ޚަބަރު

އައު ބޮޑުވަޒީރު ބަޣުނިޔޭއާ ދެކޮޅަށް ފަރަންސޭސިވިލާތުގައި މުޒާހަރާ ކުރަނީ


ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް މިޝެލް ބަޣުނިޔޭ ޢައްޔަން ކުރުމާ ގުޅިގެން އެ ކަމާ ދެކޮޅަށް އަޑު އުފުލުގެ ގޮތުން އެތަކެއް ހާސް ބަޔަކު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާއި ބޮޑެތި ރަށްތަކުގެ މަގުތައް ފުރައިލައިފިއެވެ. އެ މަޤާމަށް ބަޣުނިޔޭ ޢައްޔަން ކުރަން ނިންމަވާފައި ވަނީ ރައީސް އިމަނުއެލް މެކްޚޮންއެވެ. މި ކަމާ އެންމެ ބޮޑަށް ދެކޮޅު ހަދަމުން ދަނީ ވައަތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ސިޔާސީ ޕާޓީތަކާއި, އެ ޕާޓީތަކުގެ މެންބަރުންނެވެ.

މީގެ ކުރިން ވަޒީރު ކަމުގެ މަޤާމުތައް ފުރުއްވާފައިވާ ބަޣުނިޔޭއަކީ ފަރަންސޭސިވިލާތުގެ ގިނަ ރައްޔިތުންނަށް ފަރިތަ މޫނެއް ނޫނެވެ. ނަމަވެސް, ވިލާތުގެ އިއްތިހާދު (އީޔޫ)ން ވަކިވުމަށް އިނގިރޭސިވިލާތުން ކުރި މަސައްކަތުގައި (ބްރެކްސިޓްގައި) އީޔޫގެ ފަރާތުން އިސް ނެގޯޝިއޭޓަރުގެ މަޤާމު ފުރުއްވާފައިވަނީ 73 އަހަރުގެ ބަޣުނިޔޭއެވެ. ކަނާތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ބަޣުނިޔޭ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރައްވަން މެކްޚޮން ނިންމަވާފައި ވަނީ, އެ މަޤާމަށް ޢައްޔަން ކުރާނެ ބޭފުޅަކާ މެދު ދެ މަހަށްވުރެ ގިނަ ދުވަހު ވިސްނެވުމަށް ފަހުއެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމަށް ބަޣުނިޔޭ ޢައްޔަން ކުރުމުން އެ ކަމާ ދެކޮޅަށް އެންމެ ބޮޑަށް ފާޑު ކިޔަމުން ދަނީ ވައަތު ފިޔައިގެ ފްރާންސް އަންބަވްޑް ޕާޓީ (އެލްއެފްއައި)ންނެވެ. އެ ޕާޓީގެ ވެރިޔާ ޜޯން-ލޫކް މިލޯންޝުން ވިދާޅުވީ, ޑިމޮކުރަސީގައި ކާމިޔާބީ ބަލައިގަތުމުގެ އިތުރުން, ނާކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީ ޤަބޫލު ކުރުން އޮންނަ ކަމުގައެވެ. އަދި, ދިގު ހަނގުރާމައަކަށް ތައްޔާރު ވާން އޭނާ ވަނީ ގޮވައިލައްވާފައެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމަށް ބަޣުނިޔޭ ޢައްޔަން ކުރުމާ ދެކޮޅަށް އަޑު އުފުލުމަށް ކުރަމުންދާ މުޒާހަރާތަކުގައި 300,000އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމުގައި, މުޒާހަރާތައް އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ. ޕެރިސްގައި ބޭއްވި މުޒާހަރާގައި 160,000އެއްހާ މީހުން ބައިވެރިވި ކަމުގައި އެ ހަރަކާތުން ބުނި ނަމަވެސް, ޕެރިސްގެ ފުލުހުން ބުނީ މުޒާހަރާގައި ބައިވެރިވެފައި ވަނީ 26,000 ވަރަކަށް މީހުން ކަމުގައެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބަޣުނިޔޭ ރަސްމީ ހައިސިއްޔަތުން އެންމެ ފުރަތަމަ ވަޑައިގަންނަވާފައި ވަނީ ޕެރިސްގައި ހުންނަ ހަސްފަތާލަކަށެވެ. ޞިއްޙީ ނިޒާމު ބަލިކަށިވުމަކީ ފަރަންސޭސިވިލާތުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް ބޮޑު މައްސަލައެކެވެ. އަދި, އެ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ފިޔަވަޅުތަކެއް އަޅުއްވަން ބަޣުނިޔޭ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ. "ކަންކަން އިތުރަށް ހަރުދަނާ ކުރެވޭނެ," އޭނާ ވިދާޅުވިއެވެ.

ބަޣުނިޔޭ ވިދާޅުވީ, އޭނާގެ ސަރުކާރެއްގައި ކަނާތު ފިޔައިގެ ޕާޓީތަކާއި, މެކްޚޮންގެ ޕާޓީގެ އިތުރުން ވައަތު ފިޔައިގެ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުޞަތު އޮންނާނެ ކަމުގައެވެ. ބޮޑުވަޒީރު ކަމުގެ މަޤާމުގައި އޭނާއަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ 2025ވަނަ އަހަރުގެ ބަޖެޓު އެކުލަވައިލައްވައި, ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވައި, ރުހުން ހޯއްދެވުމެވެ.

މީގެ އިތުރުން, ފަރަންސޭސިވިލާތުގެ ދަރަނި ކުޑަ ކުރުމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ދަނީ ސަރުކާރަށް ބާރު އަޅަމުންނެވެ. އޭގެ ތެރޭގައި ވިލާތުގެ ކޮމިޝަނާއި, ވިލާތުގެ އިއްތިހާދުގެ މައި އިދާރާ ވެސް ހިމެނެއެވެ. އަދި, ބަޣުނިޔޭއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ހުށަހެޅުމަށް އިދިކޮޅު ޕާޓީތަކުން މިހާރު ވެސް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

މިލޯންޝުން ތުހުމަތު ކުރައްވާ ގޮތުގައި މެކްޚޮން ވަނީ ފަރަންސޭސިވިލާތުގެ ރައްޔިތުންގެ ކިބައިން އިންތިޚާބުގެ ނަތީޖާ ފޭރިގަނެފައެވެ. އަދި, ދާދި ފަހުން ބޭއްވި ޢާންމު އިންތިޚާބުގައި އެންމެ ގިނަ ޢަދަދެއްގެ ދާއިރާއިން ގޮނޑި ކާމިޔާބު ކޮށްފައިވާ ނިއު ޕޮޕިއުލަރ ޕްރަންޓް (އެންއެފްޕީ)ގެ ވެރިޔާ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރުމުގެ ބަދަލުގައި, އެ މަޤާމު ބަޣުނިޔޭއަށް ދެއްވުމުން މިލޯންޝުން ވަނީ މެކްޚޮނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެ ނިންމުމާ އެކު ފަރަންސޭސިވިލާތުގެ ޢާންމުންގެ މެދުގައި މެކްޚޮނަށް އޮތް އިތުބާރާއި ތާޢީދު ވަނީ ފަނޑުވެފައެވެ. ޚިޔާލު ހޯދުމުގެ ވޯޓެއްގައި ބައިވެރިވި މީހުންގެ ތެރެއިން 74 އިންސައްތަ މީހުން ޤަބޫލު ކުރާ ގޮތުގައި އިންތިޚާބުގެ ނަތީޖާ ބަލައިގަންނަވަން މެކްޚޮން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އަދި, 55 އިންސައްތަ މީހުން ބުނީ, އިންތިޚާބުގެ ނަތީޖާ މެކްޚޮން ފޭރިގަނެފައިވާ ކަމުގައެވެ.

އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ކަނާތު ފިޔައިގެ ނޭޝަނަަލް ރެލީ (އާރްއެން)ގެ ވެރިޔާ މަރީން ލެ ޕެން ވަނީ ބަޣުނިޔޭއަށް ރުހުން ދެއްވާފައެވެ. ނަމަވެސް, އާރްއެނާއި އެންއެފްޕީ ގުޅިގެން ބަޣުނިޔޭގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައިފިނަމަ, އޭނާއަށް މަޤާމު ގެއްލިގެން ދާނެއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ފަދަ މަންޒަރެއް ފެނުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމުގައެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރުމަށް ހުށަހަޅާފައިވާ ބަޣުނިޔޭ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތީ އުމުރުން 27 އަހަރުގައެވެ. އެއަށްފަހު, އޭނާ ވަނީ އެކި ސަރުކާރުތަކުގައި ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައެވެ. އޭގެ ތެރޭގައި ޚާރިޖީ ވަޒީރު ކަމުގެ މަޤާމާއި, ދަނޑުވެރިކަމާ ބެހޭ ވަޒީރު ކަމުގެ މަޤާމު ވެސް ހިމެނެއެވެ. ފާއިތުވި 15 އަހަރު އޭނާ ހޭދަ ކުރައްވާފައި ވަނީ އީޔޫގެ އެކިއެކި މަޤާމުތަކުގައެވެ.