ޚަބަރު

ޔަހޫދީ ފައުޖުން ސޫރިޔާއަށް ބޮން އަޅައި 16 މީހުން ޝަހީދު ކޮށްލައިފި


ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ސޫރިޔާއަށް ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި 16 މީހުން ޝަހީދު ކޮށްލައި, 40އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙައްމާ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ މިޞްޔާފަށެވެ. ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެ, ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާގެ ވައިގެ ސަރަޙައްދަށް ވަންނަމުންދާއިރު, ދުރު-ރާސްތާ މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްގެން ވެސް ޔަހޫދީ ފައުޖުން ދަނީ ސޫރިޔާއަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ސޫރިޔާގެ ޖާސޫސީ އިދާރާގެ މަސްދަރުތަކުން ބުނީ ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ މިޞްޔާފުގައި ހުންނަ ސޫރިޔާގެ އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރުގެ ދިރާސާ ކުރާ މަރުކަޒަކަށް ކަމުގައެވެ. ހަތިޔާރު އުފައްދާ އެ މަރުކަޒުގައި އީރާނުގެ އަސްކަރީ މުޝީރުންގެ ޓީމެއް ތިބި ކަމުގައި ވެސް މަސްދަރުތަކުން ބުންޏެވެ.

އާދައިގެ މަތިން, ސޫރިޔާއަށް ދީފައިވާ ވައިގެ ޙަމަލާތަކާ ގުޅޭ ގޮތުން އެއްޗެއް ހާމަ ކުރަން ޔަހޫދީ ފައުޖުން ވަނީ ދެކޮޅު ހަދާފައެވެ. ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤޫލާލަށް އަރައިގަނެ, ޔަހޫދީ ފައުޖުން ދެމުންދާ މި ފަދަ ޙަމަލާތަކުގެ މަޢުލޫމާތު ހާމަ ކުރަން ޔަހޫދީން އިންކާރު ކުރެއެވެ. ނަމަވެސް, ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރީ މުޝީރުންނާއި އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނަށް އަމާޒުކޮށް ޙަމަލާ ދޭނެ ކަމަށް ޔަހޫދީން ކުރިން ބުނެފައިވެއެވެ.

މީގެ 11 މަސް ކުރިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ޢުދުވާނަށް ފަހު ސޫރިޔާގެ އަމާޒުތަކަށް ދެމުންދާ ޙަމަލާތައް ވެސް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ވަނީ އިތުރު ކޮށްފައެވެ. ޙަމަލާތައް އަމާޒު ކުރަމުން ދަނީ ސޫރިޔާގެ ސިފައިންނާއި ވައިގެ ދިފާޢީ ނިޒާމުތަކަށެވެ. ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރަމުން, ސޫރިޔާގެ އިތުރުން މެދުއިރުމަތީގެ އެހެން ޤައުމުތަކުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް ވެސް ޔަހޫދީން ދަނީ އަރައިގަންނަމުންނެވެ.

އަސްކަރީ މަސްދަރުތަކާ ހަވާލާދީ ސޫރިޔާގެ ދަޢުލަތުގެ މީޑިޔާއިން ބުނީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ދުޝްމަނުން މިޞްޔާފަށް ޙަމަލާ ދީފައި ވަނީ ލުބްނާންގެ ހުޅަނގުއުތުރު ސަރަޙައްދުން ކަމުގައެވެ. ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ބޭނުން ކުރި ބައެއް މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ވެސް ސޫރިޔާއިން ބުންޏެވެ.

ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި 14 މީހުން ޝަހީދު ކޮށްލާފައިވާއިރު, އެ ޙަމަލާތަކުގައި 43 މީހުން ޒަޚަމުވިއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިޔަސް ކަމަށް ސޫރިޔާގެ ދަޢުލަތުގެ މީޑިޔާއިން ރިޕޯޓު ކުރެއެވެ. އަދި, ދެ ސަރަޙައްދެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.

އޭޕްރިލް މަހު ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ އެމްބަސީއަށް އަމާޒުކޮށް ވެސް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ ހަތް އަސްކަރީ މުޝީރުންނާއި ތިން ކޮމާންޑަރުން ޝަހީދު ކޮށްލިއެވެ. އެ ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޒަޔަނިސްޓު ދަޢުލަތުގެ ރަށްތަކަށް އަމާޒުކޮށް އީރާނުން 300އެއްހާ ޑްރޯނާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދިނެވެ.