ޚަބަރު

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިންނަށް އަސަރުކުރާނެ: ސްޕެއިން ކޯޗު


ގާތްގާތުގައި ވަރުގަދަ ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިންނަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް ޑިލަފުއެންޓޭ ބުނެފިއެވެ.

ޔޫއެފާ ނެޝަންސް ލީގުގައި ސްވިޓްޒަލަންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑިލަފުއެންޓޭ ބުނެފައިވަނީ ކްލަބުތަކަށް ގިނަ މެޗުތަކެއް ކުޅުމަށްފަހު ގައުމީ ޓީމުގައި އެ ކުޅުންތެރިން ބޭނުން ކުރަންޖެހޭއިރު ކުޅުންތެރިންނަށް ވަރުބަލިކަމުގެ އިހުސާސް ކުރަން ޖެހޭ ކަމަށެވެ.

ޑިލަފުއެންޓޭ އިތުރަށް ބުނެފައިވަނީ ކްލަބްތަކުގައި ގިނަ މެޗުތަކެއް ކުޅުމަށްފަހު ކުޅުންތެރިން ގައުމީ ޓީމަށް އަންނައިރު ކްލަބްތަކުން ބޭނުންވަނީ އެ ކުޅުންތެރިންނަށް އަރާމު ކުރުމަށް ވަގުތުދޭން ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި، ގައުމީ ޓީމަށްވެސް އެ ކުޅުންތެރިން މުހިންމު ކަމަށެވެ. އަދި މިކަމަކީ ވިސްނައިގެން ކުރަން ޖެހޭ ކަމެއް ކަމަށާއި މެޗުތަކުގެ ތާވަލު ހަދާއިރު މިކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

ސްވިޓްޒަލަންޑާ ދެކޮޅަށް މިރޭ ރަށުން ބޭރުގައި ސްޕެއިން ނިކުންނައިރު, އެ ޓީމުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ. އަދި ސްވިޓްޒަލޭންޑް ވަނީ ފުރަތަމަ މެޗުން ޑެންމާކް އަތުން ބަލިވެފައެވެ. އެހެންކަމުން މި މެޗަށް މި ދެ ޓީމު ނިކުންނައިރު، މިއީ ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ.

ސްޕެއިނުގެ ކޯޗު ބުނެފައިވަނީ މި މެޗުން އޭނާ ތިން ޕޮއިންޓް ބޭނުންވާ ކަމަށާއި، އެހެންކަމުން އެކަން ހާސިލުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި މި މެޗަކީ އެއްވަރުކޮށްގެން ނިންމާލެވޭނެ މެޗެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ސްވިޓްޒަލަންޑަކީ ވަރުގަދަ މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި، އެހެންކަމުން މި މެޗަކީ ހުރިހާ ގޮތަކުންވެސް ވާދަވެރި މެޗަކަށް ވާނެ ކަމަށެވެ. އަދި ސްޕެއިނަކީ އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ކަމަށްވާއިރު ސަޕޯޓަރުންގެ އުންމީދުތައް ވަރަށް މަތިވާނެ ކަމަށާއި، ސްޕެއިން ބަލިވާން އެ މީހުން ނޭދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.