މި ވަގުތު އޮތް އެންމެ މުހިންމު މަސައްކަތަކީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުން ކަމަށް ވިދާޅުވެ, ޔަހޫދީން ވެރިވެގަނެ އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާގެ ވެރިޔާ ފޮލްކަރ ތުރްކު ގޮވައިލައްވައިފިއެވެ.
ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކުށްތަކާ ދެކޮޅަށް ތެދުވެ, ފިޔަވަޅު އެޅުމަށް އދގެ މެންބަރު ޤައުމުތަކަށް ތުރްކު ގޮވައިލައްވާފައި މި ވަނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ 11 މަސް ކުރިން ފެށި ލާއިންސާނީ ޢުދުވާން ހުއްޓައިލަން ޒަޔަނިސްޓު ދަޢުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ގާތްގަނޑަކަށް 41,000އަށް އަރައެވެ.
"[ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ހިންގަމުންދާ ލާއިންސާނީ] ޢުދުވާން ހުއްޓުވައި, ސަރަޙައްދީ ބޮޑު ހަނގުރާމައެއް ފެށުނަ ނުދިނުމަކީ މި ވަގުތު އޮތް އެންމެ އިސް މަސައްކަތް،" ސްވިޓްޒަލެންޑުގެ ޖެނީވާގައި އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ކައުންސިލުގެ ބައްދަލުވުމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތުރްކު ވިދާޅުވިއެވެ.
"ބައިނަލްއަޤުވާމީ ޤާނޫނުތަކާއި, އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާއި, ބައިނަލްއަޤުވާމީ ޤިނާއީ ކޯޓު (އައިސީސީ)ގެ އަމުރުތަކާ ޚިލާފަށް [ޔަހޫދީ ފައުޖުން] އަމަލު ކުރަމުންދާ މަންޒަރު ބަލަން, އދގެ މެންބަރު ޤައުމުތަކުން ތިބެގެން ނުވާނެ،" ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ހިންގަމުން ދަނީ ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަމެއް ކަމަށް ކަނޑައަޅައި އައިސީސީން ނެރެފައިވާ ޙުކުމަށް އިޝާރާތް ކުރައްވައި ތުރްކު ވިދާޅުވިއެވެ.
ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން, ޣައްޒާ ޢުދުވާނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ މައްސަލަތަކަށް ވެސް ތުރްކު އަލިއަޅުއްވައިލެއްވިއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ވެރިކަމުގައި ތިބި ސިޔާސީ މީހުން, އެ މީހުންގެ ވެރިކަން ދެމެހެއްޓުމުގެ ސިޔާސީ މަޤުޞަދުގައި ޢާންމު ރައްޔިތުންގެ އިންސާނީ ޙައްޤުތައް ނިގުޅައިގަންނަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޖެނީވާގެ ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވައިލައި މަޝްވަރާ ކުރާނެ މައްސަލަތަކުގެ ތެރޭގައި ސޫދާނާއި އަފްޣާނިސްތާނުގެ އިތުރުން ޔޫކްރެއިންގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ މައްސަލަތައް ހިމެނެއެވެ.
2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,972އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,761އަށް އުފުލިފައެވެ.
ސޫދާންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާގެ ސިފައިންނާއި އިދިކޮޅު ހަތިޔާރު އެޅި ޖަމާޢަތް, ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ފައުޖުން އެ ޤައުމުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމުގައި އދން ދާދިފަހުން ހާމަ ކޮށްފައިވެއެވެ. ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ހާލަތު ތަޙުޤީޤު ކުރުމަށް ފަހު އދގެ މިޝަނަކުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އަސްކަރިއްޔާއާއި އާރްއެސްއެފްގެ ސިފައިން, ސޫދާންގެ އަންހެނުން ރޭޕުކޮށް ގިނަ ޢަދަދެއްގެ ބަޔަކަށް ޙަމަލާ ދެމުންދާ ކަމުގައެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޣައިރު ޤާނޫނީ ހައްޔަރަށް ގެންގޮސްފައިވާ ކަމުގައެވެ. ހަނގުރާމައިގެ ފުރަތަމަ އަހަރުގެ ތެރޭގައި 400އަށްވުރެ ގިނަ އަންހެނުން ރޭޕު ކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމުގައި ވެސް އެ މިޝަނުން ހާމަކުރިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ވެސް އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުންދާ ކަމުގެ ތުހުމަތު ދެ ޤައުމުގެ ސިފައިންގެ މައްޗަށް ވެސް ދަނީ ކުރެވެމުންނެވެ. ރަޝިޔާގެ ސިފައިން ޔޫކްރެއިންގެ ޢާންމުންގެ ގެދޮރާއި, ޢާންމުން ބޭނުން ވަސީލަތްތަކަށް ގަސްދުގައި ޙަމަލާތައް އަމާޒު ކުރަމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. ނަމަވެސް, ރަަޝިޔާއިން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.
އަނެއްކޮޅުން, ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ރަޝިޔާގެ ހުޅަނގު ކޫރްސްކް ސަރަޙައްދަށް އަރައި, އެ ސަރަޙައްދުގައި ހަނގުރާމަ ފަށާފައެވެ. ކޫރްސްކް ސަރަޙައްދުގައި ޢާންމުންގެ ގެދޮރާއި, ޢާންމުން ބޭނުން ކުރާ ވަސީލަތްތަކަށް ޔޫކްރެއިންގެ ސިފައިން ޙަމަލާދީ, ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމުގެ ތުހުމަތު ރަޝިޔާއިން ކުރެއެވެ.