ޚަބަރު

ކަލްތަކާ ޑޮކްޓަރުގެ މަރު: ހަޅުތާލު ހުއްޓައިލަން ޞިއްޙީ ޚިދުމަތްތެރިން ދެކޮޅު


އިންޑިޔާގެ އިރުމަތީ ހުޅަނގު ބަންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާގައި ރޭޕުކޮށް މަރައިލާފައިވާ އަންހެން ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ކުރަމުންދާ ހަޅުތާލު ހުއްޓައިލަން ދެކޮޅު ހަދައިފިއެވެ. ޑޮކްޓަރުގެ މަރާ ގުޅިގެން ހަޅުތާލު ކުރަމުންދާ ޞިއްޙީ ޚިދުމަތްތެރިން އިހުތިޖާޖު ހުއްޓައިލަން ދެކޮޅު ހަދާފައި މި ވަނީ, ހަޅުތާލަށް ނިމުމެއް ގެނައުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށް, އެ ކަމަށް އެއް ދުވަހުގެ މުހުލަތެއް ދިނުމާ ގުޅިގެންނެވެ.

ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރު ރޭޕުކޮށް މަރައިލާފައި ވަނީ އޮގަސްޓު މަހުގެ 9ވަނަ ދުވަހުއެވެ. އެ ހާދިސާއާ ގުޅިގެން އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ދަނީ, ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި މުޒާހަރާ ކުރަމުންނެވެ. އަދި, ވަޒީފާގެ މާހައުލަކީ އަންހެނުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މުޒާހަރާގެ ބައިވެރިން ދަނީ ބާރު އަޅަމުންނެވެ. މި މުޒާހަރާތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެސް ވަނީ ފެތުރިފައެވެ.

އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ހަޅުތާލުގައި އެ ޤައުމުގެ ހަސްފަތާލުތަކާއި ކުލިނިކުތަކުގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ބައިވެރިވެއެވެ. ޑޮކްޓަރުގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ އެކަކު ހައްޔަރު ކޮށްފައިވާއިރު, އިންޑިޔާގެ މައި ތަޙުޤީޤީ އިދާރާއިން ދަނީ އެ ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. އެ ހާދިސާއާ ގުޅިގެން އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ކުރީގެ ޕްރިންސިޕަލް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ ހާދިސާއާ ގުޅިގެން ހަޅުތާލު ކުރަމުންދާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ބުނީ, ހަޅުތާލު ހުއްޓައިލާނީ އެ މީހުން ބޭނުންވާ ފިޔަވަޅުތައް ސަރުކާރުން އަޅަން ފެށުމުން ކަމުގައެވެ. ހަޅުތާލުގައި ބައިވެރިވާ އެއް ޔޫނިއަން ކަމުގައިވާ ވެސްޓް ބަންގާލް ޖޫނިއަރ ޑޮކްޓަރސް ފްރަންޓުން ބުނީ, ހަޅުތާލު ހުއްޓައިލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް އިޙުތިރާމު ކުރާނީ, އެ މީހުންގެ ޑިމާންޑުތައް ހާސިލުވުމުން ކަމުގައެވެ.

"އެހެން ނޫން ނަމަ, އަޅުގަނޑުމެން ޤަބޫލު ކުރާނީ މި ކަން ހައްލު ކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށް. އެ ގޮތަށް ކަން ހިނގައިފި ނަމަ, ޤައުމުގެ މަސްރަޙަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ފުރިހަމަ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ،" އެ ޔޫނިއަނުން ބުންޏެވެ. އެ ޔޫނިއަންގައި 7,000އަށްވުރެ ގިނަ ޑޮކްޓަރުން ހިމެނެއެވެ.

އިހުތިޖާޖު ކުރަމުންދާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ސަރުކާރަށް ގޮވައިލާފައި ވަނީ އެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. މި ގޮތުން, ސަރުކާރުން ހިންގާ ހަސްފަތާލުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމާއި ބަލިމީހުންނަށް ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. ކަލްކަތާގެ ފުލުހުންގެ ވެރިޔާ މަޤާމުން ވަކި ކުރުމަށް ވެސް ހަޅުތާލުގެ ބައިވެރިން ދަނީ ބާރު އަޅަމުންނެވެ.

"އެއްވެސް ތަނެއްގައި އެންމެ ސީސީޓީވީ ކެމެރާއެއް ހަރުކުރަން ފެށި މަންޒަރު ވެސް އަދި ފެންނާކަށް ނެތް. [ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން] އަރާމު ކުރާނެ ކޮޓަރިތަކެއް ކަނޑައަޅާފައެއް ނެތް. އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަ ކޮށްފައިވާ ފާޚާނާތައް ކަނޑައަޅާފައެއް ނެތް،" އިހުތިޖާޖުގައި ބައިވެރިވާ އެއް ޑޮކްޓަރު ކަމުގައިވާ ޝުބިންދޫ މާލިކް ބުންޏެވެ.

ސަރުކާރު ހަސްފަތާލުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ކުލިނިކުތަކުގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ހުސްވި މަހުން ފެށިގެން ކުރަމުންދާ ހަޅުތާލާ ގުޅިގެން ޞިއްޙީ ފަރުވާގެ ޚިދުމަތްތަކަށް ބުރޫ އެރުމާ އެކު, އެ ކަން ޙައްލު ކުރަން ސުޕްރީމް ކޯޓުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި, ހަޅުތާލު ހުއްޓައިލައި ވަޒީފާއަށް ނިކުތުމަށް ހަޅުތާލުގެ ބައިވެރިންނަށް އެއް ދުވަހުގެ މުހުލަތެއް ކަނޑައެޅުން ހިމެނެއެވެ. ކޯޓުގެ އަމުރަށް އިޙުތިރާމު ނުކޮށްފި ނަމަ, ހަޅުތާލުގެ ބައިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ސުޕްރީމް ކޯޓުން ވަނީ ދީފައެވެ.

އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ކުރަމުންދާ މުޒާހަރާތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ފެތުރިފައެވެ. އެ މުޒާހަރާތައް އިންތިޒާމު ކުރި ހަރަކާތުން ބުނީ, 25 ޤައުމެއްގެ 130އަށްވުރެ ގިނަ ރަށުގައި ބޭއްވި މުޒާހަރާތަކުގައި އިންޑިޔާ ދަރިކޮޅުގެ އެތަކެއް ސަތޭކަ ހާސް ބަޔެއްގެ އިތުރުން އެ ޤައުމުތަކުގެ ރައްޔިތުން ވެސް ބައިވެރިވި ކަމުގައެވެ. މުޒާހަރާތައް ފެށިގެން ދިޔައީ ޖަޕާނާއި, އޮސްޓްރޭލިޔާާއި, ތައިވާނާއި ސިންގަޕޫރުގައެވެ. އަދި އެއަށްފަހު, ވިލާތުގެ ޤައުމުތަކާއި އެމެރިކާގެ ބޮޑެތި ރަށްތަކަށް މުޒާހަރާތައް ވެސް މުޒާހަރާތައް ފެތުރިގެން ދިޔައެވެ.

2012ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި އަންހެން ދަރިވަރެއް ރޭޕުކޮށް މަރައިލުމާ ގުޅިގެން އެ ޤައުމުގެ ޖިނާޢީ އަދުލުގެ ނިޒާމު މުރާޖަޢާކޮށް, އަންހެނުންނާ މެދު އަނިޔާވެރި ކުށްތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ބަދަލުތަކާ އެކު ވެސް, އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.