ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ފައިބަން އެއްބަސްވެއްޖެއެވެ. ޢިރާޤު ސަރުކާރުގެ މަސްދަރުތަކުން ބުނީ, އެ ޤައުމުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފައިބާނެ ތާވަލަކާއި ރޭވުމަކާ މެދު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ. ނަމަވެސް, ޢިރާޤު ސަރުކާރުން އެ ކަން ރަސްމީކޮށް ކަަށަވަރު ކޮށްދީފައެއް ނެތެވެ.
ޢިރާޤުން އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފައިބާނީ, ދެ ޤައުމުގެ ސަރުކާރުން އެ ކަމާ މެދު ރަސްމީކޮށް ގޮތެއް ނިންމުމުންނެވެ. ނަމަވެސް, ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 2025 ސެޕްޓެންބަރު މަހުގެ ކުރިން ޢިރާޤުގައި ތިބި އެތަކެއް ސަތޭކަ އެމެރިކާ ސިފައިން އެ ޤައުމުން ފައިބާނެއެވެ. އަދި, ބާކީ ތިބި ސިފައިން 2026ވަނަ އަހަރު ނިމުމުގެ ކުރިން ފައިބަން ޖެހޭނެ ކަމުގައި, ޢިރާޤުގެ މަސްދަރުތަކުން ބުންޏެވެ.
އެ ކަމާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނީ, ޢިރާޤުން ފޭބުމާ މެދު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލެވިފައިވީ ނަމަވެސް, ތާރީޚުތަކާއި ތާވަލު އިޢުލާނު ކުރާނެ ވަކި ދުވަހަކާ މެދު ގޮތެއް ނިންމާފައި ނުވާ ކަމުގައެވެ. އެމެރިކާއިން މިހާރު މަސައްކަތް ކުރަމުން ދަނީ, އަސްކަރީ މުޝީރުންގެ ގޮތުގައި އެމެރިކާ ސިފައިން ޢިރާޤުގައި ބޭތިއްބުމާ މެދު ޢިރާޤު ސަރުކާރުގެ ރުހުން ހޯދުމަށެވެ.
އެ މަޢުލޫމާތު ހާމަ ކޮށްފައިވާ މަސްދަރުތަކުގެ ތެރޭގައި އެމެރިކާއާއި ޢިރާޤުގެ އޮފިޝަލުންގެ އިތުރުން, އެމެރިކާގެ އިއްތިޙާދީ ލަޝްކަރުގައި ހިމެނޭ ޤައުމުތަކުގެ އޮފިޝަލުން ހިމެނެއެވެ. ބައެއް އޮފިޝަލުން ބުނީ, މި ހިނގާ ސެޕްޓެންބަރު މަހުގެ ތެރޭގައި އެއްބަސްވުމުގެ މަޢުލޫމާތު ޢާންމު ކުރެވޭނެ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ.
ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ބޭލުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ދިޔަ ފަންނީ މަރުޙަލާގެ މަޝްވަރާތައް ކާމިޔާބު ކަމާ އެކު ނިންމައިލާފައިވާ ކަމުގައި ޢިރާޤުގެ ޚާރިޖީ ވުޒާރާގެ މުޝީރެއް ކަމުގައިވާ ފަރުހާދު ޢަލާއުއްދީން ކަށަވަރު ކޮށްދެއްވިއެވެ. "އިއްތިޙާދީ ލަޝްކަރުގެ އޮޕަރޭޝަނަށް ނިމުމެއް ގެނެސް, މި ވަގުތު އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ދޭދޭ ގުޅުންތަކުގެ ތެރެއިން އަސްކަރީ, ސަލާމަތީ, އިޤުތިޞާދީ އަދި ސަގާފީ ދާއިރާއިން ގުޅުންތައް ބަދަހި ކުރަން ފެށުމަށް،" އޭނާ ވިދާޅުވިއެވެ. ނަމަވެސް, އެންމެ ފަހުގެ އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލު އޭނާ ހާމަ ކުރައްވާފައެއް ނެތެވެ.
ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި އިއްތިޙާދީ ލަޝްކަރުގެ ސިފައިން ފޭބުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި ޢިރާޤުގެ ބޮޑުވަަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ވަނީ އޭޕްރިލް މަހު އެއްބަސްވެފައެވެ. އެ ކަމާ ގުޅޭ ރަސްމީ މަޝްވަރާތައް ފެށުމަށް ބައިޑަން އެއްބަސްވެފައި ވަނީ ބަޣްދާދާއި ވޮޝިންގޓަނާ ދެމެދު ހަ މަސް ދުވަހުގެ މުއްދަތަކަށް އެ ކަމާ މެދު ވާހަކަތައް ބޭއްވި ފަހުންނެވެ.
އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤުން ފައިބަން އެއްބަސްވެފައި މި ވަނީ, ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރު ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޙަމަލާތައް އިތުރު ކޮށްފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޔަހޫދީ ފައުޖުގެ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ ތިން މީހުން މަރައިލައި, އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ.
ޢިރާޤުގައި މި ވަގުތު ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަކީ ނިރުބަވެރިންގެ ޖަމާޢަތް, އައިއެސާ ދެކޮޅަށް 2014ވަނަ އަހަރު ފެށި ހަނގުރާމައިގައި ބައިވެރިވުމަށް ފޮނުވި ސިފައިންނެވެ. އޭގެ ތެރެއިން 2,500އެއްހާ އެމެރިކާ މިހާރު ވެސް ޢިރާޤުގައި ތިބިއިރު, އެ ޤައުމާ އިންވެގެން އޮތް ސޫރިޔާގައި ވެސް އެމެރިކާގެ 900އެއްހާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އައިއެސްގެ ހަނގުރާމަވެރިން އަތްގަދަ ކޮށްފައިވާ ޢިރާޤުގެ ރަށްތައް މިނިވަން ކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ.
އޭގެ ކުރިން, 2003ވަނަ އަހަރު ވެސް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ވަނީ ޢިރާޤަށް އަރާފައެވެ. އަދި, އެ ޤައުމުގެ ރައީސް ސައްދާމް ޙުސައިން އަވަހާރަ ކޮށްލައި, އޭނާގެ ސަރުކާރު ވައްޓައިލާފައެވެ. އެ ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ ލަޝްކަރުން 2011ވަނަ އަހަރު އެ ޤައުމުން ފައިބާފައިވީ ނަމަވެސް, އައިއެސާ ދެކޮޅަށް ފެށި ހަނގުރާމައަށް 2014ވަނަ އަހަރު އަނެއްކާ ވެސް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ވަނީ ފޮނުވާފައެވެ. ޢިރާޤަށް އަރައިގަނެފައިވާ އިއްތިޙާދީ ލަޝްކަރުގައި ދެން ހިމެނެނީ ޖަރުމަނުވިލާތާއި, ފަރަންސޭސިވިލާތާއި އިޓަލީވިލާތުގެ ސިފައިންނެވެ.