ޚަބަރު

ޔަހޫދީންނާ ދެކޮޅަށް މުސްލިމުން އެއްބައިވަންތަވާން އުރްދުޣާން ގޮވައިލައްވައިފި


ހުރިހާ އިސްލާމީ ޤައުމަކުން ޔަހޫދީންނާ ދެކޮޅަށް ތެދުވެ އެއްބައިވަންތަ ކަމުގެ އިއްތިޙާދެއް އެކުލަވައިލަން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ގޮވައިލައްވައިފިއެވެ. އޭނާ އެ ކަމަށް ގޮވައިލައްވާފައި ވަނީ, ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކުގައި ތުރުކީވިލާތުގެ ރައްޔިތެއް ޝަހީދު ކޮށްލުމުންނެވެ. އަދި, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ 11 މަސް ކުރިން ފެށި ލާއިންސާނީ ޢުދުވާން ހުއްޓައިލަން ޒަޔަނިސްޓު ދަޢުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާއެއްގައި ޝަހީދު ކޮށްލާފައި ވަނީ އެމެރިކާއާއި ތުރުކީވިލާތުގެ ރަށްވެހިކަން ރައްޔިތެކެވެ. އެ އަންހެން މީހާ ޝަހީދު ކޮށްލާފައި ވަނީ, ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި ސުލްޙަވެރި މުޒާހަރާއެއްގެ ބައިވެރިންނަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައެވެ.

އުރްދުޣާން ވިދާޅުވީ, ޔަހޫދީންގެ އިސްތިޢުމާރީ އަމަލުތަކާއި ފަލަސްޠީނުގެ މުސްލިމުންގެ އިތުރު ބިންތައް ފޭރިގަތުން ހުއްޓުވޭނީ ޔަހޫދީންނާ ދެކޮޅަށް ހުރިހާ އިސްލާމުން އެއްބައިވަންތަވެގެން ކަމުގައެވެ. "އިސްރާއީލުގެ ކިބުރުވެރިކަން ހުއްޓުވޭނީ, އެ މީހުންގެ ހައްދުފަހަނަ އެޅި އަމަލުތައް ހުއްޓުވޭނީ, އަދި އިސްރާއީލުގެ ދަޢުލަތުން ހިންގަމުންދާ ނިރުބަވެރި އަމަލުތަކަށް ނިމުމެއް ގެނެވޭނީ އިސްލާމީ ޤައުމުތަކުން އެއްބައިވަންތަވެގެން،" އޭނާ ވިދާޅުވިއެވެ.

ޔަހޫދީންގެ އިސްތިޢުމާރީ އަމަލުތަކުގެ ނުރައްކާ އިސްލާމީ ޤައުމުތަކަށް ބޮޑުވަމުންދާ ކަަމަށާއި, އެ ކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި ލުބްނާނާއި ސޫރިޔާ ހިމެނޭ ކަމުގައި ވެސް އުރްދުޣާން ވިދާޅުވިއެވެ. އަދި, މިޞްރާއި ސޫރިޔާއާ އެކު ގުޅުންތައް ހަރުދަނާ ކުރަން ތުރުކީވިލާތުން މަސައްކަތް ކުރަމުން ދަނީ, ޔަހޫދީންގެ އިސްތިޢުމާރީ ބާރުވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހުސްވި ހަފުތާގައި އުރްދުޣާން ވަނީ މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއާ އަންކަރާގައި ބައްދަލު ކުރައްވައި, ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި, މީގެ 12 އަހަރު ކުރިން ދެ ޤައުމުގެ ދެމެދުގައި އުފެދުނު ނުތަނަވަސް ކަން ހައްލު ކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ސީސީ އަންކަރާއަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ 12 އަހަރަށް ފަހުއެެވެ.

ޢަރަބި އަދި މެދުއިރުމަތީގެ ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން އުރްދުޣާން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން, އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އާއި ސަޢޫދީ ޢަރަބިއްޔާއާ އެކު އޮތް ގުޅުންތައް ބަދަހި ކުރަން އުރްދުޣާން ވަނީ 2020ވަނަ އަހަރު މަސައްކަތް ފައްޓަވާފައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުންތައް ކެނޑިފައިވާއިރު, އެ ކަން ހައްލު ކުރަން ވެސް އުރްދުޣާން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި ގޮތުން, ދެ ޤައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމު ކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ބޭއްވުމަށް ޖުލައި މަހު އޭނާ ވަނީ ސޫރިޔާގެ ރައީސް ބައްޝާރް ހާފިޛް އަލް-އަސަދަށް ދަޢުވަތު އަރުވާފައެވެ. ތުރުކީވިލާތުން ސޫރިޔާއާ ގުޅުން ކަނޑައިލާފައި ވަނީ 2011ވަނަ އަހަރުއެވެ.