ޚަބަރު

ހުޅުމާލެއާއި މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ


  • ހެނދުނު 6:00ން 7:00އާ ދެމެދު ކަރަންޓް ކެނޑޭނެކަމަށް ލަފާކޮށްފައިވޭ

ހުޅުމާލެއާއި މާލޭގެ ބައެއް ސަރަޙައްދުތަކުން ހުކުރު ދުވަހު ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި، އެ ސަބްސްޓޭޝަން އެނަރޖައިޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް 13 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އިން 7:00 އަށް ކުރުމަށް ހަމަޖެހިފައިވާތީ އެ މަސައްކަތްތައް ކުރިއަށްދާ ވަގުތު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން އެ ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭގް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭކަންވެސް އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ އެ ޓްރާންސްފޯމަރުތަކުގެ ސަބަބުން ޚިދުމަތުގެ ޔަޤީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.