 
										
			ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބު ބިން ތުން ހާޖީ ޢަބްދުލްރައްޒާޤާ މިއަދު ބައްދަލުކުރައްވައިފިއެވެ.
 
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މެލޭޝިޔާގެ ބޮޑުވަޒީރު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، ދެޤައުމަށް މުހިންމު އެކިއެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
 
މިއަދުގެ ބައްދަލުކުރެއްވުމުގައި މެލޭޝިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، "ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" ގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާއަށް ވަޑައިގެންނެވިކަމަށްޓަކާ ޝުކުރު އަދާކުރައްވަފައިވެއެވެ.
 
މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މެލޭޝިޔާއަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު މުޙަންމަދު ފަހުމީ ޙަސަނާއި، މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ޑެޕިޔުޓީ ހައިކޮމިޝަނަރ ޣާނިޔާ ޢަބްދުލްޣަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ.