ޚަބަރު

އިންޑިޔާގެ މަނީޕޫރުން އިންޓަރނެޓު ކަނޑައިލައި ކަރފިޔު އިޢުލާނުކޮށްފި


އިންޑިޔާގެ ހުޅަނގުއުތުރު މަނީޕޫރު ސްޓޭޓްގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް ދަރިވަރުން މުޒާހަރާ ކުރަން ފެށުމުން އެ ސްޓޭޓްގެ ބައެއް ސަރަޙައްދުތަކުން އިންޓަރނެޓުގެ ޚިދުމަތްތައް ކަނޑައިލުމަށް ފަހު ކަރފިޔު އިޢުލާނު ކޮށްފިއެވެ. މަނީޕޫރުގައި ހަމަނުޖެހުންތައް ހިނގަމުން ދަނީ އާބާދީ ބޮޑު މެއިޓީ ދަރިކޮޅާއި ކުއްކީ ދަރިކޮޅުގެ މީހުންނާ ދެމެދުގައެވެ. އެ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރަމުންދާ ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ މަގުތަކަށް ނިކުމެ, މުޒާހަރާ ކުރަން ފަށާފައެވެ.

މަނީޕޫރުގައި އަލުން ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ ސެޕްޓެންބަރު 1ވަނަ ދުވަހުއެވެ. އެ ހަމަނުޖެހުންތަކުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ފަދަ ހަތިޔާރު ބޭނުންކޮށް ޙަމަލާތަކެއް ދީފައެވެ. އެ ފަދަ ހަތިޔާރު ބޭނުން ކުރަނީ ކުއްކީ ދަރިކޮޅުގެ ހަނގުރާމަވެރިން ކަމަށް މަނީޕޫރުގެ ފުލުހުން ތުހުމަތު ކުރާއިރު, އެ ކަމާ ދެކޮޅަށް އަޑު އުފުލުމަށް މުޒާހަރާ ކޮށްފައި ވަނީ މެއިޓީ ދަރިކޮޅުގެ ޢާއިލާތަކަށް ނިސްބަތްވާ ދަރިވަރުންނެވެ.

މުޒާހަރާގެ ބައިވެރިން ގޮވައިލަމުން ދަނީ, މަނީޕޫރުގެ އަމަންއަމާން ކަން ބަލަހައްޓާ ޔުނިފައިޑް ކޮމާންޑުގެ އިސްވެރިން ބަދަލު ކުރުމަށެވެ. މުޒާހަރާގެ ގިނަ ޢަދަދެއްގެ ބައިވެރިން ވަނީ, މަނީޕޫރުގެ ގަވަރުނަރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ, އެ އިމާރާތަށް ޙަމަލާ ދޭން މަސައްކަތް ކޮށްފައެވެ. އެ ކަން ހުއްޓުވަން ފުލުހުން ވަނީ ކަރުނަ ގޭހާއި ކަރަންޓު މުގުރު ފަދަ ހަތިޔާރު ބޭނުން ކޮށްފައެވެ. އެ ސަރަޙައްދުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 45 ދަރިވަރުންނަށް އަނިޔާވި ކަމުގައި މަނީޕޫރުގެ ފުލުހުން ހާމަކުރިއެވެ.

މުޒާހަރާތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށް މަނީޕޫރުގެ ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އިމްފާލް ވާދީއާއި, އެ ވާދީއާ އިންވެގެން އޮތް ސަރަޙައްދުތަކުގައި ކަރފިޔު އިޢުލާނު ކުރުން ހިމެނެއެވެ. އަދި, އެ ސަރަޙައްދުގައި އޮތް ފަސް ވާދީއަކުން ބްރޯޑްބޭންޑު އަދި މޮބައިލް އިންޓަރނެޓުގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން ކަނޑައިލާފައެވެ. މީގެ އިތުރުން, މިޔަންމާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށްތަކުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖުތައް ވަނީ ބަންދު ކޮށްފައެވެ.

ފުލުހުން ބުނީ, ތައޮބާލް ޑިސްޓްރިކްޓުގައި މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ޙަމަލާދީ, ގަދަ ބާރުން ފުލުހުންގެ ހަތިޔާރު ފޭރިގަނެފައިވާ ކަމުގައެވެ. އަދި, ފުލުހުންނަށް ބަޑީގެ ޙަމަލާތަކެއް އަމާޒު ކޮށްފައިވާ ކަމުގައެވެ. "މުޒާހަރާތައް ކޮންޓްރޯލް ކުރަން އަޅުގަނޑުމެން ބާރުގެ ބޭނުން ކުރަމުން މި ދަނީ ވަރަށް މަދުން،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ. އަދި, މުޒާހަރާތައް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

2.3 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ މަނީޕޫރުގެ ދެ ދަރިކޮޅުގެ މެދުގައި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މަނީޕޫރުގެ މައި ވާދީގައި ދިރިއުޅެނީ މެއިޓީ ދަރިކޮޅުގެ މީހުންނެވެ. އަދި, އުސް ބިންތަކުގައި ދިރިއުޅެނީ ކުއްކީ ދަރިކޮޅުގެ ޢާއިލާތަކެވެ. ދެ ފަރާތުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އިންޑިޔާގެ އަސްކަރިއްޔާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 225އަށް އަރައެވެ. އަދި, 60,000އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި, މަގުމަތިވެފައެވެ. ހުސްވި އަހަރު މެއިޓީއާއި ކުއްކީ ދަރިކޮޅުގެ މީހުންގެ މެދުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ, ކުއްކީ ދަރިކޮޅަށް ޤާނޫނީ ގޮތުން ދީފައިވާ އިނާޔަތްތަކާއި ފުރުޞަތުތައް މެއިޓީ ދަރިކޮޅުގެ މީހުންނަށް ފަހިކޮށްދިނުމަށް ކޯޓަކުން އަމުރު ކުރުމުންނެވެ. ކުއްކީ ދަރިކޮޅުގެ މީހުންނަށް ލިބިދީފައިވާ އިނާޔަތްތަކާއި ފުރުޞަތުތަކުގެ ތެރޭގައި އިޤުތިޞާދީ އަދި ވިޔަފާރީގެ ފުރުޞަތުތަކާއި, ސަރުކާރު ވަޒީފާތައް ހޯދުމުގެ ފުރުޞަތާއި, ތަޢުލީމީ ފުރުޞަތުތައް ހިމެނެއެވެ.

މަނީޕޫރުގައި ވެރިކަން ކުރަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބަަހަރްތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ)ންނެވެ. އެ ސްޓޭޓްގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ޕާޓީން މިހާތަނަށް ވަކި އެއްޗެއް ހާމަ ކޮށްފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.