ޚަބަރު

ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކަމުންދިޔަ ދެ ތަނެއްގެ ވިޔަފާރި ހުއްޓުވައިފި


  • ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިންވެސް އޮޕަރޭޝަންގައި ބައިވެރިވި

ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއްގެ ވިޔަފާރި ފުލުހުން ހުއްޓުވައިފިއެވެ. އެ ވިޔަފާރިތައް ހުއްޓުވާފައިވަނީ މާލެ ސިޓީ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނާ ގުޅޭގޮތުން ވިދާޅުވީ ފުރަތަމަ އޮޕަރޭޝަން ހިންގީ މިމަހުގެ 3 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަނުގައި “ޓްރާންސްފަރ މޯލްޑިވްސް”ގެ ނަމުގައި، ހުއްދަ ހޯދުމަކާ ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއަތަން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިޔަފާރި ހުއްޓުވައި، ނޯޓިސް ހަރުކުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމް.އެމް.އޭ އިން ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދާކަން ފާހަގަކުރެވުނު ސޮވެނިޔަރ ވިޔަފާރި ކުރާތަނެއްވެސް ފުލުހުން ބަލައި ފާސްކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރަށްއަށް ގޮސް ބެލިބެލުމުން އެތަނަކީ އެމް.އެމް.އޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ބާތިލްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް އެހެން ތަންތަންވެސް ބަލާފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.