ޚަބަރު

އިންޑިޔާއިން އެމްޕޮކްސް ބަލި ފެނި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަނީ


އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ބެލެވޭ މީހަކު އިންޑިޔާއިން ފެނިއްޖެއެވެ. އިންޑިޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ބަލި ފެނިފައި ވަނީ ބޭރު ޤައުމަކަށް ދަތުރު ކުރުމަށް ފަހު އެނބުރި އައި މީހެއްގެ ފުށުން ކަމުގައެވެ.

ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހާ މި ވަގުތު ހުރީ އެކަހެރި ކޮށްފައެވެ. އޭނާގެ ޞިއްޙީ ހާލު ރަނގަޅު ކަމުގައި އިންޑިޔާގެ ޞިއްޙީ ވުޒާރާއިން ހާމަ ކުރިއެވެ. ނަމަވެސް, އޭނާއަށް ބަލި ޖެހިފައި ވަނީ އެމްޕޮކްސްގެ ކޮން ވޭރިއެންޓެއްގެ ފުށުން ކަން އެ ވުޒާރާއިން ސާފު ކޮށްދީފައެއް ނެތެވެ. އެ ކަން ދެނެގަތުމަށް އެ ވުޒާރާއިން މިހާރު ދަނީ ތަހުލީލު ކުރަމުންނެވެ.

"ބަލި ޖެހޭ މީހުންނާ މެދު އަމަލު ކުރުމަށް އެކުލަވައިލާފައިވާ ސިޔާސަތުތަކާ އެއް ގޮތަށް މި ދަނީ ފިޔަވަޅުތައް އަޅަމުން. ބަލި ޖެހުނު މީހާއާއި އެއްތަންވެފައިވާ މީހުން ދެނެގަތުމާއި, ބަލި އައިސްފައި ވަނީ ކޮން ތަނަކުން ކަން, އަދި އެ ކަމުގެ ސަބަބުން ޤައުމަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މި ދަނީ މަސައްކަތް ކުރަމުން،" އިންޑިޔާގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ.

އެފްރިކާގެ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޕްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. 2023 ޖަނަވަރީން ފެށިގެން ކޮންގޯގައި ބަލި ފެތުރެމުންދާއިރު, އެ ޤައުމާ އިންވެގެން އޮތް ބައެއް ޤައުމުތަކަށް ވެސް މިހާރު މި ބަލީ ފެތުރެން ފަށާފައެވެ.

މި ކަމާ ގުޅިގެން ހުސްވި އޮގަސްޓު މަހުގެ ތެރޭގައި އިންޑިޔާގެ ޞިއްޙީ އިދާރާތަކުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމުގައި އެ ޤައުމުގެ ނޫހެއް ކަމުގައި ދި ހިންދޫ ޑެއިލީން ރިޕޯޓު ކޮށްފައިވެއެވެ. މިއީ, އިންޑިޔާއިން މި ބަލި ޖެހިފައިވާ މީހަކު ދެނެގަނެވިފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022ވަނަ އަހަރާއި 2024ވަނަ އަހަރުގެ މާރިޗު މަހާ ދެމެދު އެމްޕޮކްސް ޖެހިފައިވާ 30 މީހުން އެ ޤައުމުން ފެނިފައިވެއެވެ. އެ މީހުންނަށް ބަލި ޖެހިފަައި ވަނީ ބަލީގެ ކްލޭޑް 2ގެ ނަން ދީފައިވާ ވޭރިއެންޓުގެ ސަބަބުންނެވެ.

މި ނުރައްކާތެރި ބަލި މި ވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ, އަދި އެ ޤައުމާ އިންވެގެން އޮތް ޤައުމުތަކުގައެވެ. މި އަހަރުގެ މިހާތަނަށް ކޮންގޯއިން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު މީހުންގެ ޢަދަދު 19,710އަށް އަރައެވެ. އަދި, 5,041 މީހަކަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު, އޭގެ ތެރެއިން 655 މީހުން ވަނީ މަރުވެފައެވެ. އެފްރިކާ ބައްރުގެ ޤައުމުތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ޢަދަދަކަށް ވެކްސިން ލިބެން ނެތުމެވެ.

އެފްރިކާގެ ޤައުމުތަކަށް ބޭނުންވާ ވެކްސިން ގަތުމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ދާދި ފަހުން ވަނީ ބޮޑު އޯޑަރެއް ޖަހާފައެވެ. އަދި, ވެކްސިން ހަދިޔާ ކުރުމަށް ވެކްސިން އުފައްދައި ގުދަން ކޮށްފައިވާ ޤައުމުތަކަށް ގޮވައިލާފައެވެ. މި ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ވިލާތުގެ އިއްތިހާދު (އީޔޫ)ން ވަނީ ކޮންގޯއަށް ވެކްސިން ފޯރުކޮށްދޭން ފަށާފައެވެ.

އީޔޫން ފޮނުވި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓުގައި 99,000 ޑޯޒް ހިމެނޭއިރު, އިތުރު 200,000 ޑޯޒް ފޮނުވަން އީޔޫން ދަނީ މަސައްކަތް ކުރަމުންނެވެ. އީޔޫގެ ކުއްލި ޞިއްޙީ ހާލަތްތަކާ ބެހޭ އިދާރާ (އެޗްއީއާރްއޭ)ން ބުނީ, ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ ޤައުމުތަކަށް 566,000 ޑޯޒް ފޯރުކޮށްދޭން އަމާޒު ހިފާފައިވާ ކަމުގައެވެ.

ޢާންމު ގޮތެއްގައި އެމްޕޮކްސަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ޖެހޭ ނުރައްކާތެރި ބައްޔަކަށްވީ ނަމަވެސް, ކޮންގޯގައި ފެތުރެމުންދާ ބަލީގެ އައު ވޭދަނައެއްގެ ސަބަބުން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ދަނީ ބަލި ޖެހެމުންނެވެ. މި ވަގުތު ކޮންގޯގައި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ކޮންގޯގެ އިތުރުން ދެވަނައަށް އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ބުރުންޑީގައެވެ. އެ ޤައުމުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 1,000އަކަށް ވުރެ ގިނަ މީހުން ދެނެގަނެވިފައިވާއިރު, ނައިޖީރިޔާއިން ވެސް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 868 މީހުން ވަނީ ފެނިފައެވެ. އެފްރިކާގެ ޤައުމުތަކުގެ އިތުރުން މިހާތަނަށް ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ޤައުމުތަކުގެ ތެރޭގައި އުރުދުނާއި, ތައިލެންޑާއި, ބަންގްލަދޭޝްގެ އިތުރުން ސްވިޑެން ހިމެނެއެވެ.