ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)ގައި އުފުލާފައިވާ ދަޢުވާތައް ބޭރު ކޮށްލައިފިއެވެ. ހަނިއްޔާއާ ދެކޮޅަށް އައިސީސީގައި ދަޢުވާ އުފުލައި, އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި ވަނީ, ޔަހޫދީންގެ އަޅުވެތިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ކުރަމުންދާ ޖިހާދާ ގުޅުވައެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީންނާ ދެކޮޅަށް ޙަމާސުން ދިން ޖިހާދުގެ ޙަމަލާތަކާއި, އޭގެ ރައްދުގައި ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެން އައިސީސީން ވަނީ ޙަމާސްގެ އިސް އޮފިޝަލުންގެ އިތުރުން ޒަޔަނިސްޓު ދަޢުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެހެން އިސްވެރިން ހައްުޔަރު ކުރުމަށް ވެސް އަމުރު ކޮށްފައެެވެ.
އައިސީސީގެ އިސް ޕްރޮސިކިޔުޓަރ ކަރީމް ޚާން މޭ މަހު ވިދާޅުވީ, ޔަހޫދީންނާ ދެކޮޅަށް ޙަމާސްގެ މުޖާހިދުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ޒިންމާ ހަނިއްޔާގެ އިތުރުން އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ މިހާރުގެ ވެރިޔާ ޔަޙްހާ އަލް-ސަންވާރާއި އަސްކަރީ ގޮފީގެ އިސް ކޮމާންޑަރު މުޙައްމަދު އަލް-މަޞްރީ (މުޙައްމަދު ޟަޔިފް) އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމުގައެވެ.
ޙަމާސްގެ އިސް ތިން އޮފިޝަލުންނާއި ޒަޔަނިސްޓު ދަޢުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު ޔޮވާން ގަލާންތު ހައްޔަރު ކުރުމަށް ވެސް އައިސީސީން ވަނީ އަމުރު ނެރެފައެވެ. ނަތަންޔާހޫއާއި ގަލާންތާ ދެކޮޅަށް ދަޢުވާ އުފުލައި, ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ހިންގަމުންދާ ޤަތުލުޢާންމުތަކާއި, އިންސާނިއްޔަތާއި ޚިލާފު އަމަލުތަކާއި, ހަނގުރާމައިގެ ކުށްތަކާ ގުޅުވައެވެ. އެ ދަޢުވާތަކާއި ހައްޔަރު ކުރުމުގެ އަމުރާ ގުޅިގެން އައިސީސީން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަން ސާފެއް ނޫނެވެ.
ހަނިއްޔާއާ ދެކޮޅަށް އައިސީސީގައި އުފުލާފައިވާ ދަޢުވާތައް ބޭރު ކޮށްލާފައި ވަނީ ޖުލައި 31ވަނަ ދުވަހު އޭނާ ޝަހީދު ކޮށްލުމާ ގުޅިގެން, އޭނާ ހައްޔަރު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިޔުމުންނެވެ. ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އީރާނުގެ ވެރިރަށް ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާއެއްގައެވެ. ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ އެ ކަމުގެ ޒިންމާ އުފުލަން ދެކޮޅު ހަދަމުންނެވެ.
ޔަހޫދީ ފައުޖުން އީރާނުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެފައިވާ ކަމަށް ބަލައި, އީރާނުން ވަނީ ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން, ޟަޔިފް ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް ޙަމާސް ޖަމާޢަތުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,939އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,616އަށް އުފުލިފައެވެ.