ޚަބަރު

ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް މާދަމާ ފަށަނީ


ގދ. ތިނަދޫގެ ބިންހިއްކުމުގެ މަސައްކަތް މާދަމާ ފެށޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މީޑިޔާއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ތިނަދޫ ބިންހިއްކުމުގެ މަސައްކަތް ފެށުމަށްޓަކާ ޑްރެޖަރ މިހާރު ތިނަދުއަށް ގޮސްފައިވާކަމަށެވެ.

ތިނަދޫ ބިއްހިއްކުމުގެ މަސަކަތްވެސް ކުރަނީ ސ. ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތްކުރި ކުންފުނިންނެވެ. މި ޑްރެޖަރ ބޭނުންކޮށްގެން ސ. ފޭދޫގައި 50 ހެކްޓަރުގެ ބިން ހިއްކާފައިވަނީ އެންމެ ސާދަ ދުވަހުގެ ތެރޭގައެވެ. އެހެން ނަމަވެސް މާދަމާއިން ފެށިގެން ތިނަދޫގެ ބިންހިއްކަން ފަށާއިރު 20 ނުވަތަ 21 ދުވަސް ނަގާނެކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. 

ތިނަދޫ އިން ހިއްކަން ހަމަޖެހިފައިވަނީ 55 ހެކްޓަރުގެ ބިންކަމަށާއިި ފޭދޫއަށްވުރެ ތިނަދޫގެ މަސައްކަތަށް ގިނަދުވަސް ހޭދަވަނީ އެސަރަހައްދުގެ ކަނޑުގެ ފުންމިން ފަދަ ބައެއް ކަހަލަ ކަންކަން ހުރިގޮތުންކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޢިއްޒު ވިދާޅުވިއެވެ.

ސ. ފޭދޫއާއި ގދ. ތިނަދޫގެ އިތުރުން ކ. ހިންމަފުށީގެ ބިންހިއްކުމުގެ މަސައްކަތްވެސް ހަވާލުކުރައްވާފައިވަނީ "ފަން އޫދް މެރިން އެންޑް ޑްރެޖިންގ" ކުންފުންޏާއެވެ. މިތިންރަށުގެ ބިންހިއްކުމުގެ މަސައްކަތް 14 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އެކުންފުންޏާ ހަވާލުކުރައްވާފައިވަނީ ހަ ސަތޭކަ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ.