ޚަބަރު

ރޮނާލްޑޯގެ ފާޑުކިޔުންތަކެއް ޔުނައިޓެޑުގެ ކޯޗު ޓެން ހާގަށް


މެންޗެސްޓާ ޔުނައިޓެޑުން އަލުން ކާމިޔާބީ ހޯދަން ބޭނުންވާނަމަ އެ ކުލަބަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރިއޯ ފާޑިނަންޑްގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ދެ ފަހަރު މަތިން މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން ކުޅެފައިވާ ރޮނާލްޑޯ ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ހުންނަ މީހަކަށް އެ ކްލަބުން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް ނުވަތަ އެކަން ނުވާނެކަމަށް ނުބުނެވޭނެ ކަމަށެވެ.

"އެއީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ހުރެ ބުނެވޭނެ ވާހަކައެއް ނޫން. ޗެމްޕިއަންސް ލީގު ނުވަތަ ޕްރިމިއާ ލީގު ހޯދުމަށް ވާދަ ނުކުރެވޭނެ ކަމަށް. އެއީ އެކަމަށް މަސައްކަތް ކުރަން ޖެހޭނެ. ނުވާނެ ކިޔާފަ ހުރުމަކުން އަދި ކާމިޔާބީއެއް ނުލިބޭނެ." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ 2013 ވަނަ އަހަރު ސަރ އެލެކްސް ފަރގަސަން މެންޗެސްޓަރގެ ކޯޗުކަމުން ދުރުވި ހިސާބުން ފެށިގެން އެ ކްލަބަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވިފައިނުވާ ކަމަށާއި އަދި ކުރިން އެ ކްލަބް އޮތް ހާލަތަށް ދިއުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ރޫޑް ވެން ނިސްޓެލްރޫއީ ޓެންހާގް ބެކްރޫމް ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން ރޮނާލްޑޯ ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ. އަދި ނިސްޓެލްރޫއީއަށް އެ ކްލަބް ވަރަށް ރަގަޅަށް އެނގޭނެ ކަމަށާއި އޭނާ ދައްކާ ވާހަކަތައް ޓެންހާގް އަޑު އަހައިފިނަމަ އެ ކްލަބަށް އަދިވެސް ކާމިޔާބީ ހޯދޭނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

"އެ ކްލަބް އެބަޖެހޭ އަލުން އެއްކޮށް ބަދަލު ކުރަން. ކުޅުންތެރިން ހޯދުމަކުން އަދި ކާމިޔާބީއެއް ނުލިބޭނެ. ކްލަބުގެ ވަސީލަތްތައް ތަރައްގީ ކުރަންވެސް ޖެހޭނެ. އަދި މިހާރު އެފަދަ ބަދަލުތަކެއް ގެންނަން ފަށާފައިވާތަން އެބަ ފެނޭ." ރޮނާލްޑޯ ބުނެފައިވެ އެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑަކީ އޭނާ ވަރަށް ލޯބިވާ ކްލަބެއް ކަމަށާއި އޭނާގެ އަމިއްލަ ކާމިޔާބީއަށް އެދޭ ފަދައިން މެންޗެސްޓަރ އަށްވެސް ކާމިޔާބީއަށް އެދޭ ކަމަށެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައިވަނީ 2003 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިންނެވެ. ހަ އަހަރު މެންޗެސްޓަރ އަށް ކުޅުމަށްފަހު 2009 ވަނަ އަހަރު އޭނާ ވަނީ ރިއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. އަދި އޭގެ ފަހުން ޔުވެންޓަސް އަށް 3 ސީޒަނުގައި ކުޅުމަށްފަހު ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފައިވަނީ 2021 ވަނަ އަހަރު އެވެ.

މެންޗެސްޓަރ ޔުނައިޓެޑުގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެކްލަބަށް ގިނާ ކާމިޔާބީތަކެއް ހޯދަދީފަ އެވެ. ޗެމްޕިއަންސް ލީގާއި, ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ވަނީ އެކްލަބާއިއެކު ހޯދާފަ އެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު 346 މެޗުގައި އޭނާ ވަނީ 145 ލަނޑު ޖަހައިދީފަ އެވެ.