ކުޅިވަރު

ފުރަތަމަ އަހަރު އެފްއޭއެމްގެ މިސްރާބު ކަނޑައަޅާނަން - ޓޮމް


ފުރަތަމަ އަހަރު ނިމުމުގެ ކުރިން އެފްއޭއެމް ދާންވީ މިސްރާބު ކަނޑައަޅައި ނިންމަވާނެކަމަށް އެފްއޭއެމްގެ އާ ރައީސް އަހުމަދު ތާރިޤް ވިދާޅުވެއްޖެއެވެ. އެއިދާރާގެ ރައީސްކަމަށް އިންތިޞާބުވުމަށްފަހު ކްލަބްތަކާއި، ފުޓްބޯޅަ އާއިލާއާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ޤައުމީ ޓީމްގެ ކުރީގެ ފޯވާޑް ވިދާޅުވީ އޭނާއާއި އޭނާގެ ޓީމްގެ ވިސްނުން ހުރީ އަވަސް ބަދަލުތަކެއް ގެނައުމަށްވުރެ ދުރުރާސްތާ ޕްލޭންތަކެއް ހަދައިގެން މަސައްކަތްކުރައްވައި ނަތީޖާ ނެރެންކަމަށެވެ. 

" ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންގޮސްދޭނެކަމުގެ ޔަޤީންކަން ދެން. ފުޓްބޯޅައިގެ މިސްރާބު ކަނޑައަޅާނަން. އެގޮތުން ހަތަރު އަހަރުގެ ޕްލޭން، ދިހަ އަހަރުގެ ޕްލޭން ހަދާނަން. ފުރަތަމަ އަހަރު ނިމުމުގެ ކުރިން ފުޓްބޯޅަ ދާންވީ ގޮތުގެ މިސްރާބު ކަނޑައަޅާނެކަމުގެ ޔަޤީންކަން ދެން. " ރައީސްކަމަށް އިންތިޚާބުވުމަށްފަހު ފުރަތަމަ ފަހަރަށް ފުޓްބޯޅަ ކްލަބްތަކާއި، ފުޓްބޯޅަ އާއިލާއާއި ބައްދަލުކުރައްވައި ޓޮމް މިއަދު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ މަސްވެރިކަމަށްފަހު ދިވެހިންގެ ލޭނާރަކީ ފުޓްބޯޅަކަމަށާއި، ފުޓްބޯޅައިން ދިވެހިން އެއްބައިވަންތަކުރުވާނެކަމަށް ދެހާސް އަށްވަނަ އަހަރު ސާބިތުވެފައިވާކަމަށެވެ. ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ތާރިޤް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ދަނޑަށް ސަޕޯޓަރުން ނުވަނުންކަމަށެވެ. އެއީ އެއްދުވަހުން އައި ބަދަލެއް ނޫންކަމަށާއި، އެހެންކަމުން އެކަންކަން ރަނގަޅުކުރަންވެސް ވަގުތު ނަގާނެކަމަށް ތާރިޤް ވިދާޅުވިއެވެ. ކްލަބްތަކަށް މާލީ ގޮތުންނާއި ޓެކްނިކަލް އެހީތެރިކަންދެއްވާނެކަމަށްވެސް ޤައުމީ ޓީމަށް މުޙިންމު ލަނޑުތަކެއް ޖަހައިދިން ފޯވާޑް ވިދާޅުވިއެވެ.

ނޯމަލައިޒޭޝަން ކޮމިޓީންނާއިި، އޭގެކުރިންވެސް އެފްއޭއެމް ހިންގެވި ބޭފުޅުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް ތާރިޤް ވަނީ ޝުކުރު އަދާކުރައްވާފައެވެ.