ސޫދާންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާއާއި އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާޢަތްތަކުން ވެސް އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުންދާ ކަމުގައި އދން ހާމަ ކޮށްފިއެވެ. ސޫދާންގައި ހަނގުރާމަ ކުރަމުން ދަނީ އަސްކަރިއްޔާއާއި ހަތިޔާރު އެޅި ޖަމާޢަތް, ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފާ) ދެމެދުގައެވެ. މި ހަނގުރާމައިގެ ތެރެއިން ޢާންމު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުންދޭތޯ ބެލުމަށް އދގެ މިޝަނަކުން ވަނީ ތަޙުޤީޤެއް ހިންގާފައެވެ.
އެ ތަޙުޤީޤާ ގުޅޭ ގޮތުން އދން ބުނީ, ސޫދާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ދެ ފަރާތުގެ ފައުޖުތަކުން ވެސް އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި އަމަލުތައް ހިންގަމުންދާ ކަމަށާއި, އެއީ ހަނގުރާމައިގެ ކުށުގެ ގޮތުގައި ބެލުމުގެ ފުރުޞަތު އޮތް ކަމުގައެވެ. އަދި, ސޫދާންގެ ޢާންމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ސުލްޙަ ބަލަހައްޓާ ފައުޖެއް އެ ޤައުމަށް ފޮނުވަން ޖެހިފައިވާ ކަމުގައެވެ.
އދގެ މިޝަނުން ބުނީ, އަސްކަރިއްޔާއާއި އާރްއެސްއެފްގެ ސިފައިން, ސޫދާންގެ އަންހެނުން ރޭޕުކޮށް ގިނަ ޢަދަދެއްގެ ބަޔަކަށް ޙަމަލާ ދެމުންދާ ކަމުގައެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޣައިރު ޤާނޫނީ ހައްޔަރަށް ގެންގޮސްފައިވާ ކަމުގައި ވެސް މިޝަނުން ހާމަކުރިއެވެ. އދގެ މިޝަންގެ ރިޕޯޓު އެކުލަވައިލުމަށް, ޙަމަލާތަކުން ސަލާމަތްވި ޢާންމުންނާއި އެ މީހުންގެ ޢާއިލާތަކުގެ މެންބަރުންގެ އިތުރުން މަންޒަރު ފެނުނު 182 މީހަކާ ސުވާލު ކޮށްފައިވެއެވެ.
"މަސްރަޙު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި, އަދި ޢާންމުންގެ ފުރާނައަށް ނުރައްކާވިޔަ ނުދޭން ދެ ފަރާތުން ވެސް ފޭލުވެފައިވުމާ އެކު މި ކަމާ މެދު ވަގުތުން ފިޔަވަޅު އަޅައި ހުއްޓުވަން ޖެހޭ ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަން،" އދގެ މިޝަންގެ ވެރިޔާ މުޙައްމަދު ޝަންދީ އުޘްމާން ވިދާޅުވިއެވެ. އަންހެނުން ރޭޕު ކުރުމާއި ޢާންމުންނަށް ލާއިންސާނީ އަނިޔާތަށް ދިނުން ހުއްޓައިލުމަށް ގޮވައިލާފައިވާ ގޮވައިލުންތަކަށް އިޖާބަ ދޭން ދެ ފަރާތުން އިންކާރު ކުރަމުންދާ ކަމުގައި ވެސް އދން ހާމަ ކުރިއެވެ.
އުޘްމާން ވިދާޅުވީ, ސޫދާންގެ ދާޚިލީ މަސްރަޙު ހަމައަކަށް އަޅުވައި, އެ ޤައުމުގެ ޢާންމު ރައްޔިތުންގެ ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް އެ ޤައުމަށް ސުލްޙަ ބަލަހައްޓާ ބައިނަލްއަޤުވާމީ ފައުޖެއް ފޮނުވައިގެން ކަމުގައެވެ. "އަޅުގަނޑުމެންގެ ލޯތައް ކުރިމަތީގައި ޢާންމު ރައްޔިތުންގެ ފުރާނަ ނަގައިލަމުންދާއިރު އެ ކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި ބަލާކަށް ނުތިބެވޭނެ،" އދގެ މިޝަންގެ މެންބަރެއް ކަމުގައިވާ މުނާ ރަޝްމާވީ ވިދާޅުވިއެވެ.
ސޫދާނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާ ކޮށްފައިވާ ފިޔަވަޅު އެ ޤައުމުގެ ހުރިހާ ސަރަޙައްދަކަށް ފުޅާ ކުރުމަށް ވެސް އދގެ މިޝަނުން ވަނީ އިރުޝާދު ދީފައެވެ. މި ވަގުތު, ފިޔަވަޅު އަޅާފައި އޮތް ހަމައެކަނި ސަރަޙައްދީ ސޫދާންގެ ހުޅަނގުގައި އޮތް ދަރްފޫރެވެ. އެ ސަރަޙައްދުގައި ހިންގަމުންދާ ގަތުލުއާންމުތަކުގައި އެތަކެއް ހާސް ބަޔަކު މަރައިލާފައިވާ ކަމުގައި ރިޕޯޓު ކޮށްފައިވެއެވެ.
ސޫދާންގައި ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ އާރްއެސްއެފްގެ ފައުޖުތަކުން 2023ވަނަ އަހަރުގެ އޭޕްރިލް މަހު ވެރިރަށް ޚަރްޠޫމަށް އަރައިގަތުމާ ގުޅިގެންނެވެ. ސޫދާންގެ 18 ސްޓޭޓެއްގެ ތެރެއިން 14 ސްޓޭޓެއްގައި އަސްކަރިއްޔާއާއި އާރްއެސްއެފްގެ ފައުޖުތަކުން މި ވަގުތު ދަނީ ހަނގުރާމަ ކުރަމުންނެވެ.
އދގެ މިޝަނުން ބުނީ, އާރްއެސްއެފްގެ ސިފައިން ގިނަ ޢަދަދެއްގެ ހަނގުރާމައިގެ ކުށްތައް ހިންގާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އަންހެނުން ވަގަށް ގެންގޮސް ޖިންސީ އަޅުންގެ ގޮތުގައި އަނިޔާ ދިނުމާއި, އާރްއެސްއެފްގެ ލަޝްކަރުތަކަށް ކުޑަކުދިން ރެކްރޫޓު ކުރުވުން ހިމެނެއެވެ. ހަނގުރާމައިގެ ފުރަތަމަ އަހަރުގެ ތެރޭގައި 400އަށްވުރެ ގިނަ އަންހެނުން ރޭޕު ކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމުގައި ވެސް އެ މިޝަނުން ހާމަކުރިއެވެ.
"މި ހަނގުރާމައިގެ އަނިޔާވެރިކަމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކަށް, ޚާއްޞަކޮށް ކުޑަކުދިންނަށް, އެތަކެއް ޒަމާނަކަށް ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ،" އދގެ މިޝަންގެ މެންބަރު ޖޮއި އެންގޯޒީ އެޒެއިލޯ ވިދާޅުވިއެވެ. ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ސޫދާންގެ ސަރުކާރާ ވާހަކަ ދައްކަން އެތަކެއް ފަހަރެއްގެ މަތިން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމުގައި ވެސް އދގެ މިޝަނުން ބުންޏެވެ.
ސޫދާންގެ ދާޚިލީ ހަނގުރާމަ ފެށުމުގެ ކުރިން އެ ޤައުމުގައި ވެރިކަން ކޮށްފައި ވަނީ އަސްކަރިއްޔާއާއި އާރްއެސްއެފުން ގުޅިފައިވާ ސަރުކާރަކުންނެވެ. އެ ދެ ފަރާތުން ވެރިކަން ފޭރިގަނެފައި ވަނީ އަސްކަރީ ބަޣާވާތަކުން އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމަށް ފަހުއެވެ. ސޫދާންގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުން ކާބޯތަކެތި ހުސްވެ, ޢާންމު ރައްޔިތުން ހައިހޫނުގައި ޖެހިފައިވާ ކަމުގައި ވެސް އދން އިންޒާރު ކުރިއެވެ. މީގެ އިތުރުން, 17 މަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމައާ އެކު އެ ޤައުމުގައި ނުރައްކާތެރި ބަލިތައް ވަނީ ޢާންމުވާން ފަށާފައެވެ.
ސޫދާންގައި ހާލުގައި ޖެހިފައިވާ ޢާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން މަޝްވަރާތައް ދަނީ ކުރަމުންނެވެ. ސްވިޓްޒަރލެންޑުގައި ދާދި ފަހުން ބޭއްވި މަޝްވަރާތަކަށް ފަހު, ވާހަކަތައް ވިލަރެސް ކުރަމުންދާ އެމެރިކާއިން ބުނީ, ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރު ކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ކުރަން ސޫދާންގެ އަސްކަރިއްޔާއާއި އާރްއެސްއެފުން އެއްބަސްވެފައިވާ ކަމުގައެވެ. ނަމަވެސް, އެ މަޝްވަރާތަކުގައި ސޫދާނުގެ އަސްކަރިއްޔާއިން ބައިވެރިވެފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.