ރޭސިންގ އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް މިދިޔަ އަހަރު އެޗްޑީސީއަށް ދީފައިވާ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާތިލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ކޮންޓްރޯލް ކުރުމަށާއި މަގުތަކަކީ ރައްކާތެރިތަނެއްގެ ގޮތުގައި ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. އެގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ރައީސް ވަނީ އިދާރާތަކަށް އަންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމާބެހޭ މުއައްސަސާތަކަށް އެންގެވި ކަންކަމުގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޮބަރު 19 ގައި ރޭސިންގ އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް އެޗްޑީސީއަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލް ކުރުން ހިމެނެއެވެ. އަދި މަގުތަކަކީ އެންމެނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށް، ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހު ކުރުމަށްވެސް އެމަނިކުފާނު ވަނީ އަންގަވާފައެވެ.
ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުންރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް… pic.twitter.com/LSbgEclych
— Dr Mohamed Muizzu (@MMuizzu) September 6, 2024
ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. އަދި ވަކީ ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމު ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭގޮތަށްވެސް ޤާނޫނާއި ގަވާއިދު އިސްލާހު ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެއްގަމު އުޅަނދުތަކުގައި ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށްވެސް ޤާނޫނާއި ގަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކޮށް، ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމަށާއި، ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގްރެޖުއޭޓިން ލައިސަންސް ސިސްޓަމެއް ތަޢާރާފުކުރުމާއި، ގަވާއިދާ ޚިލާފަށް އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިންސަސުން ޕޮއިންޓް ކަނޑަން ފެއްޓުމަށާއި، މަގުމަތީގެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ކުރައްވާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާ ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފިޔަވަޅުތަކަކީ ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ކޮންޓްރޯލްކޮށް، އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަމަށެވެ. އަދި މި ފިޔަވަޅުތައް އަޅަމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.