ޚަބަރު

ރުއިޒްގެ ދެ ލަނޑާއެކު ސްޕެއިން މޮޅުވެއްޖެ


ޔުއެފާ ނޭޝަންސް ލީގުގެ ދެވަނަ މެޗުގައި ރޭ ސްވިޓްޒަލަންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފަބިއަން ރުއިޒް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވެއްޖެއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި ކުޅުނު މި މެޗުގެ 70 މިނިޓް ސްޕޭނުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 20 ވަނަ މިނިޓުގައި ރޮބިން ލެނޯމަންޑް ކުރި ފައުލަކާއި ގުޅިގެން ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައިވާތީ އެވެ.

މެޗުގެ ކުރިން ސްޕޭނުގެ ކޯޗު ވަނީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ އެކަމުގެ ކަން ބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި މެޗަކީ އޭނާއަށް މުހިންމު މެޗެއް ކަމަށާއި މި މެޗުން ތިން ޕޮއިންޓް ކޮންމެހެންވެސް ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޖެނީވާ ސްޓޭޑިއަމްގައި ޔޫރަޕްގެ ޗެމްޕިއަން ސްޕޭން ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނިޓުގައި ޖޮސެލޫ ވަނީ ލަނޑެއް ކާމިޔާބުކޮށް ސްޕޭނަށް ކުރި ހޯދަދީފައެވެ. މި ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވެ ސްވިޒަލޭންޑް އިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފަ އެވެ.

ސްޕޭނުގެ ފަބިއަން ރުއިޒް ވަނީ މެޗުގެ 13 ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ސްޕޭނު ކޮޅަށް ސްވިޒަލޭންޑް އިން ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޒެކީ އަމްދޫނީ އެވެ.

ސްޕޭނަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުވެ މެޗުގެ ޔަގީންކަން ބޮޑުވެގެން ދިޔައީ 77 ވަނަ މިނިޓުގައި ފަބިއަން ރުއިޒް ކާމިޔާބުކޮށްދިން ލަނޑާއެކު އެވެ. އަދި ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ފެރާން ޓޯރެޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލު ކޮށްފަ އެވެ.

މި ގްރޫޕްގައި ރޭ ސާބިއާ އާއި ދެކޮޅަށް ޑެންމާކް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ޑެންމާކް ވަނީ ކާމިޔާބުކޮށްފަ އެވެ.