ޚަބަރު

ޔޫކްރެއިނުން މޮސްކޯއަށް ދިން އެންމެ ވަރުގަދަ ޑްރޯން ޙަމަލާގައި ބޮޑެތި ގެއްލުންތަކެއް


ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ޔޫކްރެއިނުން ވަރުގަދަ ޑްރޯން ޙަމަލާތަކެއްދީ ޢާންމުންގެ އެކަކު މަރައިލައިފިއެވެ. ޔޫކްރެއިނުން މިހާތަނަށް މޮސްކޯއަށް ދީފައިވާ އެންމެ ވަރުގަދަ ޑްރޯން ޙަމަލާތަކުގައި ޢާންމުންގެ ދިރިއުޅޭ ދޮޅަހަކަށްވުރެ ގިނަ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި, ވައިގެ އުދުހުންތައް މެދުކަނޑައިލަން ޖެހުނެވެ. އަދި, 50އަށްވުރެ ގިނަ ފްލައިޓު ޑައިވަރޓު ކުރަން ޖެހުނެވެ.

މޮކްސޯ ސަރަޙައްދަކީ 21 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. ރަޝިޔާއިން ބުނީ, މޮކްސްކޯ ސަރަޙައްދަށް ޙަމަލާ ދޭން ޔޫކްރެއިނުން ބޭނުން ކުރި ޑްރޯންތަކުގެ ތެރެއިން 20 ހަތިޔާރު ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި, ރަޝިޔާގެ އެހެން އަށް ސަރަޙައްދަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރި 124އެއްހާ ޑްރޯން ދިފާޢު ކޮށްފައިވާނެ ކަމުގައެވެ. ޙަމަލާތަކާ ގުޅިގެން މޮސްކޯގެ ހަތަރު ވައިގެ ބަނދަރުގެ ތެރެއިން ތިން ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލިއެވެ.

މޮސްކޯގެ ސަރަޙައްދީ ގަވަރުނަރު އަންދްރީ ވޮރައިބިޔޮފް ވިދާޅުވީ, ޑްރޯން ޙަމަލާތަކުގައި ރަޔަމިންސްކްޔާ ޑިސްޓްރިކްޓުގައި ހުރި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. އަދި, ބައެއް އިމާރާތްތަކުގައި އަލިފާން ރޯވި ކަމުގައެވެ. އެއީ, 250,000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. އެ ޙަމަލާތަކުގައި މަރުވެފައި ވަނީ 46 އަހަރުގެ އަންހެނެކެވެ. އަދި, އިތުރު ތިން މީހުން ޒަޚަމުވި ކަމުގައި ވެސް ވޮރައިބިޔޮފް ވިދާޅުވިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, ޔޫކްރެއިނުން ދެން އެންމެ ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނީ ބްރިޔަންސްކް ސަރަޙައްދަށް ކަމުގައެވެ. އެ ސަރަޙައްދަށް ޙަމަލާ ދޭން ބޭނުންކުރި 70އެއްހާ ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް, އަދި ގެއްލުންތަކެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

މޮސްކޯއަށް ޔޫކްރެއިނުން ދީފައިވާ ޑްރޯން ޙަމަލާތަކަކީ ނިރުބަވެރި އަމަލެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ސިފަ ކުރައްވާފައެވެ. އަދި, ރަޝިޔާގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ގަސްދުގައި ޙަމަލާ ދެމުންދާ ކަމަށް ތުހުމަތު ކުރައްވައި, އޭނާ ވަނީ ޔޫކްރެއިންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މޮސްކޯއާއި ޢާންމުން ދިރިއުޅޭ ބޮޑެތި ސަރަޙައްދުތަކުގައި ވައިގެ ދިފާޢީ ނިޒާމު ގާއިމުކޮށް, ދިފާޢީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

2022 ފެބުރުވަރީ 24ވަނަ ދުވަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދެ ފަރާތުން ވެސް ދަނީ އަސްކަރީ ޑްރޯންތައް ބޭނުން ކުރަމުންނެވެ. އަދި, ދެ ޤައުމުން ވެސް ވަނީ އަސްކަރީ ޑްރޯން އުފެއްދުން އިތުރުކޮށް, ބޭރު ޤައުމުތަކުން އެ ފަދަ ހަތިޔާރު ހޯދުން އިތުރު ކޮށްފައެވެ. ދެ ފަރާތުގެ ދެމެދުގައި މި ވަގުތު އެންމެ ގިނައިން ޙަމަލާ ބަދަލު ކުރަމުން ދަނީ އާޓިލަރީ ބަޑިއާއި ޑްރޯން ބޭނުން ކޮށްގެން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ޔޫކްރެއިންގެ އެންމެ ފަހުގެ ޙަމަލާތަކުގެ ރައްދުގައި ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފައެވެ. ޔޫކްރެއިނުން ބުނީ, އެ ޤައުމުގެ ރަށްތަކަށް ޙަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ 46 ޑްރޯނެއްގެ ތެރެއިން 36 ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ރަޝިޔާގެ ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ, ޔޫކްރެއިންގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ އިންޖީނުގެތަކާއި ވަސީލަތްތަކަށް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މަޤުޞަދަކީ, ކުރިއަށް އޮތް ފިނި މޫސުމުގެ ކުރިން ޔޫކްރެއިންގައި ޢާންމުން ދިރިއުޅޭ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކަނޑައިލުމެވެ.

ރަޝިޔާގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ޙަމަލާ ދިނުމަކީ ޔޫކްރެއިންގެ ސިފައިންނަށް ލިބިގެންވާ ޙައްޤެއް ކަމަށް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ޤަބޫލު ކުރައްވައެވެ. އަދި, އެމެރިކާއާއި ނޭޓޯގެ މެންބަރު ޤައުމުތަކުން ފޯރު ކޮށްދެމުންދާ ދުރު-ރާސްތާ ހަތިޔާރުތައް އެ ޙަމަލާތަކުގައި ބޭނުން ކުރުމުގެ ހުއްދަ ހޯދަން އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް, އެއީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމުގެ ގޮތުގައި އެ ޤައުމުން ދެކޭނެ ކަމަށް ބަލައި, އެމެރިކާއާއި ނޭޓޯގެ މެންބަރު ޤައުމުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ފަށަން ބޭނުން ނުވާ ކަން ހާމަ ކޮށްފައެވެ.

ޔޫކްރެއިނުން މޮސްކޯއަށް ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ, ޔޫކްރެއިންގެ އިރުމަތީގެ ސަރަޙައްދުތަކަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންދާ ރަޝިޔާގެ ފައުޖުތަކުން ހަނގުރާމައިގެ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ސިފައިން މި ވަގުތު މަސައްކަތް ކުރަމުން ދަނީ ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ރަށެއް ކަމުގައިވާ ޕޯކްރޮވްސްކަށް އަތްގަދަ ކުރާށެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, ޕޯކްރޮވްސްކުގެ އިރުމަތިން އޮންނަ މަޔިމްރިކް ކިޔާ އަވަށަކަށް އެ ޤައުމުގެ ސިފައިން އަރައި, އެ އަވަށް ހިފާފައިވާ ކަމުގައެެވެ.

މަޔިމްރިކަށް ރަޝިޔާ ސިފައިން އަތްގަަދަ ކޮށްފައިވާ ކަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް, ހަނގުރާމައިގެ ޚަބަރުތައް ފަތުރާ ޔޫކްރެއިންގެ ބްލޮގަރުން ބުނީ, ރަޝިޔާގެ ސިފައިން ހުސްވި ހަފުތާގައި އެ އަވަށަށް ވެރިވެގަނެފައިވާ ކަމުގައެވެ. ޒެލެންސްކީ ވިދާޅުވީ, ދޮންބާސްގެ މައި ދެ ސަރަޙައްދުގެ ތެރެއިން ދޮންޏެސްކު ދިފާޢު ކުރަން އެ ޤައުމުގެ ސިފައިން ހިތްވަރާ އެކު ހަނގުރާމަ ކުރަމުންދާ ކަމުގައެވެ.

މަޔިމްރިކުގެ އިތުރުން އެ ސަރަޙައްދުގައި އޮންނަ ނޮވޮހޮރޮދިވްކާ ކިޔާ އަވަށަކަށް ވެސް ރަޝިޔާގެ ފައުޖުން ވަނީ އަތްގަދަ ކޮށްފައެވެ. އެއީ, ޕޯކްރޮވްސްކާ 12 ކިލޯމީޓަރު ދުރުގައި އޮތް އަވަށެކެވެ. އަދި, އެ ސަރަޙައްދު ދިފާޢު ކުރަން ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ސިފައިންނަށް ހަތިޔާރު ފޯރު ކޮށްދިނުމަށް ބޭނުން ކުރާ މުހިންމު މަގެކެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެ ރަށުގައި 14,000 މީހުންގެ އާބާދީއެއް ދިރިއުޅުނެވެ. ރަޝިޔާގެ އަތްދަށަށް އެ އަވަށް ވެއްޓިފައިވާ ކަން ޔޫކްރެއިނުން ކަށަވަރު ކޮށްދީފައެއް ނެތެވެ.