަރު ޤައުމުތަކުން ފޯރު ކޮށްދެމުންދާ ދުރު-ރާސްތާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދިނުން ޔޫކްރެއިނަށް އޮތީ މަނާ ކޮށްފައެވެ. ސަބަބަކީ, އެ ފަދަ ޙަމަލާތަކުގައި އެމެރިކާއާއި ހުޅަނގުގެ ހަތިޔާރު ބޭނުން ކުރަން ފަށައިފި ނަމަ, އެއީ ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމުގެ ގޮތުގައި ރަޝިޔާއިން ދެކޭނެތީއެވެ. އަދި, ރަޝިޔާއާއި ހުޅަނގާ ދެމެދު ނުރައްކާތެރި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އެމެރިކާގެ އިތުރު އެހީތެރި ކަމަށް ޒެލެންސްކީ އެދިވަޑައިގަންނަވާފައި މި ވަނީ ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބަށް އެ ޤައުމުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސް ވަނީ ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރު ކޮށްދިނުމުގައި އޭނާގެ ސަރުކާރެއްގައި އެމެރިކާއިން ދެމި އޮންނާނެ ކަމުގެ ޔަގީން ކަން އަރުވާފައެވެ. ނަމަވެސް, އޭނާއާ ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ ކަން ހާމަ ކުރައްވާފައެވެ.
ޖަރުމަނުވިލާތުގައި ބޭއްވި ބައްދަލުވުމުގައި ނޭޓޯއާއި ހުޅަނގުގެ ބައެއް މެންބަރު ޤައުމުތަކުން ވަނީ ޔޫކްރެއިނަށް އަސްކަރީ އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަން ހާމަ ކޮށްފައެވެ. މި ގޮތުން, ހޮވިޓްޒަރ މަރުކާގެ 12 ބަޑި ޔޫކްރެއިނަށް ފޮނުވާނެ ކަން ޖަރުމަނުވިލާތުން ހާމަ ކޮށްފައިވާއިރު, ކެނެޑާއިން ވަނީ އަސްކަރީ މަތިންދާބޯޓުތަކަށް ޙަމަލާ ދޭން ބޭނުން ކުރެވޭނެ 80,840 ރޮކެޓާއި 1,300 ވޯހެޑް ނުވަތަ ބޮން ފޯރު ކޮށްދޭން ވަޢުދުވެފައެވެ.
މީގެ އިތުރުން, އިނގިރޭސިވިލާތުން ވަނީ ޔޫކްރެއިންގެ ވައިގެ ދިފާޢަށް ބޭނުންވާ 650 މިސައިލް ފޯރުކޮށްދޭނެ ކަން އިޢުލާނު ކޮށްފައެވެ. އެއީ, ރަޝިޔާއިން ދެމުންދާ މިސައިލާއި ޑްރޯން ޙަމަލާތަކުން ދިފާޢުވާން މުހިންމު ހަތިޔާރަކަށް ވާނެއެވެ. ހަ ކިލޯމީޓަރު ދުރުގައި އޮންނަ އަމާޒުތަކަށް ޙަމަލާ ދޭން ބޭނުން ކުރެވޭނެ އެ މިސައިލްތަކުގެ އަގު 213.13 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ, މި އަހަރު ނިމުމުގެ ކުރިން އެ މިސައިލްތައް ޔޫކްރެއިނަށް ފޯރު ކޮށްދޭން ފަށާނެ ކަމުގައެވެ.
ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ދޭ މިސައިލާއި ޑްރޯން ޙަމަލާތައް ރަޝިޔާއިން ދަނީ އިތުރު ކުރަމުންނެވެ. މި ގޮތުން, ސެޕްޓެންބަރު 2ވަނަ ދުވަހު އެކަނިވެސް ރަޝިޔާއިން ވަނީ 200 މިސައިލާއި ޑްރޯން ބޭނުންކޮށް ރަޝިޔާގެ ވެރިރަށް ކީވާއި މީހުން ދިރިއުޅޭ ބޮޑެތި ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޢާންމުންގެ ހަތް މީހުން މަރުވެ, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ޔޫކްރެއިނުން ބުންޏެވެ.