ހުޅަނގު އައްސޭރީގެ ރަށްތަކުގައި ލާއިންސާނީ ޢުދުވާން ހިންގަމުން ދިޔަ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން 21 މީހުން ޝަހީދު ކޮށްލުމަށް ފަހު ޖިނީނުން ފައިބައިފިއެވެ. ނުވަ ދުވަހަށް ދެމިގެންދިޔަ ޢުުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ ޖިނީންގެ ޢާންމުން ދިރިއުޅޭ ގެދޮރާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި, ބުލްޑޯޒަރު ފަދަ އާލާތްތައް ބޭނުންކޮށް ޖިނީންގެ މަގުތައް ސުންނާފަތި ކޮށްލާފައެވެ.
ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި 100އަށްވުރެ ގިނަ ސިފައިން ޖަނީނަށް އަރާފައި ވަނީ ބަރު ހަތިޔާރާ އެކުގައެވެ. ޖިނީންގެ ޢާންމުންގެ ގެދޮރަށް ޙަމަލާ ދޭން އެ މީހުން ވަނީ ހެލިކޮޕްޓަރުތަކާއި އަސްކަރީ ޑްރޯންތައް ވެސް ބޭނުން ކޮށްފައެވެ. ފަހުގެ ތާރީޚެއްގައި ޖިނީންގައި ހިންގާފައިވާ އެންމެ ބޮޑު ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 16 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ކުއްޖާ ޝަހީދު ކޮށްލާފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ކުޑަދޮރު ކައިރީގައި ހުއްޓައި ދިން ސްނައިޕަރު ބަޑީގެ ޙަމަލާއެއްގައެވެ.
ޖިނީން ޢުދުވާނުގައި ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ގެދޮރަށް ވަރުގަދަ ޙަމަލާތަކެއްދީ, ސުންނާފަތި ކޮށްލުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެދޮރު ނެތިފައެވެ. ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކާއި މަގުތައް ސާފު ކުރުމުގެ މަސައްކަތް ޖިނީންގެ ރައްޔިތުން މިހާރު ދަނީ ކުރަމުންނެވެ. އެ ރަށަށް އެރި ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނަށް ހުރަސް އަޅަން, ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތައް ކަމުގައިވާ ޙަމާސާއި, އިސްލާމިކް ޖިހާދުގެ އިތުރުން ފަތުޙުގެ މުޖާހިދުން ވަނީ އެ މީހުންނާ ކުރިމަތިލައި, ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
"އެ މީހުން އަރައިގަނެ, ބުލްޑޯޒަރުތައް ބޭނުންކޮށް ހުރިހާ އެއްޗަކަށް ވަނީ ގެންލުން ދީފައި. އެއްވެސް އެއްޗެއް ސަލާމަތަކުން ނެތް،" ޖިނީންގެ ރައްޔިތެއް ކަމުގައިވާ ސަމާހިރް އަބޫ ނަސާ ބުންޏެވެ. ޖިނީންގެ 20 ކިލޯމީޓަރު މަގަށް ޔަހޫދީ ފައުޖުން ގެންލުން ދީފައިވާއިރު, ބޮޑު ސަރަޙައްދަކުން ކަރަންޓާއި ފެނުގެ ޚިދުމަތް ވެސް ވަނީ ކަނޑައިލާފައެވެ. އެ ކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ.
ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވަނީ ޖިނީންގައި ޔަހޫދީން ހިންގާފައިވާ ޢުދުވާންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެއީ, ޢައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލައި, އެ ރަށް ސުންނާފަތި ކޮށްލަން ހިންގަމުންދާ ޢުދުވާނާ އެއް ގަދަ ޙަމަލާތަކެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަ ކުރިއެެވެ. ޖިނީންގެ އިތުރުން ހުޅަނގު އައްސޭރީގެ އަލް-ޚަލީލާއި, ޡުލްކަރްމް އަދި ޠޫބަސްގައި ވެސް ޔަހޫދީ ފައުޖުން ޢުދުވާންތައް ހިންގިއެވެ. އެ ސަރަޙައްދުތަކަށް އަރައިގަތް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ފައިބާފައިވާ ކަން އަދި ސާފެއް ނޫނެވެ.
ޖިނީން ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖަނާޒާ ސެޕްޓެންބަރު 6ވަނަ ދުވަހު ވަނީ ބާއްވާފައެފެ. އެ ޖަނާޒާގައި އެތަކެއް ހާސް ބަޔަކު ބައިވެރިވިއެވެ. ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޖަމާޢަތްތަކުގެ މުޖާހިދުން ވެސް ހިމެނެއެވެ.
2023 ޖަނަވަރީ 1ން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާއި ހައްދުފަހަނަ އެޅި ޔަހުދީ ޢާންމުން ހިންގާފައިވާ ގަތުލުއާންމުތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 861އަށް އަރައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 14,196އަށް އުފުލިފައެވެ.
މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅުވައި ހުޅަނގު އައްސޭރީގައި ހިންގާ ގަތުލުއާންމުތައް ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރުކޮށް ފުޅާ ކޮށްފައެވެ. ޣައްޒާ ޢުދުވާން ފެށި ފަހުން ހުޅަނގު އައްސޭރިން ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 680އަށް އަަރައެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަހީދު ކޮށްލާފައި ވަނީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ދިން ނިރުބަވެރި ޙަމަލާތަކުގައެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,878އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,454އަށް އުފުލިފައެވެ.