ދުރު-ރާސްތާ މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޔޫކްރެއިނުން ޙަމަލާ ދީގެން ހަނގުރާމައިގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޤަބޫލު ނުކުރާ ކަން އެމެރިކާއިން ހާމަ ކޮށްފިއެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން މި ކަން ހާމަ ކުރައްވާފައި މި ވަނީ, އެ ޤައުމުން ޔޫކްރެއިނަށް ފޯރު ކޮށްދެމުންދާ ދުރު-ރާސްތާގެ ހަތިޔާރުތައް ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ހުއްދަ ހޯދުމަށް ޔޫކްރެއިނުން މެދުކެނޑުމެއް ނެތި އެދެމުންދާ ދަނޑިވަޅެއްގައެވެ.
ޖަރުމަނުވިލާތުގައި ހުންނަ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ރަމްޝްޓައިން އަސްކަރީ މަރުކަޒުގައި ދާދި ފަހުން ބޭއްވި އެހީގެ ސަމިޓުގައި ވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ, ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާއިން ފޮނުވަމުންދާ ހަތިޔާރުތައް ބޭނުން ކުރުމުގެ ހުއްދައަށް އެދި އާދޭސް ދަންނަވާފައެވެ. ނަމަވެސް, އެމެރިކާއިން އެ ކަމުގެ ހުއްދަ ދީފައެއް ނެތެވެ. ދުރު-ރާސްތާގެ އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް ވެސް ޒެލެންސްކީ ވަނީ އެމެރިކާގެ އިތުރުން ނޭޓޯގެ މެންބަރު ޤައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މި ކަމާ ގުޅޭ ގޮތުން އޮސްޓިން ވިދާޅުވީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އޮއިވަރު ބަދަލު ކޮށްލެވޭނެ ވަކި ޚާއްޞަ ގޮތެއް ނުވަތަ ޤާބިލު ކަމެއް ނެތް ކަމުގައެވެ. އަދި, ދުރު-ރާސްތާ މިސައިލްތަކާއި ރޮކެޓުތައް ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަކީ ހަނގުރާމައިގެ އޮއިވަރު ބަދަލުކޮށް, ޔޫކްރެއިނަށް ކާމިޔާބީ ހޯދޭނެ އުކުޅެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ގްލައިޑް ބޮން ބޭނުން ކޮށްގެން ރަޝިޔާއިން ޔޫކްރެއިންގެ ރަށްތަކަށް ދެމުންދާ ޙަމަލާތައް ހުއްޓުވޭނީ, ދުރު-ރާސްތާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ އަސްކަރީ ވައިގެ ބަނދަރުތައް ނައްތައިލައިގެން ކަމަށް ޒެލެންސްކީ ޤަބޫލު ކުރައްވައެވެ. ނަމަވެސް, އޮސްޓިން ވިދާޅުވީ, އެމެރިކާއިން ފޯރުކޮށްދެމުންދާ އޭޓީއޭސީއެމް މަރުކާގެ މިސައިލްތަކުގެ ރާސްތާއަށް ވުރެ ދުރަށް ރަޝިޔާއިން އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް ބަދަލު ކޮށްފައިވާ ކަމަށާއި, އެ ފަދަ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާއަށް ޙަމަލާ ދީގެން ލިބޭނެ މޮޅެއް ނުވަތަ ފައިދާއެއް ނޯންނާނެ ކަމުގައެވެ.
"އަސްކަރީ ކޭމްޕޭނުގައި [ޔޫކްރެއިނަށް] ކުރި ހޯދޭނެ ވަކި ޚާއްޞަ އެއްވެސް ޤާބިލު ކަމެއް ނޯންނާނެ،" އޮސްޓިން ވިދާޅުވިއެވެ. ނަމަވެސް, ޔޫކްރެެއިނަށް އިތުރު ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރު ކޮށްދިނުމުގައި އެމެރިކާއާއި އެ ޤައުމުގެ އެކުވެރިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އޭނާ އެރުވިއެވެ. އަދި, އެމެރިކާގެ 250 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރު އެހީގެ ޕެކޭޖެއް އޭނާ އިޢުލާނު ކުރެއްވިއެވެ.
ރަޝިޔާގެ ރަށްތަކަށް ޙަަމަލާ ދިނުމުގެ އަސްކަރީ ޤާބިލު ކަން ޔޫކްރެއިންގެ ސިފައިންގެ ކިބައިގައި މިހާރު ވެސް ހުރި ކަމުގައި އޮސްޓިން ވިދާޅުވިއެވެ. މި ގޮތުން, އެމެރިކާގެ އޭޓީއޭއެމްސީ މިސައިލާއި އިނގިރޭސިވިލާތުން ފޯރު ކޮށްދެމުންދާ ސްޓޯމް ޝެޑޯ މަރުކާގެ މިސައިލްތަކަށް ވުރެ ދުރު ރާސްތާތަކަށް ޙަމަލާ ދިނުމުގެ ޤާބިލު ކަން ލިބިފައިވާ އަސްކަރީ ޑްރޯންތައް ޔޫކްރެއިނުން އަމިއްލައަށް އުފައްދައި, މިހާރު ވެސް ބޭނުން ކުރަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"ރަޝިޔާގައި [ޙަމަލާ ދެވޭނެ] އަމާޒުތައް ވަރަށް ގިނަ — އެއީ ބޮޑު ޤައުމެއް. އެ އަމާޒުތަކަށް ޙަމަލާ ދިނުމަށް ޔޫކްރެއިނަށް ބޭނުން ކުރެވޭނެ ގިނަ ހަތިޔާރުތަކެއް އެ ޤައުމުގެ ސިފައިންގެ އަތުގައި މިހާރު ވެސް އެބަހުރި, އޭގެ ތެރޭގައި އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) [ޑްރޯން] ފަދަ ހަތިޔާރު ހިމެނޭ،" އޮސްޓިން ވިދާޅުވިއެވެ.
ރަމްޝްޓައިން އަސްކަރީ މަރުކަޒުގައި ބޭއްވި އެހީގެ ސަމިޓުގައި ގިނަ ޤައުމުތަކަކުން ވަނީ ޔޫކްރެއިނަށް އިތުރު އަސްކަރީ އެހީތެރިކަން ފޯރު ކޮށްދޭން ވަޢުދުވެފައެވެ. މި ގޮތުން, ހޮވިޓްޒަރ މަރުކާގެ 12 ބަޑި ޔޫކްރެއިނަށް ފޮނުވާނެ ކަން ޖަރުމަނުވިލާތުން ހާމަ ކޮށްފައިވާއިރު, ކެނެޑާއިން ވަނީ އަސްކަރީ މަތިންދާބޯޓުތަކަށް ޙަމަލާ ދޭން ބޭނުން ކުރެވޭނެ 80,840 ރޮކެޓާއި 1,300 ވޯހެޑް ނުވަތަ ބޮން ފޯރު ކޮށްދޭން ވަޢުދުވެފައެވެ.
މީގެ އިތުރުން, އިނގިރޭސިވިލާތުން ވަނީ ޔޫކްރެއިންގެ ވައިގެ ދިފާޢަށް ބޭނުންވާ 650 މިސައިލް ފޯރުކޮށްދޭނެ ކަން އިޢުލާނު ކޮށްފައެވެ. އެއީ, ރަޝިޔާއިން ދެމުންދާ މިސައިލާއި ޑްރޯން ޙަމަލާތަކުން ދިފާޢުވާން މުހިންމު ހަތިޔާރަކަށް ވާނެއެވެ. ހަ ކިލޯމީޓަރު ދުރުގައި އޮންނަ އަމާޒުތަކަށް ޙަމަލާ ދޭން ބޭނުން ކުރެވޭނެ އެ މިސައިލްތަކުގެ އަގު 213.13 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ, މި އަހަރު ނިމުމުގެ ކުރިން އެ މިސައިލްތައް ޔޫކްރެއިނަށް ފޯރު ކޮށްދޭން ފަށާނެ ކަމުގައެވެ.
ޔޫކްރެއިންގެ ސިފައިން މި ވަގުތު ދަނީ ރަޝިޔާގެ ހުޅަނގު ކޫރްސްކް ސަރަޙައްދަށް އަރައިގަނެ, ރަޝިޔާގެ ފައުޖުތަކާ ކުރިމަތިލަމުންނެވެ. އެ ސަރަޙައްދުގެ 100އެއްހާ އަވަށް ހިމެނޭ ގޮތުން 1,300 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާނެ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. "ރަޝިޔާއިން ސުލްޙަވާން ބޭނުން ވާނީ, ޔޫކްރެއިންގެ އިތުރުން ރަޝިޔާގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް ދުރު-ރާސްތާގެ ހަތިޔާރު ބޭނުން ކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންނަށް ލިބިގެން،" ޒެލެންސްކީ ވިދާޅުވިއެވެ.