ޚަބަރު

އުރުދުންގެ ސަރަޙައްދީ ރޮނގުން ހުރަސްކޮށް ދިން ޙަމަލާއެއްގައި ތިން ޔަހޫދީން މަރައިލައިފި


އުރުދުނާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރި ގުޅޭ ސަރަޙައްދީ ހުރަސް ކައިރީގައި ބަޑި ޖަހަައި ޔަހޫދީންގެ ތިން މީހުން މަރައިލައިފިއެވެ. ޔަހޫދީންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދިން މީހާ ހުޅަނގު އައްސޭރިއަށް ވަދެފައި ވަނީ އުރުދުނުންނެވެ. ޙަމަލާ ދީފައި ވަނީ އުރުދުން ކޯރުގެ މަތިން އެ ޤައުމުގެ އަލް-ކަރާމަތާއި ހުޅަނގު އައްސޭރީގެ އަރީޙާ ގުޅުވައިދޭ ޙުސައިން ރަސްގެފާނު ބުރިޖު (އެލެންބީ ބުރިޖު) ހުންނަ ސަރަޙައްދުގައެވެ. ހުޅަނގު އައްސޭރިއަކީ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ސަރަޙައްދެކެވެ.

އެއީ, ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަމާއި އަޅުވެތި ކަމަށް ކެތް ނުކުރެވިގެން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޒަޔަނިސްޓު ދަޢުލަތުގެ ރަށްތަކަށް އަމާޒުކޮށް ދިން ޖިހާދީ ޙަމަލާތަކަށް ފަހު, ޔަހޫދީންގެ ބައިގަނޑަކަށް އަމާޒުކޮށް ދީފައިވާ އެ ފަދަ އެންމެ ނުރައްކާތެރި ޙަމަލާއެވެ. ޙަމާސްގެ ޖިހާދީ ޙަމަލާތަކާ ގުޅިގެން ޔަހޫދީ ފައުޖުން ވަނީ މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފަށާފައެވެ.

ޔަހޫދީ ފައުޖުން ބުނީ, ލޮރީއެއްގައި އެލެންބީ ބުރިޖު ހުރަސްކޮށް ހުޅަނގު އައްސޭރިއަށް އެތެރެވުމަށް ފަހު ހަތިޔާރު އެޅި މީހާ, އެ ބުރިޖުގައި ތިބި ޔަހޫދީ ފައުޖުގެ ސިފައިންނަށް އަމާޒުކޮށް ބަޑި ޖަހަން ފަށާފައިވާ ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ރައްދު ޙަމަލާތަކުގައި ހަތިޔާރު އެޅި މީހާ މަރައިލާފައިވާނެ ކަމުގައެވެ.

އެ ހާދިސާއާ ގުޅިގެން ޔަހޫދީން ވަނީ ހުޅަނގު އައްސޭރިއާ އުރުދުން ގުޅޭ ސަރަޙައްދީ ހުރަސްތައް ބަންދު ކޮށްފައެވެ. އަދި, އުރުދުނުން ވެސް ވަނީ އެ ޤައުމާއި ހުޅަނގު އައްސޭރިއާ ގުޅޭ ޙުސައިން ރަސްގެފާނު ބުރިޖު ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. އެ ހާދިސާ ތަޙުޤީޤު ކުރަން ފަށާފައިވާ ކަން ވެސް އުރުދުނުން ހާމަ ކުރިއެވެ. އުރުދުންގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ފައުޖުން ބުނީ, ޔަހޫދީ ފައުޖުން އެ ޤައުމުގެ 24 ވަރަކަށް ރައްޔިިތުން ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އެއީ, އުރުދުނުން ހުޅަނގު އައްސޭރިއަށް މުދާ އުފުލާ ލޮރީ ދުއްވާ ޑްރައިވަރުން ކަމުގައި ވެސް އެ ޤައުމުން ހާމަކުރިއެވެ.

އުރުދުނަކީ ޔަހޫދީންނާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޢަރަބި ޤައުމެކެވެ. 1994ވަނަ އަހަރު ޔަހޫދީންނާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އުރުދުނުން ދަނީ ޔަހޫދީންނާ އެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަމުންނެވެ. އޭގެ ތެރޭގައި ސަލާމަތީ ދާއިރާ ވެސް ހިމެނެއެވެ. އުރުދުނަކީ ޔަހޫދީންނާ އެކު ވިޔަފާރީގެ ގުޅުންތައް ވެސް ފުޅާ ކުރަމުންދާ ޤައުމެކެވެ. އަދި, ކޮންމެ ދުވަހަކު އުރުދުނުން މުދާ ބަރުކޮށްގެން ގިނަ ޢަދަދެއްގެ ލޮރީތައް އިސްރާއީލަށް ވަދެއެވެ. އޭގެ ތެރެއިން ބައެއް މުދަލަކީ, ހުޅަނގު އައްސޭރީގައި ބިކަކޮށް ނިކަމެތި ކޮށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް ގެންދާ ތަކެއްޗެވެ.

އުރުދުނުން ހުޅަނގު އައްސޭރިއަށް އެތެރެވި މީހަކު, ބަޑީގެ ޙަމަލާތަކެއްދީ ޔަހޫދީންގެ ތިން މީހުން މަރައިލުމުން ޙަމާސުން ވަނީ ޖިހާދުގެ އެ އަމަލަށް ތަރުޙީބު ކޮށްފައެވެ. ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަހްރީ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޔަހޫދީންނާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެކޮޅަށް އެ ފަދަ އިތުރު ޙަމަލާތައް ދޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެެވެ.

ޙުސައިން ރަސްގެފާނު ބުރިޖު ކައިރީގައި ޔަހޫދީންގެ ބައިގަނޑަކަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކެއްދީ, ތިން މީހުން މަރައިލާފައި ވަނީ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކާ ގުޅިގެން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ހުޅަނގު އައްސޭރީގެ ޖިނީން ރެފިއުޖީ ކޭމްޕުގައި ޔަހޫދީ ފައުޖުން ދާދި ފަހުން ހިންގި ޤަތުލުޢާންމުތަކުގައި 21 މީހުން ޝަހީދު ކޮށްލިއެވެ.

އަދި, ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ބައިވެރިންނަށް ޙަމަލާދީ ޔަހޫދީ ފައުޖުން ވަނީ ތުރުކީވިލާތުގެ އަންހެނެއް ވެސް ޝަހީދު ކޮށްލާފައެވެ. މީގެ އިތުރުން, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާންތައް ހުއްޓައިލަން ޒަޔަނިސްޓު ދަޢުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,939އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,616އަށް އުފުލިފައެވެ.