ޚަބަރު

95% ތާޢީދާ އެކު އަލްޖަޒާއިރުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ތަބޫން


އަލްޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތަބޫން ސެޕްޓެންބަރު 7ވަނަ ދުވަހު އެ ޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ. އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ހާމަ ކޮށްފައިވާ ވަގުތީ ނަތީޖާއިން ފެންނަނީ, ވޯޓުލީ މީހުންގެ 95 އިންސައްތަ މީހުންގެ ތާޢީދު ހޯއްދަވާފައި ވަނީ ތަބޫން ކަމުގައެވެ. ނަމަވެސް, އިންތިޚާބުގައި ވާދަ ކުރެއްވި އިދިކޮޅު ކެނޑިޑޭޓުން ދަނީ, ވޯޓުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު ތަބޫނާ ވާދަކުރެއްވި ޢަބްދުލްޢަލީ ޙުސްނީ ޝަރީފަށް ލިބިވަޑައިގަތީ 3 އިންސައްތަ ވޯޓެވެ. އަދި, ޔޫސުފް ޢޫޝީޝަށް ވޯޓުލާފައި ވަނީ, އިންތިޚާބުގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ 2 އިންސައްތަ މީހުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 48 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމުގައި އިންތިޚާބުތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ. މިއީ, 2019ވަނަ އަހަރުގެ އިންތިޚާބާ އަޅައިބަލާއިރު 8 އިންސައްތަ ކުރިއެރުމެކެވެ.

ތަބޫނަށް އިންތިޚާބު ކާމިޔާބު ކުރެވިފައި ވަނީ އަލްޖަޒާއިރުގެ އަސްކަރިއްޔާގެ ތާޢީދާއި އެހީތެރިކަމާ އެކުގައި ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އޭނާއާ ވާދަ ކުރައްވާފައިވާ ޙުސްނީ ޝަރީފަކީ މެދުމިނުގެ އިސްލާމީ ސިޔާސަތުތަކަށް ތަޢީދު ކުރައްވާ ބޭފުޅެކެވެ. އަދި, ޢޫޝީޝަކީ މެދުމިނުގެ ސިޔާސަތުތަކަށް ވަކާލަތު ކުރެއްވި ނަމަވެސް, އިސްލާމީ ޝަރީޢަތާ ދެކޮޅު ބޭފުޅެކެވެ.

ތަބޫންގެ އެންގެވުމަށް އިންތިޚާބުގެ ނަތީޖާ އޮޅުވަައިލާފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ގެންދަވަނީ ޙުސްނީ ޝަރީފެވެ. އޭނާ ވިދާޅުވީ, ވޯޓު ގުނުމުގެ ތެރެއިން ތަބޫނަށް ގިނަ ވޯޓު ލިބޭ ގޮތަށް ނަތީޖާ އޮޅުވައިލާފައިވާ ކަމުގައެވެ. އަދި, ވޯޓު ގުނުމާ ގުޅޭ ލިޔެކިޔުންތައް އިދިކޮޅު ކެނޑިޑޭޓުންގެ މަންދޫބުންނާ ހިއްސާ ކުރަން އިންތިޚާބާ ބެހޭ އިދާރާއިން އިންކާރު ކޮށްފައިވާ ކަމުގައެވެ.

"މިއީ ބޮޑު ޖޯކެއް،" ޙުސްނީ ޝަރީފުގެ ތަރުޖަމާނު އަޙްމަދު ޞާދިޤު ވިދާޅުވިއެވެ. އަދި, އިންތިޚާބުތަކާ ބެހޭ އިދާރާއިން ހާމަ ކޮށްފައިވާ ވަގުތީ ނަތީޖާގައި ޝާއިޢު ކޮށްފައިވާ ޢަދަދުތަކަށް ވުރެ ގިނަ ވޯޓު އިދިކޮޅު ކެނޑިޑޭޓުން ހޯއްދަވާފައިވާ ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ތަބޫންގެ ފަރާތުން މި ތުހުމަތުތަކަށް ރައްދު ދީފައެއް ނެތެވެ. އަދި, ޢޫޝީޝުގެ ކޭމްޕުން ވެސް މި ތުހުމަތުތަކާ މެދު ވަކި އެއްޗެއް ހާމަ ކޮށްފައެއް ނެތެވެ.

އިންތިޚާބުތަކާ ބެހޭ އިދާރާގެ ވެރިޔާ މުޙައްމަދު ޝަރްފީ ވިދާޅުވީ, އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ހާމަކަން ބޮޑުކޮށް ކަމަށާއި, ހުރިހާ ކެނޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުޞަތުތަކެއް ލިބިދީފައިވާނެ ކަމުގައެވެ. ނަމަވެސް, ތަބޫނާއި ޝަރީފު ވަނީ ގުޅިފައިވާ ބަޔާނެއް ނެރުއްވައި, ވަގުތީ ނަތީޖާއާ މެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އޮތް ކަމަށް ވިދާޅުވެފައެވެ.

ރައީސް ކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމާ އެކު, ތަބޫންގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އަމަލު ކުރައްވާފައިވާ ސިޔާސަތުތައް އައު ދައުރުގައި ވެސް އޭނާ ދަމަހައްޓަވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ އިޖުތިމާޢީ ކުރިއެރުމަށް ބޮޑެތި ޚަރަދުތަކެއް ކުރުން ހިމެނެވެ. 2019ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ތަބޫންގެ ސަރުކާރުގައި ތެލާއި ގޭހުގެ ވިޔަފާރިން ލިބޭ އާމްދަނީ އިތުރުވުމާ އެކު އިޖުތިމާޢީ ދާއިރާގެ ޚަރަދުތައް ބޮޑުވެގެން ދިޔައެވެ.

ވެރިކަމުގެ ފުރަތަމަ ދައުރެކޭ އެއްގޮތަށް, ދެވަނަ ދައުރުގައި ވެސް ވަޒީފާ ނެތް މީހުންނަށް ދޭ ޢިނާޔަތްތަކާއި, ޕެންޝަން ބޮޑު ކުރައްވައި, ބޯހިޔާވަހި ކަމުގެ މަޝްރޫޢުތައް އިތުރު ކުރައްވަން ތަބޫން ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި, ޕެންޝަން އިތުރު ކޮށްދިނުމަކީ ވެރިކަމުގައި ދެމި ހުންނަވަން ތަބޫން ބޭނުން ކުރައްވަމުން ގެންދަވާ އުކުޅެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުގެ އިތުރުން އަލްޖަޒާއިރުގެ ބައެއް ރައްޔިތުން ވެސް ޤަބޫލު ކުރެއެވެ.

ތަބޫން އަލްޖަޒާއިރުގެ ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް ޢަބްދުލްޢަޒީޒު ބޫތިފްލީޤާގެ 20 އަހަރުގެ ދިގު ވެރިކަން ނިމުމުންނެވެ. އަލްޖަޒާއިރުގެ ސަލާމަތީ ބާރުތަކުގެ ތާޢީދާއި ރުހުން ތަބޫނަށް ލިބިފައިވާއިރު, ސަރުކާރާ ދެކޮޅު އަޑުތައް ކަނޑުވައިލުމުގެ ގޮތުން ގިނަ ޢަދަދެއްގެ ސިޔާސީ ވާދަވެރިން ވަނީ ޖަލަށް ލާފައެވެ. މި ފަދަ އަމަލުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ސިޔާސީ ވެރިންނާއި ނިޒާމަށް އޮތް އިތުބާރު ވަނީ ފަނޑުވެފައެވެ.

"ވޯޓުލާފައިވާ މީހުންގެ ޢަދަދު ވަަރަށް މަދު. އެއިން ދޭހަވަނީ, ޢާންމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔެއްގެ ވިސްނުން އަޅުގަނޑުގެ ވިސްނުމާ އެއްގޮތޭ،" ސިޔާސީ ވެރިންނަށް އިތުބާރު ނުކުރާ ކަން ހާމަ ކުރަމުން އަލްޖަޒާއިރުގެ ރައްޔިތެއް ބުންޏެވެ.

2022ވަނަ އަހަރު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެން އަލްޖަޒާއިރުގެ އާމްދަނީ އިތުރުވެ, އިޤުތިޞާދު ކުރިއަރަން ފެށިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު, އަލްޖަޒާއިރުުން އުފައްދާ ތެލާއި ގޭހަށް ވިލާތުގެ ޤައުމުތަކުގައި އޮތް ޑިމާންޑު އިތުރުވެ, އެ ޤައުމުގެ އާމްދަނީ އެތަކެއް ގުނައަކުން އިތުރުވެގެން ދިޔައެވެ. މި ކަމާ އެކު އަލްޖަޒާއިރުގެ ޢާންމު ރައްޔިތުންނަށް ލިބޭ ނަފާ އިތުރުވުމާ އެކު, ތަބޫން ވަނީ އެ ޤައުމުގެ އިޤުތިޞާދު ހަރުދަނާ ކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ނަމަވެސް, އެ ޤައުމުގައި ވަޒީފާ ނެތް މީހުންގެ ޢަދަދު އާބާދީގެ 12 އިންސައްތައަށް އަރައެވެ. އަދި, މުދަލާއި ޚިދުމަތްތަކުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.