އިންޑިޔާގެ އިރުމަތީ ހުޅަނގު ބަންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާގައި ރޭޕުކޮށް މަރައިލާފައިވާ އަންހެން ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ބާއްވައިފިއެވެ. އެ ހަރަކާތްތައް އިންތިޒާމު ކުރި ފަރާތުން ބުނީ, 25 ޤައުމެއްގެ 130އަށްވުރެ ގިނަ ރަށުގައި ބޭއްވި މުޒާހަރާތަކުގައި އިންޑިޔާ ދަރިކޮޅުގެ އެތަކެއް ސަތޭކަ ހާސް ބަޔެއްގެ އިތުރުން އެ ޤައުމުތަކުގެ ރައްޔިތުން ވެސް ބައިވެރިވި ކަމުގައެވެ. މުޒާހަރާތައް ފެށިގެން ދިޔައީ ޖަޕާނާއި, އޮސްޓްރޭލިޔާާއި, ތައިވާނާއި ސިންގަޕޫރުގައެވެ. އަދި އެއަށްފަހު, ވިލާތުގެ ޤައުމުތަކާއި އެމެރިކާގެ ބޮޑެތި ރަށްތަކަށް މުޒާހަރާތައް ވެސް މުޒާހަރާތައް ފެތުރިގެން ދިޔައެވެ.
ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރު ރޭޕުކޮށް މަރައިލާފައި ވަނީ އޮގަސްޓު މަހުގެ 9ވަނަ ދުވަހުއެވެ. އެ ހާދިސާއާ ގުޅިގެން އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ވެސް ދަނީ, ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި މުޒާހަރާ ކުރަމުންނެވެ. އަދި, ވަޒީފާގެ މާހައުލަކީ އަންހެނުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މުޒާހަރާގެ ބައިވެރިން ދަނީ ބާރު އަޅަމުންނެވެ.
އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި, އެ ޤައުމުގެ ހަސްފަތާލުތަކާއި ކުލިނިކުތަކުގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ވެސް ދަނީ ބައިވެރިވަމުންނެވެ. ޑޮކްޓަރުގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ އެކަކު ހައްޔަރު ކޮށްފައިވާއިރު, އިންޑިޔާގެ މައި ތަޙުޤީޤީ އިދާރާއިން ދަނީ އެ ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. އެ ހާދިސާއާ ގުޅިގެން އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ކުރީގެ ޕްރިންސިޕަލް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
31 އަހަރުގެ އަންހެން ޑޮކްޓަރު ރޭޕުކޮށް މަރައިލާފައި ވަނީ ކޮލެޖުގައި ކިޔަވައިދޭން ބޭނުން ކުރާ ކޮޓަރިއެއްގެ ތެރޭގައެވެ. އޭނާގެ މަރާ ގުޅިގެން ޑޮކްޓަރުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ, 36 ގަޑިއިރުގެ ދިގު ޝިފްޓެއް ފުރިހަމަ ކުރުމަށް ފަހު, ކޮލެޖުގައި ސެމިނާތައް ބާއްވާ ކޮޓަރިއެއްގެ ކާޕެޓެއްގެ މަތީގައި އޭނާ ނިދަން އޮށޯވެފައި ވަނީ, ކޮލެޖުގައި އަރާމު ކުރާނެ ކޮޓަރި ފަދަ ވަސީލަތްތައް ނެތުމުން ކަމުގައެެވެ. އޭނާގެ ލޮލުންނާއި އަނގައިން ލޭ ފައިބާފައިވާއިރު, އޭނާގެ ފައިންނާއި ބަނޑުމަތީގެ އިތުރުން ތަނބިކައްޓާއި ކަނާތަަށް ބޮޑެތި ޒަޚަމުތަކެއް ދީފައިވާ ކަމުގައި ވެސް ޑޮކްޓަރުންގެ ރިޕޯޓުން ހާމަވިއެވެ.
ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި އެމެރިކާގައި ބޭއްވި މުޒާހަރާތައް ކެލިފޯނިޔާ ސްޓޭޓްގެ ސެން ފެރެންސިސްކޯގެ އިތުރުން ޑަބްލިންގައި ވެސް ކުރިއަށް ދިޔައެވެ. އެމެރިކާގެ އިތުރުން ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ބޭއްވި މުޒާހަރާތަކުގައި ވެސް ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިއެވެ. މުޒާހަރާތަކުގެ ބައިވެރިން ގޮވައިލަމުން ދަނީ ޑޮކްޓަރުގެ މަރުގެ ޒިންމާ އުފުލަން ޖެހޭ މީހާ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށެވެ. އަދި, އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ވަޒީފާ އަދާ ކުރާ އަންހެނުންގެ ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.
"އަންހެނުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަަވަރު ކޮށްދޭން އަޅުގަނޑުމެން ބޭނުން, އޭގެ އިތުރުން ވަޒީފާގެ މާހައުލަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ވާން ޖެހޭނެ. އެހެންނޫން ނަމަ, އަޅުގަނޑުމެންގެ ދަރިން ވެސް އެ ފަދަ ތަޢުލީމީ މަރުކަޒުތަކަށް ދިޔުމުން އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނީ ކިހިނެއް؟" ޑަބްލިންގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ޑޮކްޓަރެއް ކަމުގައިވާ 39 އަހަރުގެ ސުކަލްޕާ ޗައޮދަރީ ސުވާލު ކުރިއެވެ.
2012ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި އަންހެން ދަރިވަރެއް ރޭޕުކޮށް މަރައިލުމާ ގުޅިގެން އެ ޤައުމުގެ ޖިނާޢީ އަދުލުގެ ނިޒާމު މުރާޖަޢާކޮށް, އަންހެނުންނާ މެދު އަނިޔާވެރި ކުށްތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ބަދަލުތަކާ އެކު ވެސް, އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.