ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ ބައްދަލުވުމަކަށް އުރްދުޣާން މުސްލިމް ޤައުމުތަކަށް ދަޢުވަތު އަރުވަައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިސްލާމީ ޤައުމުތަކުގެ އެންމެ ބޮޑު އިއްތިޙާދު, އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ)ގެ ބައްދަލުވުމެއް ބޭއްވުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ގޮވައިލައްވައިފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ އެންމެ ފާޅުގައި ދެކޮޅު ހައްދަވައި, ފާޑު ވިދާޅުވަމުން ގެންދަވާ އެއް ބޭފުޅަކީ އުރްދުޣާނެވެ.

ޣައްޒާ ޢުދުވާނާއި ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ހުރިހާ އިސްލާމީ ޤައުމަކުން ތެދުވެ, އެއްބައިވަންތަ ކަމުގެ އިއްތިޙާދެއް އެކުލަވައިލަން ވެސް އުރުދުޣާން ދާދި ފަހުން ގޮވައިލައްވާފައިވެއެވެ. އޭނާ ވިދާޅުވެފައި ވަނީ, ޔަހޫދީންގެ އިސްތިޢުމާރީ އަމަލުތަކާއި ފަލަސްޠީނުގެ މުސްލިމުންގެ އިތުރު ބިންތައް ފޭރިގަތުން ހުއްޓުވޭނީ ޔަހޫދީންނާ ދެކޮޅަށް ހުރިހާ އިސްލާމުން އެއްބައިވަންތަވެގެން ކަމުގައެވެ.

ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އޯއައިސީގެ ބައްދަލުވުމެއް ބޭއްވުމަށް އުރްދުޣާން ގޮވައިލައްވާފައި ވަނީ ވެރިރަށް އަންކަރާގައި ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ, ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް, މަސްޖިދުލްއަޤްޞާއަށް ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ. އަދި, އެއީ ތުރުކީވިލާތުން ކަނޑައަޅާފައިވާ ރަތް ރޮނގު ހުރަސް ކުރުމުގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

57 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އޯއައިސީއަކީ މުސްލިމް ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް އެކުލެވިގެންވާ އެންމެ ބޮޑު އިއްތިޙާދެވެ. "ބައިތުލްމަޤްދިސް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ޒިންމާ މަތިވެފައި އޮތް އޯއައިސީން މި ކަމުގައި [ޣައްޒާ ޢުދުވާނާ ގުޅިގެން] ބަލަހައްޓައިގެން އޮތުމަކީ ވިސްނުމަށް ގެންނަން ވެސް ދަތި ކަމެއް. އިތުރު ވަގުތު ބޭކާރުކޮށް ނުލައި ވަގުތުން އެ އިއްތިޙާދުގެ ބައްދަލުވުމެއް ބާއްވަން ޖެހޭ،" އުރްދުޣާން ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދާދި ފަހުން ހުޅަނގު އައްސޭރީގައި ހިންގި ޤަތުލުޢާންމުގައި ތުރުކީވިލާތުގެ ރައްޔިތެއް ކަމުގައިވާ އައިޝެނޫރް އެޒްގެ އޭގު ޝަހީދު ކޮށްލާފައިވާ މައްސަލަ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)އަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އުރްދުޣާން ދެއްވިއެވެ. އޭގު ޝަހީދު ކޮށްލާފައި ވަނީ, އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ބައިވެރިންނަށް ޔަހޫދީ ފައުޖުން ދިން ބަޑީގެ ޙަމަލާތަކެއްގައެވެ.

"އޭނާގެ މަރާ ގުޅިގެން ޤާނޫނީ ގޮތުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން އަޅާ ނަން. ޤަތުލުޢާންމު ހިންގަމުންދާ އިސްރާއީލުގެ ސަރުކާރުން ކުރަމުންދާ ހުރިހާ ކުށަކަށް އެ މީހުން ޖަވާބުދާރީ ކުރުވާނަން،" ޔަހޫދީންނަށް އިންޒާރު ދެއްވަމުން އުރްދުޣާން ވިދާޅުވިއެވެ.

އޯއައިސީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އުރްދުޣާން ގޮވައިލައްވާފައި މި ވަނީ, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޢަރަބި ލީގުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް މިޞްރުގެ ވެރިރަށް ޤާހިރާގައި ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. 13 އަހަރުގެ މެދުކެނޑުމަކަށް ފަހު ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ތުރުކީވިލާތުން އެންމެ ފަހުން ޢަރަބި ލީގުގެ ބަައްދަލުވުމެއްގައި ބައިވެރިވެފައި ވަނީ 2011ވަނަ އަހަރުއެވެ. އެ އަހަރު ޤާހިރާގައި ބޭއްވި ބައްދަލުވުމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ތަޤުރީރު ކުރެއްވިއެވެ.