ޚަބަރު

ވަޒީފާއިން ދުރަށްދާންޖެހުނު މުވައްޒަފުން އަލުން ވަޒީފާއާ ގުޅުމަށް ދަފްތަރުވާން ހުޅުވާލައިފި


  • ދަފްތަރުގައި ރަޖިސްޓްރީވާން އަހަރެއްހާ ދުވަހުގެ މުއްދަތެއް ވަނީ ދީފައި

  • މި ދަފްތަރު އެކުލަވާލާނީ މުއައްސަސާތައް ވަކިން

  • ވަޒީފާއަށް މީހުން ނަގާނީ ޚާއްސަ ދަފްތަރެއްގެ ތެރެއިން

ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފަތަރެއް އެކުލަވާލައި ރަޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޚިދުމަތުން ދުރަށް ދާންޖެހިފައިވާ ޚިދުމަތްތެރިނާއި ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލެއް އެކުލަވާލީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދަފްތަރަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެކެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 08 ސެޕްޓެމްބަރ 2025 ވާ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލާފައިވާ މީހުންނަށް އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ނިންމެވުމެކެވެ.

މި ފުރުޞަތުގެ ބޭނުމަކީ ފަންނީ ދާއިރާތަކަށް މީހުން ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމާއި، އެކިއެކި ދާއިރާތަކުން ތަޖުރިބާ ހުރި ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދޭނީ އެކަމަށް އެކުލަވާލާ ޚާއްސަ ދަފްތަރުގެ ތެރެއިންނެވެ. މި ދަފްތަރަށް މީހުން ނަގާނީ އެ އިދާރާތަކަށް ބޭނުންވާ ދާއިރާތަކުން ކޮންމެ އިދާރާއެއްވެސް ވަކިވަކިންނެވެ.

ދަފްތަރުގައި ހިމެނޭ މީހުން ވަޒީފާއަށް ނަގާނެ ހާލަތްތައް:


* މުވައްޒަފަކު މަޔަކަށްވުމުން ލިބޭ ޗުއްޓީއަށް ދިއުން
* މުވައްޒަފަކު ދިގުމުއްދަތުގެ ޗުއްޓީއަކަށް ދިއުން
* މަޤާމަކަށް ދެ ފަހަރު އިޢުލާނުކޮށް މުވައްޒަފަކު ނުލިބުމުން، ދާއިމީ މުވައްޒަފެއް ހަމަޖެހެންދެން ވަޒީފާދިނުން
* ސީޒަނަލް މަސައްކަތް ކުރުމަށް މުވައްޒަފުން ހަމަޖެއްސުން

މި އުޞޫލުގެ ދަށުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވޭނީ، ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރާ ފަންނުތަކުގައި ވަޒީފާއަދާކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކާއި ފުލްޓައިމްކޮށް މަސައްކަތް ކުރުމަށް އުޒުރުވެރިވާ މީހުންނަށެވެ. އަދި ވަޒީފާގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ބާވަތަށް ރިޢާޔަތްކުރާއިރު، އެ މަސްއޫލިއްޔަތަކީ އޮފީސް މާހައުލާ ދުރުގައި ހުރެގެންވެސް ނަތީޖާ ނެރެވެނިވި މަސައްކަތްތަކެއް ކުރެވިދާނެ ވަޒީފާއަކަށްވީހިނދު، އެކިއެކި ސަބަބުތަކަށް ޓަކައި ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކަށެވެ.

ތިންވަނަ ފުރުޞަތެއްގެގޮތުގައި ސިވިލް ސަރވިސްގެ އިދާރީ މަޤާމުތަކުގައި ވަޒީފާއަދާކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކަށްވެސް ފުރުޞަތު ލިބޭނެއެވެ. މި ދަފުތަރުގައި ނުހިމެނޭ ދާއިރާތަކަކީ ފްރަންޓް އޮފީހުގެ ކައުންޓަރުގައި ޚިދުމަތްދޭ ވަޒީފާއާއި ހިންގުމުގެ އިސް ފަންތީގެ ވަޒީފާތަކެވެ.