ރާއްޖޭގައި ފަށަން ތައްޔާރުވަމުންދާ ބަންކަރިންގެ ޚިދުމަތަށް ރަނގަޅު މާކެޓެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙީމް ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙީމް މިހެން ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މެރިޓައިމް ސިނާޢަތުގެ ތަޖުރިބާހުރި ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވިދާޅުވާ ގޮތުގައި ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މެރިޓައިމް ސިނާޢަތުގެ ތަޖުރިބާހުރި ބޭފުޅުންނާއެކު މުހިއްމު މަޝްވަރާތަކެއް ވަނީ ބޭއްވިފައެވެ. އަދި މިމަޝްވަރާގެ ސަަަބަބުން ބަންކަރިންގ ހިދުމަތަކީ ކާމިޔާބު މަސައްކަތަކަށް ހެދުމުގެ ޔަގީންކަން އެބައޮތްކަމަށްްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.
މިބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙީމް ވިދާޅުވީ، ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ބަންކަރިންގެ ހިިދުމަތް ފުޅާކުރުމަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތްކަމަށެވެ. އެގޮތުން މިޚިދުމަތް ހޯދުމަށް މިހާރުވެސް ބައެއް ފަރާތްތަކުން އެދެމުންދާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ބަންކަރިން ހިދުމަތް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ މާކެޓުތަކުގައި ޕްރޮމޯޓްކުރަންޖެހޭކަމަށެވެ. އެކަމަށްޓަކައި އެސްޓީއޯއާއި ވިޓޯލްގެ އިތުރުން އެމްޕީއެލްއިންވެސް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވަޖީހު ވިދާޅުވިއެވެ.
"އިންޓަރނޭޝަނަލް ބަންކަރިންއަށް ވަންނައިރު އެންމެ މުހިއްމު އެއްކަމަކީ ކޮލިޓީ ހިފެހެއްޓުން. އެކަމަށް ޚާއްސަ ސަމާލުކަމެއްދޭނެ ރާއްޖެއިން. ކަސްޓަމަރުންގެ ހިތްހަމަޖެހުން މީގައި މުހިއްމު. ހަމައެއާއެކު އަވައްޓެރި ޤައުމުތަކާއި ވާދަވެރި ހެޔޮ އަގުތަކެއް ރާއްޖެއިން ޚިދުމަތްދޭނީ. ޤަބޫލުކުރެވެނީ ރަނގަޅު މާކެޓް ޝެއަރއެއް ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެކަމަށް." ވަޖީހު ވިދާޅުވިއެވެ.
އެމްޕީއެލްއިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ތަޖުރިބާކާރުން ވަނީ ބަންކަރިންގެ ޚިދުމަތަކީ ފުރުސަތުތަކެއް އޮތް ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.
އެސްޓީއޯ އަދި ސްޓޭޓް ޝިޕިންގ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރަތް ކަނޑުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު ދަތުރުފަތުރުގެ ރޫޓުތަކަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ދަނޑިވަޅެއްގައި، މިފަދަ ޚިދުމަތެއް ރާއްޖެއިން ފެށުމަކީ ބޮޑު ފައިދާއެއް ލިބިގެންދާނެ މަސައްކަތެއްކަމަށެވެ.
މީގެއިތުރުން މިިއީ ރާއްޖެއަށް ބޭރުފައިސާ ވަންނަ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެންދާނެ މަސައްކަތެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޕީއެލްއިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބައެއް ބޭފުޅުން ވަނީ ބަންކަރިންގެ މިސްރާބަށް ދަތުރުކުރާއިރު ތިމާވެއްޓާ ރައްޓެހި "ގްރީން ބަންކަރިންގެ ޚިދުމަތް" ރާއްޖޭގައި ދޭން ފެށޭނެ ދުވަހަކަށްވެސް އުއްމީދުކުރާކަމަށް ވިދާޅުވެފައެވެ.