މިޞްރުގެ ވެރިރަށް ޤާހިރާގައި ބާއްވާ ޢަރަބި ލީގުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅޭ ގޮތުން ތުރުކީވިލާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަން ހާމަ ކޮށްފިއެވެ. މިއީ, 13 އަހަރަށް ފަހު, ތުރުކީވިލާތުން ޢަރަބި ލީގުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. ތުރުކީވިލާތުން އެންމެ ފަހުން ޢަރަބި ލީގުގެ ބަައްދަލުވުމެއްގައި ބައިވެރިވެފައި ވަނީ 2011ވަނަ އަހަރުއެވެ. އެ އަހަރު ޤާހިރާގައި ބޭއްވި ބައްދަލުވުމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ތަޤުރީރު ކުރެއްވިއެވެ.
ޢަރަބި ލީގުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވުމުގެ ދަޢުވަތު ތުރުކީވިލާތަށް އަރުވާފައި ވަނީ, އެ ޤައުމާއި ޢަރަބި ލީގުގެ ބައެއް މެންބަރު ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ސޫރިޔާ ހިމެނެއެވެ. ތުރުކީވިލާތުން ސޫރިޔާއާ އެކު އޮތް ސިޔާސީ ގުޅުން ކަނޑައިލާފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ. ނަމަވެސް, ފަހަކަށް އައިސް ތުރުކީވިލާތުން ވަނީ މިޞްރާއި, އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާ އެކު ގުޅުންތައް ހަރުދަނާ ކުރަން ފަށާފައެވެ.
ތުރުކީވިލާތަކީ ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އެންމެ ފާޅުގައި ފާޑުކިޔަމުންދާ އެއް ޤައުމެވެ. އަދި, ޣައްޒާ ޢުދުވާނާއި ގަތުލުއާންމު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް, އެ ކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ އެއް ޤައުމެވެ. މީގެ 11 މަސް ކުރިން ފެށި ޣައްޒާ ޢުދުވާާން ހުއްޓުވަން މަސައްކަތް ކުރުމަށް ޢަރަބި ލީގާއި އިސްލާމީ ޤައުމުތަކުގެ އިއްތިޙާދު (އޯއައިސީ)ން ގުޅިގެން އެކުލަވައިލި ޚާއްޞަ ގުރޫޕުގައި ވެސް ތުރުކީވިލާތުން ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ.
ނަން ހާމަ ކޮށްފައި ނުވާ ތުރުކީވިލާތުގެ ޚާރިޖީ ދާއިރާގެ އޮފިޝަލަކު ބުނީ ޢަރަބި ލީގުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ހަކާން ފިދާނަށް ދަޢުވަތު އަރުވާފައިވާ ކަމުގައެވެ. އަދި, ސަރަޙައްދީ ކުރިއެރުމާއި ޢަރަބި ޤައުމުތަކާ އެކު ގުޅުންތައް ހަރުދަނާ ކުރަން އަންކަރާއިން ކުރަމުންދާ މަސައްކަތްތައް ބަލައިގަނެފައިވާ ކަން އެ ދަޢުވަތުން ދޭހަވާ ކަމުގައެވެ. ޢަރަބި ލީގުގެ މެންބަރު ޤައުމުތަކާ އެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން އަންކަރާއިން ބޭނުންވާ ކަމުގައި ވެސް އެ ޤައުމުގެ އޮފިޝަލު ބުންޏެވެ.
ތުރުކީވިލާތުގެ އޮފިޝަލު ވިދާޅުވީ, ޢަރަބި ޤައުމުތަކާއި ތުރުކީވިލާތާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމުން "ސަރަޙައްދީ މައްސަލަތައް ހައްލު ކުރުމުގައި ޤައުމުތައް ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން" ފަސޭހަވެގެންދާނެ ކަމުގައެވެ. ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ މެންބަރު ޤައުމުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލަން ވެސް ތުރުކީވިލާތުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޣައްޒާ ޢުދުވާނާއި ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ހުރިހާ އިސްލާމީ ޤައުމަކުން ތެދުވެ, އެއްބައިވަންތަ ކަމުގެ އިއްތިޙާދެއް އެކުލަވައިލަން ރައީސް އުރުދުޣާން ދާދި ފަހުން ވަނީ ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ, ޔަހޫދީންގެ އިސްތިޢުމާރީ އަމަލުތަކާއި ފަލަސްޠީނުގެ މުސްލިމުންގެ އިތުރު ބިންތައް ފޭރިގަތުން ހުއްޓުވޭނީ ޔަހޫދީންނާ ދެކޮޅަށް ހުރިހާ އިސްލާމުން އެއްބައިވަންތަވެގެން ކަމުގައެވެ.
"އިސްރާއީލުގެ ކިބުރުވެރިކަން ހުއްޓުވޭނީ, އެ މީހުންގެ ހައްދުފަހަނަ އެޅި އަމަލުތައް ހުއްޓުވޭނީ, އަދި އިސްރާއީލުގެ ދަޢުލަތުން ހިންގަމުންދާ ނިރުބަވެރި އަމަލުތަކަށް ނިމުމެއް ގެނެވޭނީ އިސްލާމީ ޤައުމުތަކުން އެއްބައިވަންތަވެގެން،" އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ އިސްތިޢުމާރީ އަމަލުތަކުގެ ނުރައްކާ އިސްލާމީ ޤައުމުތަކަށް ބޮޑުވަމުންދާ ކަަމަށާއި, އެ ކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި ލުބްނާނާއި ސޫރިޔާ ހިމެނޭ ކަމުގައި ވެސް އުރްދުޣާން ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,988އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,825އަށް އުފުލިފައެވެ.