ބޮލީވިޔާގެ އެކި ކަންކޮޅުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން އެ ޤައުމުގައި ކުއްލި ހާލަތު އިޢުލާނު ކޮށްފިއެވެ. ދެކުނު އެމެރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ ބޮލީވިޔާގެ ދިފާޢީ ވަޒީރު އެދްމުންދޮ ނޮވިއްޔޯ ވިދާޅުވީ, ކުއްލި ހާލަތު އިޢުލާނު ކުރުމުގެ ސަބަބުން, އަލިފާންގަނޑުތައް ނިއްވައިލަން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށާއި, އެ ކަމަށް ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދަން އިތުރަށް ފަސޭހަ ވެގެންދާނެ ކަމުގައެވެ.
"[ކުއްލި ހާލަތު އިޢުލާނު ކުރުމުން] މި ކަމަށް ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން ލިބެމުންދާ އެހީތެރިކަން އިތުރުކޮށް ހަރުދަނާ ކުރެވޭނެ،" ވެރިރަށް ލަ ޕާސްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނޮވިއްޔޯ ވިދާޅުވިއެވެ. ބޮލީވިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރަން އެ ޤައުމުގެ އިދާރާތައް ވަނީ ނުކުޅެދިފައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ވެސް އެ ޤައުމުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ވަގުތު ވެސް ބޮލީވިޔާގެ ޖަންގަލިތަކުގެ 72 ސަރަޙައްދެއްގައި ރޯވެ, ދަނީ އަނދަމުންނެވެ. އަލިފާންގަނޑުތައް އެންމެ ބޮޑަށް ފެތުރިފައިވާ އެއް ސަރަޙައްދަކީ އެ ޤައުމުގެ އިރުމަތީ ސަންތަ ކްރޫޒެވެ. އެ ސަރަޙައްދުގެ 64 ސަރަޙައްދެއްގައި ރޯވެ, އަނދަމުންދާއިރު މެދުތެރޭގައި އޮތް ބޭނީގެ ޖަންގަލިތަކުގެ ހަ ސަރަޙައްދެއްގައްޔާއި, ވެރިރަށް ލަ ޕާސާއި އުތުރުގައި އޮތް ޕަންދޯ ސަރަޙައްދުގެ ޖަންގަލިތަކުގައި ވެސް ވަނީ ރޯވެފައެވެ.
2010ވަނަ އަަހަރުން ފެށިގެން ބޮލީވިޔާއަށް ވަނީ ޖަންގަލިތަކުގައި ރޯވުމުގެ ބޮޑު އަދި ނުރައްކާތެރި މައްސަލައެއް ކުރިމަތިވެފައެވެ. ދެކުނު އެމެރިކާ ބައްރުގެ ޤައުމުތަކުގައި ހިނގާ މި ފަދަ އަލިފާނުގެ ހާދިސާތައް ދިރާސާ ކުރާ ބްރެޒިލްގެ ޖައްވީ އިދާރާއިން ބުނީ, ބޮލީވިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން މި އަހަރުގެ މިހާތަނަށް 3.8 މިލިޔަން ހެކްޓަރުގެ ބިން އަނދާފައިވާ ކަމުގައެވެ. އަދި, ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.
ޢާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ އޮގަސްޓާއި ސެޕްޓެންބަރު މަހުގެ ތެރޭގައި ދެކުނު އެމެރިކާގެ ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެ, ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގައެވެ. ނަމަވެސް, ޖުލައި މަހުގެ ތެރޭގައި ބޮލީވިޔާގެ ޖަންގަލިތަކުގައި ރޯވެ, ބިޔަ އަލިފާންގަނޑުތަކެއް ފެތުރެން ފަށާފައިވާ ކަމުގައި ކަމާ ގުޅޭ މާހިރުން ބުންޏެވެ.
ބޮލީވިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރަން ކުރަމުން ދިޔަ މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެން, އެ ޤައުމުން ވަނީ މި ކަމުގައި ބައިނަލްއަޤުވާމީ އެހީތެރިކަމަށް ގޮވައިލާފައެވެ. އެންމެ ބޮޑެތި އަލިފާންގަނޑުތައް ފެތުރެމުން ދަނީ ކޮންސެޕްސިޔޮންގެ އުތުރުން އޮތް ޗިކީތާނޯ ޖަންގަލީގައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ދަނޑުބިންތައް އަލިފާންގަނޑުގެ ސަބަބުން އަނދައި, ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. ޗިކީތާނޯ ޖައްގައްޔަކީ ބްރެޒިލާއި ޕަރަގުއާއީއާ ގުޅިފައިވާ ޖަންގައްޔެކެވެ.
ވާރޭވެހޭ މިންވަރު ދަށްވެ, ހަނަފަސްވުމާ ގުޅިގެން ދެކުނު އެމެރިކާގެ އެހެން ޤައުމުތަކުގެ ޖަންގަލިތަކުގައި ވެސް އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި, ބްރެޒިލްގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު, އެމެޒަން ޖަންގަލި ވެސް ހިމެނެއެވެ. ބްރެޒިލްގައި ޢާންމުން ދިރިއުޅޭ ރަށްތަކުގެ އިތުރުން, އެމެޒަން ޖަންގަލީގެ ބައެއް ސަރަޙައްދުތަކުގައި ވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.
ބޮލީވިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލަން ކުރަމުންދާ މަސައްކަތްތަކަށް ބޭރު ޤައުމުތަކުން މިހާރު ވެސް ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. އެ ޤައުމުގެ ރައީސް ލުއީސް އަރްސޭ ވިދާޅުވީ, އަލިފާންގަނޑުތައް ނިއްވައިލަން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް, ބްރެޒިލްގެ ފަންނީ މާހިރުންގެ ޓީމުތަކުން މިހާރު ހަރަކާތްތެރިވަމުންދާ ކަމުގައެވެ.